ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ބިލާވަލު ބުއްޓޫ، އިމްރާންޚާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

ބިލާވަލު ބުއްޓޫ

ދައުޙާ (6 ޑިސެންބަރު 2022): ޕާކިސްތާނުގައި އަވަސް އިންތިޚާބެއް ބާއްވަން ކުރީގެ ބޮޑުވަޒީރު އިމްރާންޚާން ގޮވާލައްވަނީ އޭނާގެ އަމިއްލަ ސިޔާސީ ފައިދާއަށްކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު ބިލާވަލު ބުއްޓޫ ޒަރުދާރީ ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ އެންމެ ބޮޑު ސިޔާސީ އެއްޕާޓީކަމަށްވާ ޕީޕީޕީ އަށް ނިސްބަތްވާ، އަދި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ދަރިކަލުން ބިލާވަލު ވިދާޅުވިގޮތުގައި އަވަސް އިންތިޚާބެއް ބާއްވަން، ސަރުކާރަށް ނިސްބަތްވާ ޕާޓީތަކުން ބޭނުމެއް ނުވެއެވެ. އަލްޖަޒީރާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ބިލާވަލު ވިދާޅުވިގޮތުގައި އިމްރާންޚާން ބޮޑުވަޒީރުކަމުން ދުރުކުރުމުގައި އެމެރިކާގެ އަތެއްވާކަމާއި އެއީ އެމެރިކާގެ އަސްކަރީ ބޭނުމަށް ޕާކިސްތާނުން ބިންދިނުމަށް އިމްރާންޚާން ދެކޮޅު ހެއްދުވުމުގެ ސަބަބުން ކުރި ކަމެއް ކަމަށް ވިދާޅުވެ އިމްރާން ދައްކަވަނީ ހަގީގަތާ ޚިލާފު ވާހަކަތަކެކެވެ.

އިމްރާންޚާނަށް ރައްޔިތުންގެ ތާއީދު ބޮޑުވެފައިވަނީ މިގޮތަށް ވާހަކަދައްކަވައި ރައްޔިތުންގެ ގައުމީ ވަންތަކަމުގެ ލޭ ހޫނުކޮށްލައިގެން ކަމަށް ބިލާވަލު ތުހުމަތު ކުރެއްވިއެވެ. ނަމަވެސް އިމްރާންޚާން ވެރިކަމުން ދުރުކުރުމުގައި އެމެރިކާގެ އަތެއް އަދި ނުފޫޒެއްވެސް ނުވާކަމަށާއި އަދި އެމެރިކާގެ އަސްކަރީ ބޭނުމަށް ޕާކިސްތާނުގެ ބިމެއް ހޯދުމަށް އެމެރިކާ އެދިފައިނުވާކަމަށް ބިލާވަލު ވިދާޅުވިއެވެ.

އެންމެފަހުން ޕާކިސްތާނުގައި ބޭއްވި އާންމު އިންތިޚާބު ތަނަވަސް އަޣްލަބިއްޔަތަކުން ކާމިޔާބު ކުރައްވައިގެން އިމްރާންޚާން ވެރިކަމަށް ވަޑައިގަތްއިރު ޕާކިސްތާނުގެ އެންމެ ބޮޑު ދެޕާޓީ ކަމަށްވާ ބިލާވަލުގެ ޕީޕީޕީ އާއި މިހާރުގެ ބޮޑުވަޒީރު ޝަހެބާޒު ޝަރީފުގެ މުސްލިމް ލީގު ނަވާޒް ޕާޓީއަށް ލިބިފައިވަނީ ޕާލަމެންޓްގެ ވަރަށް މަދު ގޮނޑިކޮޅެކެވެ.

އިމްރާންޚާން

ނަމަވެސް އިމްރާންޚާންގެ ވެރިކަމުގެ މެދުތެރޭން މިދެޕާޓީވަނީ ކުދި ޕާޓީތަކާ ގުޅިގެން ކޯލިޝަނެއް ހަދައި އެކޯލިޝަނަށް އިމްރާންޚާންގެ ތަހުރީކޭ އިންސާފު ޕާޓީގެ ބައެއް މެންބަރުންވެސް ވައްދައިގެން ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދުމަށްފަހު އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެން މިއަހަރުގެ ކުރީކޮޅު އިމްރާންޚާން ވެރިކަމުން ދުރުކޮށްފައެވެ.

ވެރިކަންކުރާ މި ކޯލިޝަނަށް އިމްރާންޚާންގެ ޕާޓީގެ ބައެއް މެންބަރުން ގެންދިޔައީ ބޮޑެތި އަދަދުތަކުން ރިޝްވަތު ދީގެންކަމުގެ ތުހުމަތު ކޯލިޝަންގައި ހިމެނޭ މައިގަނޑު ދެޕާޓީގެ މައްޗަށްވަނީ ކުރެވިފައެވެ. ޕީޕީޕީ އާއި މުސްލިމް ލީގު ނަވާޒް ޕާޓީގެ ވެރިކަންތަކަކީ ކޮރަޕްޝަނުން ފުރިގެންވާ ވެރިކަންތަކެއްކަން ޕާކިސްތާނުގެ ސިޔާސީ ތާރީޚު ހެކިދެއެވެ. ނަމަވެސް އިމްރާންޚާންގެ ވެރިކަމަށް އެފަދަ ތުހުމަތެއް ނުކުރެވެއެވެ.

އިމްރާންޚާންވަނީ އޭނާ މަގާމުން ދުރުކުރުމުގައި ޕާކިސްތާން ސިފައިންގެ ދައުރެއްވާކަމާއި އަދި އޭނާއަކީ ވަތަނީ ފިކުރުގެ ބޭފުޅަކަށްވާތީ އެމެރިކާގެ ނުފޫޒުވެސް އެކަމުގެ ތެރެއަށް ވަދެފައިވާކަމަށް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް ޕާކިސްތާން ސިފައިންގެ މުއައްސަސާ އާއި އެމެރިކާ އިން ވެސް ވަނީ އިމްރާންޚާންގެ ތުހުމަތު ތަކަށް އިންކާރުކޮށްފައެވެ.

މަގާމުން ދުރުކުރުމާއެކު އިމްރާން ޚާންވަނީ އަވަސް އިންތިޚާބަކަށް ގޮވާލައި ޕާކިސްތާން ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ފައްޓަވާފައެވެ. މަގާމުން ދުރުކުރުމާއެކު ޕާކިސްތާނުގެ އާންމުންގެ ސަޕޯޓް އިމްރާންޚާނަށް ވަރަށް ބޮޑަށް އިތުރުވަމުންދާކަން ސިޔާސީ އެއްވުންތަކާއި ސިޔާސީ ހަރަކާތްތަކުން ދަނީ ހާމަވަމުންނެވެ.

comment ކޮމެންޓް