އެފްބީއައި އާއި ފުލުހުންގެ އޮޕަރޭޝަނުން އަތުލައިގަތް ހޫދުގެ ޝަރީއަތް ސިއްރު

ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހޫދު: އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި ----

ދިވެހި ފުލުހުންނާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގުޅިގެން މި އަހަރުގެ ޖެނުއަރީ މަހު ވިލިމާލޭގައި ހިންގި ޓެރަރިޒަމްގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް އުފުލާފައިވާ ދައުވާތަށް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ހޫދުގެ މައްޗަށް ވަނީ ފަސް ދައުވާއެއް އުފުލައި ޝަރީއަތް ފަށާފައެވެ.

އެ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުންނާއި ދިފާއީ ވަކީލް ވަނީ މައްސަލަ ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ. މައްސަލަ ރައްދުވާ ފަރާތާއި ދައުލަތް ފިޔަވައި އިތުރު ބަޔަކަށް ބައިވެރިނުވެވޭ ގޮތަށް ކުރިއަށް ގެންދިއުމަށް ދެ ފަރާތުން އެދުމުން މައްސަލަ ބައްލަވާ ގާޒީ މުޙައްމަދު މިސްބާޙު ވަނީ ދެން އޮންނަ އަޑުއެހުމެއް ކުރިއަށް ގެންދާނީ ސިއްރުކޮށްގެން ކަމަށް ވިދާޅުވެފައެވެ.

އިއްޔެގެ އަޑުއެހުމުގައި ހޫދުގެ ދިފާއީ ވަކީލް ނޫރުއްސަލާމް ވަނީ އޭނާގެ މުވައްކިލުގެ ބަންދަށް ލުޔެއް ދިނުމަށް އެދިފައެވެ. އަދި އެ މައްސަލައާ ދާދި އެއްގޮތްކަންތައްތަކެއް ހުރި ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި އެންމެން ވެސް ދޫކޮށްލާފައިވާކަން ވަކީލް ފާހަގަކުރެއްވިއެވެ.

ނަމަވެސް ޝަރީއަތް ނިމެންދެން ހޫދު ބަންދުކޮށްފައިވާއިރު އެ ނިންމުމަށް ބަދަލު ގެންނަން ޖެހޭތަނެއް ނެތް ކަމަށް ގާޒީ ވަނީ ނިންމާފައެވެ.

ހޫދުގެ މައްޗަށް އުފުލި ފަސް ދައުވާ:

1. އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ

2. އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުން

3. ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުން

4. ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން

5. ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން

ޕީޖީ އޮފީހުން ބުނީ ހޫދު މުޙައްމަދު ޒާހިރާ ގުޅޭ މައުލޫމާތު ދިވެހިރާއްޖެއާ ހިއްސާކޮށްފައިވަނީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުން ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ބޭރުގެ އެކި ގައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަހުގީގީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ހޫދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އެންމެ ކުޑަ އަދަބެއްގެ ގޮތުން ވެސް 34 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

comment ކޮމެންޓް