ޕްރޮގްރާމުގެ ދަށުން މި އަހަރުގެ މިހާތަނަށް ނާސްތާ ދިނީ 821 ކުއްޖަކަށް: މިނިސްޓްރީ

ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުދެ ޕައިލެޓް ޕްރޮގްރާމް ރަސްމީކޮން ފެށުން -- ޕޮޓޯ/ ރައީސް އޮފީސް

މި އަހަރުގެ މިހާތަނަށް ސަރުކާރުގެ ނާސްތާ ޕްރޮގްރާމްގެ ދަށުން 821 ކުދިންނަށް ނާސްތާ ފޯރުކޮށްދެމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ނާސްތާ ޕްރޮގްރާމް މިހާރު ކުރިއަށްދާ ގޮތާ ގުޅޭގޮތުން މިއަދު "ސަން"އިން ކުރި ސުވާލަކާ ގުޅިގެން އެ މިނިސްޓްރީން ބުނީ އެ ޕްރޮގްރާމް މަޑުޖެހި، ނުވަތަ ހުއްޓިފައިނުވާކަމަށެވެ.

"އަޅުގަނޑުމެން މިހާރު މި ޕްރޮގްރާމްގެ ތެރެއިން ވެސް މާލޭގެ ގިނަ ސްކޫލުތަކަކާއި ބައެއް ރަށްރަށުގެ ސްކޫލުތަކުގައި ކުދިންނަށް އެބަ ނާސްތާދެން. އެކަމަކު މިހާރު މި ދެނީ އެކަމަށް އެދޭ އެންމެ ބޭނުންޖެހިފައި ތިބި ކުދިންނަށް،" އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މާލޭގެ ގިނަ ސްކޫލުތަކުގައި ނާސްތާ ނަގާ ކުދިން އުޅެއެވެ. އެގޮތުން "ސަން"އާ ވާހަކަދައްކަވަމުން ކަލާފާން ސްކޫލުގެ ޕްރިންސިޕަލް ރަހްމާ އަބްދުއް ރަހްމާން ވިދާޅުވި ގޮތުގައި އެ ސްކޫލުން ވެސް 90އަށްވުރެ ގިނަ ކުދިން މިހާރު ވެސް ނާސްތާ ނަގައެވެ.

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ.

އެ ވައުދު ފުއްދުމަށް ޓަކައި ސްކޫލުތަކުގައި ހެނދުނު ދަންފަޅީގައި ކިޔަވާ ހުރިހާ ކުދިންނަށް ނާސްތާ ދޭން ފެށީ 2019ވަނަ އަހަރުގެ ޖޫން 11ވަނަ ދުވަހެވެ.

މާލެ އާއި އަތޮޅު ތެރޭގެ ސްކޫލުތަކުގައި ވެސް ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިޔައެވެެ.

އެހެންނަމަވެސް ކޮވިޑާއެކު ސްކޫލުތައް ބަންދުކުރުމުން އެ ޕްރޮގްރާމް މެދުކަނޑާލިއެވެ. އޭގެ ފަހުން އަލުން މިދިޔަ އަހަރުގެ ތެރޭ އެ ޕްރޮގްރާމް ފަށައިފައިވާއިރު މިހާރު ނާސްތާ ދެނީ ހަމައެކަނި އެންމެ ބޭނުންޖެހޭ ކުދިން ދެނެގަނެ، އެ ކުދިންނަށެވެ.

comment ކޮމެންޓް