ހަކުރުބަލީގެ ފަރުވާއަށް ބޭނުންވާ ބޭހަށް އެކަނިވެސް އަހަރަކު 140 މިލިޔަން ރުފިޔާ ޚަރަދުވޭ: އާސަންދަ

ހެލްތް ސްކްރީން ޕްރޮގްރާމެއްގެ ތެރެއިން: ރާއްޖޭގައި ވެސް ހަކުރު ބަލި ޖެހިފައިވާ މީހުން ގިނަ-- ފޮޓޯ/ ދަމާސް

ހަކުރުބަލީގެ ފަރުވާ އަށް ބޭނުންވާ ބޭހަށް އެކަނިވެސް އަހަރެއްގެ މައްޗަށް 100 މިލިޔަން ރުފިޔާއާއި 140 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ޚަރަދުވާ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް އައްޒާމް ވަޖީހު މިއަދު ވިދާޅުވެއްޖެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ވަނީ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީއެސްއެމް) އަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން އާސަންދަ ކުންފުނީގެ ބޭފުޅުންނާ ވަނީ ބައްދަލުކޮށްފައެވެ. ޑީއެސްއެމް އިން ވަނީ ހަކުރު ބަލި ޓެސްޓު ކުރަން ބޭނުންވާ ބައެއް ވަސީލަތްތަކާއި ޑޮކްޓަރަށް ދެއްކުމަށް ހުރި ދަތިތަކުގެ އިތުރުން ބައެއް ބޭސް ލިބުމުގައި ހުރި ދަތިތައް ފާހަގަކޮށް އެކަން އިޖްތިމާއީ ކޮމިޓީއާ ހިއްސާ ކޮށްފައެވެ.

އެކަމާ ގުޅިގެން އާސަންދައިގެ އެމްޑީ އައްޒާމު ވިދާޅުވީ ވަކި ބޭހެއް އާސަންދައިގެ ދަށުން ނުލިބޭ ކަން ފާހަގަވެފައި ނުވާ ކަމަށެވެ. އަދި އެކަމުގެ ޝަކުވާ ވެސް އެ ކުންފުންޏަށް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޒާމް ވިދާޅުވީ މިހާރު ވެސް ހަކުރު ބައްޔަށް ފަރުވާ ކުރުމަށް ބޭނުންވާ ގިނަ ބޭސްތަކަށް އާސަންދަ ލިބޭ ކަމަށެވެ. އަދި ބައެއް ބޭހަކީ ހަމައެކަނި އެ ބޭހަކަށް އެކަނިވެސް 60އާއި 70 މިލިޔަނާއި ދެމެދުގެ ޚަރަދެއް ހިނގާ ބޭސްތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ހަކުރު ބައްޔާ ގުޅޭ ބޭސްތަކަަށް އެކަނިވެސް އަހަރެއްގެ މައްޗަށް 100އާއި 140 މިލިޔަން ރުފިޔާއާ ދެމެދުގެ ޚަރަދެއް ހިނގާ ކަމަށެވެ.

ހަރުކުބަލީގެ ޓެސްޓުތައް ހެދުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އައްޒާމް ވިދާޅުވީ މިހާރުވެސް ޑޮކްޓަރު ލަފާ ދެއްވައިގެން ހަދަން ޖެހޭ ޓެސްޓުތައް އާސަންދައިގެ ދަށުން ހެދުމުގެ އިންތިޒާމްތައް ހަމަޖައްސަމުން ދާ ކަމަށެވެ. އަދި ހުރި ދަތިތަކާއި ވަކިވަކި މައްސަލަތައް ބެލުމަށް ޑީއެސްއެމްއާ ވަކިން ބައްދަލު ކޮށް މަޝްވަރާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަޝްވަރާތަކަށް ފަހު ކޮމިޓީގައި އިންނެވި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސާ ވަނީ ހަކުރު ބައްޔަށް ފަރުވާ ހޯދުމާއި ޓެސްޓުކުރުމުގައި ހުރި މައްސަލަތައް ހޯދުމަށްޓަކައި ކަމާގުޅުން ހުރި ހުރިހާ ފަރާތްތަކާއި އާސަންދަ އަދި އެންސްޕާއާއެކު މަޝްވަރާ ކުރުމަށް އެ ކޮމިޓީން އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ހުށަހަޅުއްވާފައެވެ.

ގައިންގަޔަށް ނާރާ ބަލިތަކުގެ ހާލަތު ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ހެލްތު މިނިސްޓްރީން ހެދި، "ސްޓެޕްސާވޭ 2020-2021" އިން ދައްކާގޮތުގައި 14 ޕަސެންޓް ދިވެހީންނަށް ވަނީ ހަކުރު ބަލި ޖެހިފައެވެ. އަދި 2018 ވަނަ އަހަރު ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމްއިއްޔާއިން ނެރެފައިވާ ރިޕޯޓުން ދައްކާގޮތުން ރާއްޖޭގައި 3.7 ޕަސެންޓް މީހުން މަރުވަނީ ހަކުރު ބަލީގެ ސަބަބުންނެވެ.

އިންޓަނޭޝަނަލް ޑައިބެޓިކްސް ފައުންޑޭޝަން (އައިޑީއެފް)ގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ބޮޑެތި މީހުންގެ އާބާދީ 404،700 އަށް އަރާއިރު އޭގެ ތެރެއިން 27،000 މީހުންނަށް ވަނީ ހަކުރު ބަލި ޖެހިފައެވެ. އެހެންކަމުން ރާއްޖޭގެ ބޮޑެތި މީހުންގެ އާބާދީގެ 6.7 ޕަސެންޓް މީހުންނަށް ވަނީ ހަކުރު ބަލިޖެހިފައެވެ.

comment ކޮމެންޓް