މޯބައިލް ފޯނުގެ ސިމްކާޑު ދޫކުރާ އުސޫލަށް ބަދަލު ގެންނަނީ

އުރީދޫ ސިމް ކާޑެއް: މޯބައިލް ފޯނުގެ ސިމްކާޑު ދޫކުރާ އުސޫލަށް ބަދަލު ގެންނަން ވަނީ ނިންމާފަ --

މޯބައިލް ފޯނު ޚިދުމަތުގައި ބޭނުންކުރާ ސިމްކާޑު ދޫކުރާނެ ގޮތުގެ އައު އުސޫލެއް އެކުލަވާލައިފިއެވެ.

މި އުސޫލަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެންނެވެ.

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާއެކު، އެފަދަ އަމަލުތައް މަދުކުރުމަށް އަޅާ ފިޔަވެޅެއްގެ ގޮތުން، މޯބައިލް ފޯނު ޚިދުމަތް ހޯދުމަށް ބޭނުންކުރާ ސަބްސްކްރައިބާ އައިޑެންޓިފިކޭޝަން މޮޑިއުލް (ސިމް) ކާޑު ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ބުނިގޮތުގައި މި ގެންނަ ބަދަލުތަކާއެކު، ސިމްކާޑު، ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުންނުކުރެވޭ (ނޮން އެކްޓީވޭޓަޑް ސްޓޭޓަސް) ހާލަތުގައެވެ. އަދި ސިމްކާޑު އެކްޓިވޭޓް ވާނީ، ސިމްކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސާވިސް ޕްރޮވައިޑަރަށް ލިބުމުންނެވެ.

ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށް އޮތް ތަނުގައި އިތުރު ކަންކަން ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

comment ކޮމެންޓް