ދެ ހަފުތާ ފަހުން ޅ. އަތޮޅު ހޮސްޕިޓަލަށް އޮޕަރޭޝަން ޑޮކްޓަރެއް ގެންގޮސްފި

ޅ. ނައިފަރުގައި ހުންނަ އެއަތޮޅު ހޮސްޕިޓަލް ---

ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދިޔަ އޮޕަރޭޝަން ޑޮކްޓަރު ފިލިތާ ދެ ހަފުތާ ފަހުން އެ ހޮސްޕިޓަލަށް އެހެން އޮޕަރޭޝަން ޑޮކްޓަރަކު ގެންގޮސްފިއެވެ.

މީގެ ފަސް މަސް ކުރިން ޅ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފެށި ކިއުބާއަށް ނިސްބަތްވާ އޮޕަރޭޝަން ޑޮކްޓަރު ފިލީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އޭނާ ފިލިއިރު އޮޕަރޭޝަން ޑޮކްޓަރެއްގެ ގޮތުގައި ފަރުވާ ދެމުން ދިޔައީ އޭނާ އެކަންޏެވެ.

https://sun.mv/170963

ވަކި އެއްޗެއް ނާނގާ އޭނާ ފިލުމުން މިދިޔަ ދެ ހަފުތާގައި އެ ހޮސްޕިޓަލުގައި އިތުރު އޮޕަރޭޝަން ޑޮކްޓަރެއް ނެތެވެ.

އޭނާ ފިލުމުން އެންމެ ފުރަތަމަ ޅ. އަތޮޅު ހޮސްޕިޓަލަށް އޮޕަރޭޝަން ޑޮކްޓަރެއް ގެންދިއުމަށް ހަމަޖެއްސީ ހއ. ދިިއްދޫގައި ހުންނަ އެ އަތޮޅުގެ ހޮސްޕިޓަލުންނެވެ.

https://sun.mv/171061

އެކަމުގެ އެންމެ ފަހުގެ މައުލޫމާތު އަހާލުމުން ޅ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޖައުފަރު އަބްދުﷲ މިއަދު "ސަން"އަށް ވިދާޅުވީ މިހާރު އެ ހޮސްޕިޓަލަށް އޮޕަރޭޝަން ޑޮކްޓަރެއް ލިބިފައިވާ ކަމަށެވެ.

"ހެލްތު މިނިސްޓްރީން މިކޮޅަށް މިހާރު ފޮނުވައިދީފި އާ ޑޮކްޓަރެއް، އަލަށް އެކޮޅުން ރެކުރޫޓް ކުރި ޑޮކްޓަރެއް ހަމަ، މިހާރު އިންނާނީ ހއ. އަތޮޅު ހޮސްޕިޓަލުން މިކޮޅަށް ފޮނުވަން ހުރި ޑޮކްޓަރު ކެންސަލް ކޮށްފަ،" އޭނާ ވިދާޅުވިއެވެ.

ޖައުފަރު ވިދާޅުވިގޮތުގައި ޅ. އަތޮޅު ހޮސްޕިޓަލަށް އާ ޑޮކްޓަރަކު ފޮނުވައިފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. މިހާރު ދަނީ އޮރިއެންޓޭޝަންގެ ކަންކަން ކަމަށާއި އަންނަ ހަފުތާގައި އެ ޑޮކްޓަރު މަސައްކަތަށް ނިކުންނާނެ ކަމަށް ވެސް ޖައުފަރު ވިދާޅުވިއެވެ.

ޅ. އަތޮޅު ހޮސްޕިޓަލަށް އަލަށް އެ ގެންދިޔަ ޑޮކްޓަރަކީ މިސްރަށް ނިސްބަތްވާ ފިރިހެން ޑޮކްޓަރެކެވެ.

އެ ހޮސްޕިޓަލުން ފިލި ޑޮކްޓަރު އައިސްފައި ވަނީ މާލެއަށް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މީގެކުރިން ނައިފަރުގައި މިފަދަ ހާދިސާއެއް ހިނގާފައި ނުވާ ކަމަށާއި، ޑޮކްޓަރު ފިލައިގެން ދާން ޖެހުނު ސަބަބު ނޭނގޭ ކަމަށް އެރަށު ރައްޔިތުން ބުނެއެވެ.

ކިއުބާގެ ފިރިހެން އެ ޑޮކްޓަރު ފިލުމުގެ ކުރިން ޅ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރަނީ ޖުމުލަ ދެ އޮޕަރޭޝަން ޑޮކްޓަރެވެ.

އޭގެ ތެރެއިން އެކަކު މި ދުވަސްކޮޅު ހުރީ ޗުއްޓީގައެވެ.

ޅ. އަތޮޅު ހޮސްޕިޓަލަކީ އެރަށުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން، އެއަތޮޅުގެ އެހެން ރަށްރަށާއި ރިސޯޓުތަކުން ވެސް ގިނަ އަދަދެއްގެ މީހުން ޚިދުމަތް ލިބިގަންނަ ހޮސްޕިޓަލެކެވެ.

ރާއްޖެއަށް މަސައްކަތް ކުރަން އަންނަ ބައެއް ބިދޭސީން ފިލައިގެން ދާ މައްސަލައަކީ މަދުން ނަމަވެސް ކުރިމަތިވާ މައްސަލައެކެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ޓީޗަރުން އަދި ލޭބަރުން ވެސް ހިމެނެއެވެ.

ޑޮކްޓަރުން ފިލާ މައްސަލަ އާއްމުވަމުންދާތީ ހެލްތު މިނިސްޓްރީން ވަނީ އެކަމުގެ އެޅޭނެ ފިޔަވަޅުތަކާއި ގެނެވޭނެ ހައްލުތަކާ ބެހޭ ގޮތުން އިމިގްރޭޝަންއާއެކު މި ހަފުތާގެ ތެރޭގައި މަޝްވަރާ ކުރާނެ ކަމަށް ބުނެފައެވެ.

https://sun.mv/171062

ނަމަވެސް އެކަމުގެ އެއްވެސް އިތުރު މައުލޫމާތެއް އެ މިނިސްޓްރީއަކުން ނުދެއެވެ.

comment ކޮމެންޓް