ސަރުކާރު ސުކޫލްތަކުގެ ރަސްމީ ޔުނީފޯމާއި އެކްޓިވިޓީ ޔުނީފޯމަށް، 2027އިން ފެށިގެން ގެންނަން ނިންމާފައިވާ ބަދަލުތަކާއެކު، ޔުނިފޯމް ހޯދުން ފަސޭހަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޔުނިފޯމަށް ބަދަލުތައް ގެނައުމަށް ސްކޫލްތަކުގެ އިސްވެރިންނާއި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރިކަމަށެވެ.
އެ މިނިސްޓްރީން ބުނީ، ޔުނީފޯމުގެ ގަމީހުގެ ކުލަތައް ކަނޑައެޅުމުގައި ބަލާފައިވަނީ މިނިސްޓްރީގެ ކުލަ އާއި ގައުމީ ދިދައިގެ ކުލަތަކާ ގުޅުވުމަށް ކަމަށެވެ. އަދި ފަޓުލޫނު ގަދަ ކުލައެއްގައި ބެހެއްޓުމަށް ކަމަށެވެ.
އެ ބަދަލާއެކު، ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމާއެކު ބޭނުން ކުރާނީ އެއްވެސް ޑިޒައިނެތް ނެތް ކަޅު ކުލައިގެ ޓްރެކްސޫޓް ކަމަށް މިނިސްޓްރީން ބުންޏެވެ.

ފިރިހެން ދަރިވަރުންގެ ތެރެއިން ފައުންޑޭޝަން އަދި ކީ ސްޓޭޖް 1ގެ ރަސްމީ ޔުނިފޯމްގެ ނަމޫނާ --
އެޑިއުކޭޝަން މިނިސްޓްރީން ވަނީ، ޔުނިފޯމަށް ގެންނަ ބަދަލާ ގުޅޭ އުސޫލެއް އެކުލަވާލައިފައެވެ.
އެ އުސޫލަށް ޢަމަލުކުރަން ފަށާނީ 2027ގެ ދިރާސީ އަހަރުން ފެށިގެން ކަމަށާއި، އެހެންވެ، ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ ސްކޫލަކުން ވެސް އެ އުސޫލާ އެއްގޮތަށް ޔުނިފޯމު ބަދަލުކޮށް ނިންމުމަށް މިނިސްޓްރީން ވަނީ އަންގައިފައެވެ.
އެ އުސޫލުގައި ބުނެފައިވަނީ ސްކޫލްތަކުގައި ބޭނުންކުރާ ރަސްމީ ޔުނީފޯމުތަކުގެ މަތި(ގަމީސްޓޮޕް/ގަމީސް) ހުންނަންވާނީ ހުދު، 'ސްކައި ބްލޫ'، 'ޓީ ގްރީން'ގެ އިތުރުން 'ލައިޓް ރެޑް' ކުލައިގައި ކަމަށެވެ. އަދި ރަސްމީ ޔުނީފޯމުގެ ތިރި (ފަޓްލޫން/ސްކާޓް/ސޯޓު) ހުންނަންވަނީ ކަޅު ނުވަތަ ނޭވީ ބްލޫގެ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައެއްގައި ކަމަށް އުސޫލުގައިވެއެވެ.
ސްކޫލްތަކުގައި ރަސްމީ ޔުނީފޯމާއެކު ބޭނުންކުރާ ބުރުގާ ހުންނަން ވާނީ ނޭވީ ބްލޫ ނުވަތަ ރޯޔަލް ގްރީން ނުވަތަ ޑާކް ރެޑް ނުވަތަ ހުދު ކުލައިގައެެވެ.

އެކްޓިވިޓީ ޔުނިފޯމްގެ ނަމޫނާ ---
ސަރުކާރު ސްކޫލްތަކުގެ ދަރިވަރުން 2027 ން ފެށިގެން ބޭނުންކުރަންޖެހޭ އެކްޓްވިޓީ ޔުނީފޯމުތަކުގެ މަތި(ޓީޝާޓް) ހުންނަންވާނީ ނޫ ނުވަތަ ފެހި، ރަތް އަދި ސްކޫލްގެ ކުލަ ތެރެއިން އެ ސްކޫލަކުން ކަނޑަ އަޅާ ކުލައެއްގައެވެ. އަދި އެކްޓިވިޓީ ޔުނީފޯމުގެ ތިރި (ސޯޓު/ޓްރެކްސޫޓް/ސްކާޓް) ހުންނަންވާނީ ކަޅު ކުލައިގައެވެ.
އެކްޓިވިޓީ ޔުނީފޯމާއެކު ތިރިއެއް ލާ ނަމަ ބޭނުންކުރާނީ ކަޅު ކުލައިގެ، ތިން އިންޗީގެ ފުޅާ މިނުގައި އާދައިގެ ރޫ ނަގާފައި ހުންނަ ސްކާޓެކެވެ. ކަކުލާ ހަމައަށް ހުންނަން ޖެހޭ އެ ސްކާޓުގައި އެއްވެސް ލޯގޯއެއް އެއްޗެއް ބޭނުމެއް ނުކުރެވޭނެ ކަމަށާއި ކީ ސްޓޭޖް އެކެއްގެ ދަރިވަރުން ފިޔަވާ ހުރިހާ އަންހެން ކުދިން ސްކާޓް ލާނަމަ ހަރުވާޅު ނުވަތަ ޓްރެކްސޫޓެއް ލާން ޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.
ސްޓޭޖު އެކެއް އަދި ދެއަކުގެ ދަރިވަރުން ގަމީސް ހުންނަންވާނީ ދަށަށް ޖަހާފައެވެ. ބެޖު ހުންނަންޖެހޭނީ ޖީބުގައި ހަރުކޮށްފައެވެ. މި ދަރިވަރުން ޓައީ އަޅާކަށް ނުޖެހޭނެއެވެ. އަދި ކީ ސްޓޭޖް ތިނަކާއި ހަތަރެއްގެ ދަރިވަރުން ޔުނީފޯމާއެކު ޓައީ އަޅާނީ ސްކޫލުން ބޭނުންވާ ނަމައެވެ. އެހެން ނަމަވެސް ކީ ސްޓޭޖް ފަހެއްގެ ދަރިވަރުންނަށް ޓައީ އަކީ ޔުނީފޯމުގެ ބައެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ޓައި ބޭނުން ކުރެވޭނީ ސްކޫލު ކުލައިގެ އިތުރުން ނޫ، ފެހި، ރަތް ކުލައިގެ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައެއްގައެވެ. އަދި ޓައީގައިވެސް ބެޖު ހަރުކޮށްފައި ހުންނަންޖެހެއެވެ.

ސްކޫލްތަކުން ބޭނުންކުރާ ޓައީ ހުންނަން ޖެހޭ ގޮތުގެ ނަމޫނާ --
ފައުންޑޭޝަން ސްޓޭޖާއި ކީ ސްޓޭޖް އެކެއްގެ ފިރިހެން ދަރިވަރުން ކަކުލުން ތިރިއަށް ހުންނަ ކަޅު ސޯޓު ލާއިރު، އަންހެން ދަރިވަރުންނަށް ބޭނުންކުރެވޭނީ ސްކާޓް ނުވަތަ ފަޓުލޫނެވެ. އަދި ސްކާޓާ އެއްކޮށް ހަރުވާޅުވެސް ބޭނުން ކުރެވޭނެކަމަށް އުސޫލުގައި ބުނެފައިވެއެވެ.
ފައުންޑޭޝަން ނުވަތަ ކީ ސްޓޭޖު އެކެއްގެ ދަރިވަރުން ފިޔަވާ އެހެން ސްޓޭޖުތަކުގެ އަންހެން ދަރިވަރުން ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ބުޑުގެ ތިރިން، 2-4 އިންޗިއާ ދެމެދު ދިގުކޮށެވެ.
ޔުނީފޯމާއެކު ސްކާޓްލާ ދަރިވަރުން ހަރުވާޅުލާން ޖެހޭނެއެވެ. ސްކާޓް ހުންނަން ޖެހޭނީ ކަކުލުން ތިރިއަށް ދެ އިންޗި ހުންނަ ވަރަށެވެ. ކުރިމަތިންނާއި ފުރަގަހުން ކޮންމެ ފަރާތެއްގައި ދެ ރޫ ނަގާފައި ހުންނަން ޖެހެއެވެ. އަދި އަރިމަތީގެ ކޮންމެ ރުލެއްގެ ފުޅާމިނުގައި ދެ އިންޗި ހުންނަން ޖެހެއެވެ. އަދި މެދުގައި ހުންނަން ޖެހެނީ ބޮކްސް ޕްލީޓް ނުވަތަ ރޫނަގައިފައެވެ. އަދި ފަޓުލޫނު ލާ ދަރިވަރުންނަށް ބެގީ ކުރުން މަނާވާނެއެވެ.

އަންހެން ދަރިވަރުންގެ ޔުނިފޯމްގެ ނަމޫނާއެއް --
އުސޫލު ބުނާގޮތުން ދަރިވަރުން ޕްރިފެކްޓަކަށް ބަދަލުވުމުން ޔުނީފޯމަށް އެއްވެސް ބަދަލެއް ގެންނާކަށް ނުޖެއެވެ.
އުސޫލުގައި ބުނާގޮތުން ހުރިހާ ދަރިވަރުންވެސް ބޭނުންކުރަން ޖެހެނީ އެއްވެސް ޑިޒައިނެއް ނުހުންނަ ކަޅު ބެލްޓާއި، ކަޅު އިސްޓާކީނެވެ. އަދި ބޭނުންކުރަންޖެހޭނީ ކަޅު ބޫޓެވެ. އެހެން ނަމަވެސް އެކްޓިވިޓީ ޔުނީފޯމާއެކު ސްޕޯޓްސް ބޫޓެއް ބޭނުންކުރެވިދާނެއެވެ.
މިނިސްޓްރީން ބުނީ، ޔުނީފޯމަކީ ދަރިވަރުން އުނގެނުމުގެ މާހައުލުގައި ފަސޭހަކަމާއެކު ހެލިފެލިވެ އުޅެވޭނެ، ގަޔަށް ފަސޭހަ އެއްޗަކަށް ވާންޖެހޭނެކަމަށެވެ. އަދި ބެލެނިވެރިންނަށް ފަސޭހަކަމާއެކު ޔުނީފޯމު ލިބުމުގެ މަގު ފަހިކޮށްދިނުމަކީ މިނިސްޓްރީން ނުހަނު ބޭނުންވާކަމެއްކަމަށް ބުނެފައިވެއެވެ.