ބަޖެޓަށް ވޯޓަށް އެހީ ލާޒިމު ވާތީ، އެހެން ނޫންނަމަ ނާހާނަން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު ފާސްކުރުމަށް ވޯޓަށް އެއްސެވީ ގާނޫނީ ގޮތުން ލާޒިމްވާތީ ކަމަށާއި، އެހެން ނޫން ނަމަ ވޯޓަށް ނާއްސަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު މިއަދު މަޖިލީހުން ފާސްކޮށްފައިވާއިރު، ބަޖެޓުގެ ވޯޓަށް އެއްސެވުމުގެ ކުރިން މަޖިލީހުގެ ތަޅުން ކޮންމެވެސް ވަރަކަށް ހޫނުވެ، ބައެއް މެމްބަރުން ތަޅުމުގައި އަޑުގަދަ ކުރައްވާފައިވެއެވެ.

ދައުލަތުން ބަޖެޓު ހުށަހަޅާފައިވަނީ ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ ނ. އާއި މާލިއްޔަތު ގާނޫނާ ގަވާއިދާ ޚިލާފަށް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އަންނަ އަހަރަށް ލަފާކުރާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓާއެކު މި އަހަރުގެ ބަޖެޓް ފޫބައްދަން 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ސަރުކާރުން ހުށަހަޅާފައިވާއިރު، މަޖިލީހުގެ ރައީސް ހިމެނިވަޑައިގަންނަވާހެން ގިނަ އަދަދެއްގެ މެމްބަރުން ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ ސަރުކާރުން މިދިޔަ އަހަރު ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް އަދި އެއްވެސް ފައިސާއެއް ބޭނުން ކޮށްފައި ނުވާ ކަމަށެވެ.

އެކަމާ ގުޅޭ މައްސަލައެއް މިހާރު އަމިއްލަ ފަރާތަކުން ކޯޓަށްވެސް ހުށަހަޅާފައިވާއިރު، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މަޖިލީހުގައި އަޑުގަދަ ނުކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން ރައީސް ނަޝީދު ވިދާޅުވީ އެކަމާ މެދު ގޮތެއް ނިންމާނީ ޝަރީއަތުން ކަމަށާއި، ގާނޫނީ ގޮތުން ވޯޓަށް ނާހައި ވާނެ ފުރުސަތެއް އޮތް ނަމަ ބަޖެޓު ފާސްކުރަން ވޯޓަށް ނާއްސަވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވެފައި އެބޮތް ޚަރަދެއް ނުކުރައްވަމޭ. ދެން ޝަރީއަތުން ނިންމާން ޖެހޭނީ އެކަމާ ގުޅޭގޮތުން ގޮތެއް. އަޅުގަނޑަކަށް އެނިންމުމެއް ނިންމޭކަން ނެތް. އަޅުގަނޑު އެއަށް [ބަޖެޓަށް] ވޯޓަށް އަހަން ޖެހޭ. ކިރިޔާވެސް ނާހައި ފުރުސަތެއް ގާނޫނީ ގޮތުން އަޅުގަނޑަށް އޮތް ނަމަ އަޅުގަނޑު ނާހާނަން. ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު

ބަޖެޓް ފާސް ކުރުމަށް ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުން ވޯޓެއް ވެސް ނުދެއްވައެވެ.

ދިވެހިރާއްޖޭގެ މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވާގޮތުގައި ދައުލަތުގެ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ހުށަހަޅާނަމަ އެ ބަޖެޓު ބޭނުންވާ ދުވަހުގެ އެއް މަސް ދުވަސް ކުރިން މަޖިލީހަށް ހުށަހަޅަންޖެހޭނެއެވެ. އަދި މަޖިލީހުން ހުއްދަ ލިބިގެން މެނުވީ މަޖިލީހުން ފާސްކޮށްފައިވާ ވަރަށް ވުރެ އިތުރަށް ބަޖެޓުން ހަރަދު ކޮށްގެން ނުވާނެކަމަށްވެސް ގާނޫނު އަސާސީގައި ބުނެފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި މި އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު ހިމެނޭނެ ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށް މީގެކުރިން ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ގެނައި އިސްލާހާއެކު މަޖިލީހުން މިއަދު ވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ. ބަޖެޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 69 މެމްބަރުންގެ ތެރެއިން 61 މެމްބަރުންގެ ވޯޓާއެކުއެވެ.

comment ކޮމެންޓް