ޖޮން ސްނޯގެ ޝޯ އާއެކު ބޮޑެތި ބަދަލުތަކެއް!

ކިޓް ހެރިންޓަން، ޖޮން ސްނޯގެ ރޯލުން

މިހާތަނަށް އެޅުވި އެންމެ ބޮޑު އެއް ޓީވީ ޝޯ ކަމަށްވާ "ގޭމް އޮފް ތުރޯންސް"ގެ ކެރެކްޓަރަކަށް ބިނާކޮށް ސްޕިން އޮފް ޝޯއެއް ނެރުމުގެ މަސައްކަތް ފަށައިފިއެވެ.

ގޭމް އޮފް ތުރޯންސް ފެށުނު ހިސާބުން ވެސް އެންމެ ބޮޑު އުއްމީދުތަކެއް ކުރަމުން އައި އެއް ކެރެކްޓަރަކީ ކިޓް ހެރިންޓަން ފެންނަ "ޖޮން ސްނޯ"އެވެ. ނަމަވެސް ގޭމް އޮފް ތުރޯންސްގެ ފަހު ސީޒަން ނިމިގެން ދިޔަ ގޮތުން ހުރިހާ ފޭނުންގެ ކަރުތެރޭގައި ވެސް ވަނީ ހިތިރަހަ ލައިފައެވެ. އެ ޝޯ ނިންމާލީ ފޭނުން ރުޅި އަންނަ ނިމުމަކުންނެވެ.

ނަމަވެސް އެ ނިމުންތަކަށް ބަދަލެއް އަންނާނެ ކަމުގެ އިޝާރާތެއް މިހާރު މިއޮތީ ކޮށްފައެވެ. އެގޮތުން ޖޮން ސްނޯގެ ކެރެކްޓަރަށް ބިނާކޮށް ހާއްސަ ސީކުއެލް ޝޯއެއްގެ މަސައްކަތް ވަނީ ފަށާފައެވެ. މި ޝޯއިން ފެނިގެންދާނީ ގޭމް އޮފް ތުރޯންސް ނިމުމަށް ފަހު ކަންތައް ވާ ގޮތެވެ.

އަދި މި ސީކުއެލް އާއެކު ގޭމް އޮފް ތުރޯންސްގެ ފަހު ސީޒަނުން ފެނުނު ގޯސް އެތައް ޕްލޮޓުތަކެއް އަލުން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމުގެ އިޝާރާތްތަކެއް ވަނީ މިހާރު ކޮށްފައެވެ.

ޖޮން ސްނޯގެ ސީކުއެލްއަށް ކިޓް ހެރިންޓަން އަލުން ފެނުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ޝޯއާ ގުޅޭ މާ ގިނަ މައުލޫމާތެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. އެހެންވުމާ ގުޅިގެން ޝޯގެ އިތުރު މައުލޫމާތެއް އަދި ހާމަ ވާ ގޮތެއް ވަނީ ނުވެފައެވެ. އެއާއެކު ޝޯ ނެރޭނެ ދުވަހެއް ވެސް އަދި ނޭނގެއެވެ.

ޖޮން ސްނޯގެ މަސައްކަތް ފަށާފައިވާއިރު މިހާރު ވެސް ވަނީ ގޭމް އޮފް ތުރޯންސްގެ ސްޕިން އޮފް ޝޯއެއް ދައްކަން ފަށާފައެވެ. "ހައުސް އޮފް ޑްރެގަން"ގެ ނަމުގައި ނެރޭ ޝޯގެ ފުރަތަމަ ސީޒަން ނިންމާލާފައިވަނީ ދާދިފަހުންނެވެ.

comment ކޮމެންޓް