ރިޔާސީ އިންތިޚާބަށް ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ 150 ދިވެހިން ހަމަވާނަމަ

އީސީގެ ރައީސް ފުއާދު ތައުފީގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލާން ރަޖިސްޓްރީވާ މީހުންގެ އަދަދު 150އަށް އަރާ ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އިންތިޚާބަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އީސީގެ ރައީސް ފުއާދު ތައުފީގު މިއަދު "ސަން"އަށް ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވޯޓު ލެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެގައުމުތަކުގައި ވޯޓު ފޮށިތައް ބެހެއްޓުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.

ފުއާދު ވިދާޅުވީ ބޭރު ގައުމުތަކުގައި ވޯޓު ފޮށިތައް ބަހައްޓާއިރު އެ ގައުމެއްގެ ގަވާއިދުތަކާއި އުސޫލުތަކާ ގުޅޭގޮތުން ފޮރިން މިނިސްޓްރީއާއެކު މަޝްވަރާ ކޮށްފައިވާ ކަމަށާއި ވޯޓު ފޮށިތައް ބަހައްޓާނެ ގައުމުތައް ކަނޑައެޅުމުގެ މަސައްކަތް ވެސް މިހާރު އެކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.

ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ އަދަދަށް ރިޢާޔަތް ކުރުމަށް ފަހު މިހާތަނަށް ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ ސްރީލަންކާ، އިންޑިއާ، މެލޭޝިއާ އަދި ސިންގަޕޫރުގެ އިތުރުން އިނގިރޭސިވިލާތުގައެވެ. އޭގެ އިތުރުން ޕާކިސްތާނާއި، ބަންގްލަދޭޝް އަދި ތައިލެންޑުގައި ވޯޓު ފޮށި ބެހެއްޓުން އެކަށީގެންވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު އޭގެތެރެއިން ރިޔާސީ އިންތިޚާބަށް 90 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ނަމަވެސް އީސީއިން ފިނޭންސް މިނިސްޓްރީގައި އެންމެ ފުރަތަމަ އެދިފައިވަނީ 120 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިދިނުމަށެވެ.

އެގޮތުން، އިންތިޚާބުގެ ފުރަތަމަ ބުރަށް 95 މިލިއަން ރުފިޔާ އާއި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ އެ އަދަދު 120 މިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް އީސީއިން ލަފާކޮށްފައިވެއެވެ.

އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އިންތިޚާބު ބާއްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އަދި އެކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް