ސަލްމާން މިސްކިތުގެ އޭސީ މަރާމާތަށް ގިނަ ބަހަނާތަކެއް، ދެނީ ތާރީޚަކަށްފަހު ތާރީޚެއް

މާލޭގައި ހުރި އެންމެ ބޮޑު މިސްކިތްކަމަށްވާ ކިންގް ސަލްމާން މިސްކިތުގެ އޭސީތައް ހަލާކުވެފައި ހުންނަތާ މަސް ދުވަސްވެ އާންމުންގެ ޝަކުވާތައް ފުނިޖެހިއްޖެއެވެ.

މިސްކިތުގެ އޭސީތައް ހަލާކުވީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެހެންނަމަވެސް އޭސީތައް މަރާމާތުކުރަން ކުރަންޖެހޭ މަސައްކަތްތައް ވެސް ފެށުނީ އޭގެ ހަފުތާއެއްހައި ދުވަސް ފަހުންނެވެ.

އެ މިސްކިތުގައި ނަމާދުކުރަން ބޭނުންކުރާ ދެ ފަންގިފިލާއަށް ވެސް ފިނިކުރަން ބޭނުންކުރާ ހަތަރު ޔުނިޓުގެ ތެރެއިން ތިން އޭސީ ޔުނިޓުވަނީ ހަލާކުވެފައެވެ.

ރާއްޖެއިން އެ އޭސީތައް މަރާމާތުކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށާއި ރާއްޖެއިން އެ އޭސީ ޔުނިޓުތަކުގެ މަރާމާތަށް ބޭނުންވާ ތަކެތި ވެސް ނުލިބުނުކަމަށް އިސްލާމިކް މިނިސްޓްރީން "ސަން"އަށް މީގެ ކުރިންވަނީ ބުނެފައެވެ.

އޭގެ ހަފުތާއެއްހައި ދުވަސްފަހުން މި މަހުގެ 13ވަނަ ދުވަހު "ސަން"އާ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހް ވިދާޅުވީ ސަލްމާން މިސްކިތުގެ އޭސީ މަރާމާތުކުރާ ތުރުކީގެ އެކްސްޕާޓުންނާއެކު އެ މަސައްކަތުގެ އެގްރީމަންޓުގައި ސޮއިކޮށްފައިވާކަމަށެވެ.

އެގޮތުން އެއިރު ކުރިއަށްދަނީ މަރާމާތަށް ބޭނުންވާ ތަކެއްޗަށް އޯޑަރު ދިނުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ތަކެތި ލިބުމުން މަސައްކަތް ފަށާނެކަމަށް ބުންޏެވެ.

ނަމަވެސް އޭގެ ފަހުން ވެސް މިހާރު ދެ ހަފުތާވެފައިވާއިރު އެ މަސައްކަތުގެ އެއްވެސް ކުރިއެރުމެއް މިސްކިތުގެ ތެރެއިން ނުފެނެއެވެ.

މަސައްކަތުގެ ފަހުގެ މައުލޫމާތު ސާފުކުރަން "ސަން"އިން މިއަދު ގުޅުމުން އިސްލާމިކް މިނިސްޓްރީން އެއްވެސް ޖަވާބެއް ލިބޭގޮތްވަނީ ނުވެފައެވެ.

އެ މިސްކިތުގެ އޭސީތައް ހަލާކުވެފައި ހުރުމަކީ އަޅުކަން ކުރަން މިސްކިތް ބޭނުންކުރާ މީހުންގެ އެންމެ ބޮޑު ޝަކުވާއެވެ.

އޭސީތައް ހަލާކުވެފައި ހުރުމުން ނަމާދުކުރާ އެއްވެސް ބަޔަކަށް ފިނި ނުވާއިރު ވެންޓިލޭޝަން ރަނގަޅު ނަމަވެސް އެ ތަނުގައި މެންދުރު ވަގުތު ހުންނަނީ ހޫނުގަދަވެ އުދާސްވެފައެވެ.

ޚާއްސަކޮށް ހުކުރު ދުވަހު ގިނަ ބަޔަކު ހުކުރުކުރަން މިސްކިތަށް ދާއިރު އެ ދަތި އިހުސާސްކުރެވޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

"ބަލައިލަން ނަަލަވެފައި ކިތަންމެހާ ވެސް ޗާލެވެ. އަދި އެތެރެ އެހާމެ ފުރިހަމައެވެ. އެކަމަކު ކުރާނީ ކީއްހެެއްޔެވެ؟ ހުކުރުކުރީ ތެމިފޯވެ ތަތްތެޅިގެންނެވެ،" ސޯޝަލް މީޑިއާގައި މީހަކު ލިޔެފައިވެއެވެ.

ހަމައެއާއެކު އެވަރުގެ މަސައްކަތަކަށް އެހާ ދުވަސް ނަގަނީ ކީއްވެތޯ ވެސް ބައެއް މީހުންވަނީ ސުވާލު އުފައްދައިފައެވެ.

މިސްކިތުގެ އޭސީތައް އަވަހަށް ހެދުމަކީ އާންމުން އެންމެ އެދިއެދި ތިބި ކަންތަކެވެ. އަދި ތާރީޚްތަަކާއި ބަހަނާތައް ނުދީ އެ ކަން ކުރުމަށް މިސްކިތް ބޭނުންކުރާ އާންމުން އެދެއެވެ.

comment ކޮމެންޓް