ވިނަރެސް މަޝްރޫއު: ޖުމްލަ 1،413 ފޯމު، މިނިސްޓްރީގެ ޝަރުތުތައް ހަމަވަނީ 723 ފޯމުގައި

ވިނަރެސް ފުލެޓެއްގެ އެތެރެ، މި މަޝްރޫއުގައި ދެ ވައްތަރެއްގެ އެޕާޓްމަންޓްތައް ހިމެނޭ -- ސަންފޮޓޯ/ ނާއިލް ހުސައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓްތައް ގަންނަން ހުޅުވާލި މުއްދަތު ހަމަވިއިރު ހުށަހެޅި 1،413 ފޯމުގެ ތެރެއިން މިނިސްޓްރީން ކަނޑައެޅި ޝަރުތުހަމަވާ ފޯމުގެ އަދަދަކީ 723 ކަމަށް، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފިއެވެ.

ވިނަރެސް ހައުސިންގް މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމު ކުރުމާ ގުޅޭގޮތުން އެޗްޑީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އާތިފް ވިދާޅުވީ ވިނަރެސް މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ފިނިޝިންގް މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

"ފާއިތުވި މަހުގެ ތެރޭގައި އިވެލުއޭޝަން މަސައްކަތް ކޮށް، އެ މަސައްކަތުގެ ތެރެއިން ފާހަގަވީ ފޯމް ހުށަހަޅާފައިވާ މީހުންގެ ހުރިހާ ލިޔެކިއުންތައް ހުށަހަޅާފައި ނުވާކަން،" އާތިފް ވިދާޅުވިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އާތިފް--- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އާތިފް ވިދާޅުވީ އެ މަޝްރޫއުގެ މައުލޫމާތުތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ދިނުމަށް އެޗްޑީސީން މަސައްކަތް ކުރާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިންގް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް ވިދާޅުވީ އެއްވެސް މީހެއް ލިސްޓުން އުނިވާނަމަ އެ މީހަކު އެ ލިސްޓުން އުނިވަނީ ސައްހަ ސަބަބަކާއި ގުޅިގެންކަން ނުވަތަ މިނިސްޓްރީގެ މައްސަލައަކުންތޯ މިނިސްޓްރީން ކަށަވަރު ކުރާނެ ކަމަށެވެ.

ވިނަރެސް ހައުސިންގް މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމު ކުރުމާ ގުޅިގެން އެޗްޑީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން--- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އެޗްޑީސީން ބުނީ ޝަރުތު ހަމަނުވާ މީހުންނަށް ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ. އަދި އެއަށްފަހު ޝަރުތުހަމަނުވާ މީހުންގެ ލިޔެކިޔުންތައް ހަމަކޮށް، މައުލޫމާތު ހިއްސާ ކުރުމަށް އަންނަ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށް އޯޕަން ޑޭ އެއް ބާއްވާނެ ކަމަށް ވިދާޅުވިއެވެ.

އެ އޯޕަން ޑޭ ގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެެމްއެލް) އާއި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ހައުސިންގް ޑިވެލޮޕްމަންޓް ފައިނޭންޝަލް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ބައިވެރިވާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ވިނަރެސްގައި 10 ޓަވަރު ހިމެނޭއިރު ޖުމުލަ 1،344 އެޕާޓްމެންޓް ހިމެނެއެވެ. އެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި ތިން މިލިއަނާ ދެމެދުގައެވެ. ނުވަސަތޭކަ ދެ އަކަފޫޓާއި 883 އަކަފޫޓް ހިމެނޭ މި އެޕާޓްމަންޓްތަކުގައި ތިން ކޮޓަރި އަދި ތިން ފާހާނާގެ އިތުރުން ބެލްކަނި ހުރެއެވެ.

އެޗްޑީސީން ބުނީ ވިނަރެސް ފުލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް ބެލުމަށްފަހު ސްކޯ ތަރުތީބުން ލިސްޓް ކޮށްފައިވާ ކަމަށެވެ. އޭގެ ފަހުން އެޗްޑީސީއިން ލިސްޓް އޯޑަރަށް ޔުނިޓު ހިޔާރުކުރުމަށް ހުޅުވާލާނެ ކަމަށް ބުންޏެވެ.

އެ ކުންފުނިން ބުނީ ފައިނޭންޝިއަލް އެލިޖިބިލިޓީގެ އިވެލުއޭޝަންގެ މަސައްކަތް ކުރިއަށް ގެންގޮސް އެލިޖިބަލްވާ ފަރާތްތަކަށް ޔުނިޓް ހަވާލުކުރެވޭނެ ކަމަށާއި ފައިނޭންޝިއަލް އެލިޖިބިލިޓީއިން ޝަރުތު ހަމަ ނުވާ ފަރާތްތަކުގެ ޔުނިޓްތައް ކެންސަލްކޮށް، ވެއިޓްލިސްޓްގައިވާ ފަރާތްތަކަށް ފުރުސަތު ދެވިގެންދާނެ ކަމަށެވެ.

comment ކޮމެންޓް