ވޭތުވެދިޔަ ތަނުގައި ނަފުސާނީ ކަންކަމަށް އަޅާލެވިފައެއް ނެތް: ރައީސް ޞާލިޙް

ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިން އިފްތިތާހް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ސާލިހް ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ/ރައީސް އޮފީސް

ނަފުސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނުއްސުރެ މިކަމަށް އަޅާނުލެވި އޮތްއޮތުންކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ނަފުސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިން އިފްތިތާހް ކުރުމަށް މިއަދު ދަރުބާރުގޭގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވިދާޅުވީ، ނަފްސާނީ މައްސަލަތައް މިއަދު މިހާހިސާބަށް އައުމުގެ އެންމެ ބޮޑު ސަބަބަކީ ވޭތުވެދިޔަ އަހަރުތަކުގައި މިކަމަށް އަޅާނުލެވި އޮތުން ކަމަށެވެ.

ރައީސް ސާލިހް ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިން އިފްތިތާހް ކޮށްދެއްވަނީ--- ފޮޓޯ/ރައީސް އޮފީސް

ރައީސް ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދިނީ، އަދި މިހާރުވެސް ދެމުން އަންނަނީ އެންމެ ފަރުދަކުވެސް ބާކީ ނުކޮށް، ތަފާތުކުރުމެއްނެތި ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

"ސަރުކާރުގެ ވިސްނުން ހުރީ މުޅި ރާއްޖެއަށް ޚިދުމަތް ދޭން. އޭގެ ތެރެއިންވެސް ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތެއް ކަށަވަރުކުރުމުގެ ސިޔާސަތެއް ކަނޑައަޅައި ތަންފީޒުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭކަމެއް،" ރައީސް ވިދާޅުވިއެވެ.

ދެހާސް ނަވާރަ ވަނަ އަހަރު މި ސަރުކާރުން ވަނީ ނަފުސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް މާލޭގައި ވަކި މަރުކަޒެއް، މެންޓަލް ހެލްތު ސެންޓަރުގެ ނަމުގައި ހުޅުވައިފައެވެ. އެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ހުޅުމާލޭގައި ވެސް މެންޓަލް ހެލްތު ސެންޓަރެއް ގާއިމްކޮށް އަންނަނީ ޚިދުމަތްދެމުންނެވެ. އެ ޚިދުމަތް ދެމުން އަންނަނީ ނަފުސާނީ ބަލިތަކަށް ބޭނުންވާ ގިނަ ފަރުވާތައް އާސަންދައިގެ ދަށުން ކުރެވޭގޮތަށެވެ.

ރައީސް ވިދާޅުވީ، ނަފުސާނީ ވޭންތައް ތަހައްމަލްކުރަމުންދާ މީހުންނާއި ކުދިންނާއި ޒުވާނުންވެސް ރާއްޖޭގައި ވަރަށް ގިނަ ކަމަށެވެ. އެފަދަ ވޭނުގައި އުޅޭ މީހުންނާއި ކުދިންނަށް އެކަށޭނެ ފަރުވާ ފޯރުކޮށްދިނުމަށް އޮތް ގޮންޖެހުންތައް ބޮޑު ނަމަވެސް މިއީ ނުކުރެވޭވަރުގެ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

"ގައުމެއްގެ ކުރިއެރުމަކީ ރައްޔިތުންގެ ކުރިއެރުން. ތަރައްގީއަށް ކުރާ މަސައްކަތުން ނަތީޖާ ހާސިލްކުރެވެނީ ތަރައްގީގެ މައި އިންޖީނުގައި ހަކަތަ އާއި ބުންވަރު ހުރެގެން. އެކަމަށް ބޭނުންވާ ހިތްވަރާއި ފަންވަރު ރައްޔިތުންގެ ކިބައިގައި އުފެދެނީ ކޮންމެ ފަރުދަކަށްވެސް ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން ލިބިގެން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ނަފުސާނީ ފަރުވާގެ އެންމެ މުހިންމު ކަމަކީ ބަލީގެ ކުރީކޮޅު ފަރުވާދޭން ފެށުން ކަމަށާއި އެކަން ކުރެވޭނީ އެމީހަކު ދިރިއުޅޭ ރަށަކުން އެ ފަރުވާ ދެވޭނެ އިންތިޒާމެއް ހަމަޖެހިގެންކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް މިކަމުގައި އެންމެ މުހިންމީ ނަފުސާނީ ބައްޔެއް ނުވަތަ ނަފުސާނީ ހާލަތެއް މެދުވެރިވާ ކަމުގެ އަލާމާތެއް ކުރީކޮޅުގައި ދެނެގަތުންކަމަށާއި، މިފަދަ ކަންކަމަށް ހޭލުންތެރިކަން އިތުރު ކުރުމަކީ މިއަދު އިފްތިތާހުކުރި ކެމްޕެއިނުގެ އެއް ބޭނުންކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ނިންމާފައި ވަނީ، ނަފުސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިން ކުރިއަށްދާއިރު، ނަފުސާނީ ފަރުވާގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމަށެވެ. މިގޮތުން މިހާރު ޓާޝަރީ ފެންވަރަށް ތަރައްގީކުރަމުން އަންނަ ފަސް ހޮސްޕިޓަލުގައި ނަފުސާނީ ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު، އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި ވެސް ނަފުސާނީ ފަރުވާ ތައާރަފުކޮށް، ތެރަޕީ އާއި ކައުންސިލިން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް