16 އަހަރުގެ ހައިކަލް ހުސްވަގުތު ހެދީ ކާޓެއް

ކޮންމެ މީހަކީ ވެސް ކޮންމެވެސް ތަފާތު ހުނަރެއް ހުންނާނެ މީހެކެވެ. ގިނަ ފަހަރަށް މި ހުނަރަކީ ގިނަބައެއްގެ ހުސްވަގުތުގެ އެންމެ ގާތް އެކުވެރިޔާއެވެ. އުމުރުން އެންމެ 16 އަހަރުގެ ހުސައިން ހައިކަލްވެސް ހުސްވަގުތު ބޭނުންކުރަނީ އޭނާގެ ހުނަރު އިތުރަށް ވަރުގަދަ ކުރާށެވެ. ނަމަވެސް ހައިކަލް ކުރަނީ ވަރަށް ތަފާތު ކަމެކެވެ. ހައިކަލް ހުސްވަގުތު ބޭނުންކުރަނީ ގެއިން ލިބޭ އެކި އެއްޗެހި ބޭނުންކޮށްގެން ތަފާތު މެޝިންތައް ހަދާށެވެ.

އދ. ދަނގެއްޗަށް ނިސްބަތްވާ ހައިކަލް އަކީ މިވަގުތު ގްރޭޑް 10ގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. އޯލެވެލް އިމްތިހާނަށް ތައްޔާރުވަމުން އަންނައިރު ހައިކަލް އަށް އަމިއްލަ އަށް ކަމެއް ކޮށްލުމަށް ހުސްވަގުތެއް ލިބެނީ މިހާރު ވަރަށް މަދުންނެވެ. ނަމަވެސް ހުސްވަގުތުތަކުގައި މޫދަށް ދިޔުމަކީ ހައިކަލް ވަރަށް ކުރާހިތްވާ ކަމެކެވެ.

މޫދަށް އެރުމުގެ އިތުރުން ހައިކަލް ހުސްވަގުތުތަކުގައި އެންމެ ގިނައިން ކުރާ ކަންތައްތަކަކީ ތަފާތު އެއްޗެހި ހަދައި އުޅުމެވެ. ތަފާތު އެއްޗެހި ހައިކަލް ހަދައި އުޅެނީ އެކި ކަހަލަ އިލެކްޓްރޯނިކް ސާމާނުންނެވެ.

"މިއީ އާއިލާގެ ތެރެއިން އައިސްފައިވާ ކަމެއްހެން ހަމަ ހީވަނީ. ބައްޕަ އަކީ އިންޖިނިއަރެއް. އެހެންވެ ބައްޕަ އެކި ކަހަލަ މަސައްކަތް ކުރަން އުޅޭ ތަނުގައި ކުޑައިރުން ވެސް އުޅެން،" ހައިކަލް ކިޔައިދިނެވެ.

ތަފާތު އެކި މެޝިންތަކާއި އިލެކްޓްރޯނިކް ސާމާނުތަކައި ކުޅެ އެއިން އެކި އެއްޗެހި ހެދުމަކީ ވަރަށް ކުޑައިރުން ފެށިގެން ހައިކަލް ކުރަމުން އަންނަ ކަމެކެވެ. އޭނާގެ ބައްޕަ މަސައްކަތް ކުރާތަން ފެނިގެން އެކަންތައް އޭނާ ވެސް ކުރާހިތް ޖެހުނީއެވެ. ގޭގައި ބާ މެޝިނެއް، ހަލާކުވާން ފަށާފައިވާ ޓީވީއެއް އެއްޗެއް އޮތަސް އެއާ ހައިކަލް ކުޅެލާނެއެވެ.

އުމުރުން ކިތަންމެ ކުޑަ ނަމަވެސް ހައިކަލް ވަނީ އެ ހުނަރަށް ފަރިތަވެފައެވެ. ބައްޕައެކޭ އެއްގޮތަކަށް އިލެކްޓްރޯނިކްތަކާ ކުޅެލަން ހައިކަލް ވަރަށް ކުޅަދާނެއެވެ.

އެކަމުގެ ހެކި މިހާރު ވަނީ އާންމުންނަށް ވެސް ފެނިފައެވެ. ދާދިފަހުން ޓިކްޓޮކްގައި އާންމުވެފައިވާ ވީޑިއޯއެއްގައި، ރަށެއްގެ ބަނދަރު މަތީގައި ކާޓެއްގައި ކުޑަ ކުއްޖަކު ދުއްވާ މަންޒަރު ފެނެއެވެ. މި ކާޓްގައި ދުއްވަން އިނީ ހައިކަލްއެވެ. އަދި މި ކާޓް އަކީ ހައިކަލް އެއްކޮށް އަމިއްލަ އަތުން ހަދާފައިވާ ކާޓެކެވެ.

https://vt.tiktok.com/ZS81kyhwx/

"ކާޓުގެ އައިޑިއާ އަކީ ގްރޭޑް 7 އިން ފެށިގެން ވެސް އިންނަ އައިޑިއާއެއް. ވަރަށް ހަދަން ބޭނުންވި އެއްޗެއް މިއީ. އެކަމަކު ކުޑަވީމަ އޭރު އެކި ކަހަލަ ޓޫލްސްތައް ބޭނުން ނުކުރެވޭނެތީ އެކަން އޭރު ނުކުރެވިފައި،" ހައިކަލް ކިޔައިދިނެވެ.

ނަމަވެސް އެންމެފަހުން މިހާރު ހައިކަލް ވަނީ ކާޓުގެ ހުވަފެން ހަގީގަތަކަށް ހަދާފައެވެ. މި މަސައްކަތް ފެށުމަށް އެންމެ ބޮޑު ހިތްވަރެއް ލިބިގެން ދިޔައީ ޕަމްޕެއް ލިބުމުންނެވެ. މި ޕަމްޕަކީ ހައިކަލްގެ ބައްޕަ ގެންގުޅޭ ބޯޓަކުން ލިބުނު އެއްޗެކެވެ. ބޭނުން ނުކުރެވޭ ގޮތަށް އޮތް ޕަމްޕަކަށް ވުމުން ހައިކަލް އެ ޕަމްޕް ގެއަށް ގެންގޮސް އެ އަލުން ހެދިއެވެ.

މި ކާޓްގެ އިންޖީނު ފުރިހަމަ ކުރުމަށް ޕަމްޕްގެ އިތުރުން ދެން ބޭނުންކުރީ ސައިކަލެއްގެ ގިއަރު ބޮކްސް އެވެ. އަދި ކާޓުގެ ފުރޮޅަށް ބޭނުންކޮށްފައިވަނީ ހަލާކުވެފައިވާ ބަރޯތަކެއްގެ ފުރޮޅެވެ. މި ކާޓު ހެދުމަށްޓަކައި މިހާތަނަށް ބޭނުންކުރި ހުރިހާ އެއްޗެއްސަކީ ގޭގައި ހުރި ނުވަތަ އޭނާއަށް ލިބިފައިވާ، ހަލާކުވެފައި ހުރި އެއްޗިއްސެވެ.

ކާޓުގެ ހޮޅިތަކަކީ ގޭގައި އޮތް ދިގު ހޮޅިއަކުން ހަދާފައިވާ ހޮޅިތަކެކެވެ. އެ ހޮޅިތައް އެކި ސައިޒްތަކަށް ބުރިކޮށް ވެލްޑިން ކޮށް ގުޅުވުމުގެ މަސައްކަތް ވެސް ކޮށްފައިވަނީ ހައިކަލް އެކަންޏެވެ. މި ހުރިހާ ކަމެއް ކުރުމަށް ހައިކަލް ހޭދަކޮށްފައިވަނީ އެންމެ ތިން ހަފުތާއެވެ. އެންމެ ތިން ހަފުތާގެ ތެރޭގައި ހައިކަލް ވަނީ އަމިއްލައަށް ކާޓެއް ހަދާފައެވެ.

"މިއީ އަސްލު ވަރަށް ގިނަ ދުވަސް. ސްކޫލުގައި އަސްލު އޯލެވެލް އަށް ރެޑީ ވާތީ ވަރަށް ވަގުތު ނުލިބޭ. އެހެންވެ ހުސްވަގުތުތައް ވެސް ސްކޫލު ކަންތައްތަކުގައި އުޅެން ޖެހޭތީ މިހާ ދުވަހުން މި ނިންމާލެވުނީ،" ހައިކަލް ކިޔައިދިނެވެ.

ހައިކަލް އަކީ ތަފާތު އެކި ކަހަލަ ތަކެތި ހެދުމުގެ ހުނަރު ހުރި ކުއްޖެކެވެ. ކާޓުގެ އިތުރުން ރިމޯޓް ފްލައިޓް ފަދަ ތަކެއްޗަކީ ވެސް ހައިކަލް ހަދައި އުޅޭ އެއްޗެއްސެވެ.

މިއިން ކޮންމެ އެއްޗެއް ހެދުމުގެ ކުރިން ވެސް ހައިކަލް ތަފާތު ގިނަ ރިސާޗުތައް ހަދައެވެ. އަދި އެއްޗެހި އެންމެ ހަރަދު ކުޑަކޮށް ހެދޭނެ ގޮތްތައް ހައިކަލް ހޯދައެވެ. މިއީ ހައިކަލް ކުރިއަށް އޮތްތަނުގައި ވެސް ކުރަން ބޭނުންވާ ކަމެކެވެ. ނަމަވެސް މުސްތަގުބަލުގައި މި ހުނަރު ބޭނުންކޮށްގެން ކުރިއަށްދިޔުމާ ގުޅޭގޮތުން އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ހައިކަލް ބުނެއެވެ. އެކަމަކު މިއީ ހުސްވަގުތު ހޮބީއެއްގެ ގޮތުގައި ކުރާ ކަމަކަށް ވެފައި ކުރިއަށް އޮތް ތަނުގައިވެސް ހޮބީއެއްގެ ގޮތުގައި ތަފާތު އެކި އެއްޗެހި ހަދަން ދަސްކޮށް އެކަންތައް ކުރާނެ ކަމަށް ހައިކަލް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް