މަސްލަހަތަށް ބެލުމަށްފަހު އިސްލާމް އާބާދަށް ދިޔުމުގެ މުޒާހަރާ ހުއްޓާލަން އިމްރާންޚާން ނިންމަވައިފި

އިމްރާންޚާން

ރާވަލްޕިންޑީ (28 ނޮވެމްބަރު 2022): ޕާކިސްތާނުގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައި ލާހޫރުން އިސްލާމްއާބާދަށް ދިއުމަށް ފެށި ބޮޑު މުޒާހަރާ ހުއްޓާލަން ނިންމިކަން އެގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާންޚާން އިއުލާނު ކުރައްވައިފިއެވެ.

މިމަހުގެ ކުރީކޮޅު މި މުޒާހަރާތައް ފެށިތަނާ އިމްރާންޚާނަށް ދިން ބަޑީގެ ހަމަލާތަކަށްފަހު ރަވަލްޕިންޑީގައި ސަޕޯޓަރުންނާއެކު ބޭއްވި ބޮޑު އެއްވުމުގައި ވާހަކަދައްކަވަމުން އިމްރާން ޚާން ވިދާޅުވީ އިސްލާމްއާބާދަށް ދިއުމަށް ފެށި ބޮޑު މުޒާހަރާ ހުއްޓާލަން ނިންމީ އެކަމުގެ ސަބަބުން ގައުމު ހަލަބޮލިވެ ފުލުހުންނާއި އާންމުން ކުރިމަތިލުމަކަށްގޮސް ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ވެދާނެކަމުގެ ބިރު އޮތުމުންނެވެ.

ނަމަވެސް އަވަސް އިންތިޚާބެއް ބޭއްވުމަށް ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމުގައި ދެމިހުންނަވާނެކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާންޚާންގެ ސަޕޯޓަރުން ރާވަލްޕިންޑީގައި ބޭއްވި އެއްވުމަކީވެސް އެތަށްހާސް ބަޔަކު ބައިވެރިވި އާދަޔަ ޚިލާފު ބޮޑު އެއްވުމެކެވެ.

ރާވަލްޕިންޑީގައި ބޭއްވި ބޮޑު އެއްވުން

ޕާކިސްތާނުގެ އިދިކޮޅު ޕާޓީތައް ގުޅިގެން އިމްރާންޚާން މަގާމުން ދުރުކުރީ މިދިޔަ އެޕްރީލްމަހު ޕާލަމެންޓްގައި އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ވަރަށް ހަނި އަޣްލަބިއްޔަތަކުން ނަގައިގެންނެވެ.

މި ވޯޓުގެ ފަހަތުގައި ޕާކިސްތާނުގެ އެންމެ ނުފޫޒުގަދަ މުއައްސަސާ ކަމަށްވާ ސިފައިންގެ މުއައްސަސާ ހިމެނޭކަމަށް އިމްރާންޚާން ތުހުމަތު ކުރައްވައެވެ. މީގެއިތުރުން މިކަމުގައި އެމެރިކާވެސް ޕާކިސްތާނަށް ފިއްތުންތައް ކުރިމަތި ކުރިކަމަށް އިމްރާންޚާން ތުހުމަތު ކުރައްވައެވެ.

ނަމަވެސް އެމެރިކާއިން މިކަން ދޮގުކުރެއެވެ. މަގާމުން ދުރުކުރީއްސުރެ އިމްރާންޚާން ގެންދަވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައި އޭނާގެ ސަޕޯޓަރުން މަގުތަކަށް ނެރެގެން ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާތައް ބާއްވަމުންނެވެ.

އިމްރާން ޚާނު މަގާމުން ދުރުކުރީ އެމެރިކާގެ ފިއްތުންތަކާ އަދި ސިފައިންގެ ބާރާއި ނުފޫޒުގެ ސަބަބުން ކަމަށް ޕާކިސްތާނުގެ ގިނަ ބަޔަކު ދެކޭތީ އިމްރާންޚާނަށް ޕާކިސްތާނުގެ އާންމުންގެ ސަޕޯޓް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިތާއީދާއެކު މިހާރު އިމްރާންޚާން ބާއްވާ އެއްވުންތަކަކީ ޕާކިސްތާނުގެ ސިޔާސީ އެހެން ލީޑަރުންނަށް ބޭއްވޭވަރަށްވުރެ މާ ބައިބޯ ބައްދަލުވުންތަކެއްކަމަށް މުހައްލިލުން ސިފަކުރައްވައެވެ.

ރާވަލްޕިންޑީގައި ބޭއްވި އެއްވުމުގައި އިމްރާންޚާން ބައިވެރިވެ ވަޑައިގެންނެވީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްގެންނެވެ. އެ އެއްވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ބޮޑު މުޒާހަރާގައި އިސްލާމް އާބާދަށް ނުދާން ނިންމެވީ އެކަމުގެ ސަބަބުން އެތަށް ބަޔަކަށް އަނިޔާވެ ގައުމު ހަލަބޮލިވެ އާންމު ރައްޔިތުންނަށް ގެއްލުން ލިބޭނެކަމަށް ބެލެވޭތީއެވެ.

އިމްރާންޚާން އޭނާގެ ސަޕޯޓަރުންނާއެކު އިސްލާމްއާބާދަށް ވަންނަން މަސައްކަތްކޮށްފިނަމަ ޕާކިސްތާނުގެ ސަލާމަތީ ބާރުތަކާ ކުރިމަތިލާންޖެހި ބޮޑެތި ހަމަނުޖެހުންތަކެއް ގައުމުގައި ހިނގާނެކަމަށް ޕާކިސްތާނުގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުންވެސް ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް