ހުޅުމާލޭގެ ގެސްޓްހައުސްތަކަށް ޚާއްސަކޮށްގެން ބީޗެއް ކަނޑައަޅަނީ

ހުޅުމާލެ ބީޗް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ހިންގަމުން އަންނަ ގެސްޓްހައުސްތަކަށް ޚާއްސަކޮށްގެން ޕްރައިވެޓް ބީޗެއް ކަނޑައަޅަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފިއެވެ.

އެޗްޑީސީން މިރޭ ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި ހިންގަމުން އަންނަ ގެސްޓް ހައުސްތަކަށް ޕްރައިވެޓް ބީޗެއްގެ ގޮތުގައި ވަކި ޚާއްސަ ސަރަހައްދެއް ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.

މި ސަރަހައްދު ކަނޑައަޅަން ނިންމާފައި ވަނީ ހުޅުމާލޭ ވޯޓާތީމް ޕާކާ ޖެހިގެން އޮންނަ ބީޗް ސަރަހައްދުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލްގެ އެދިވަޑައިގަތުގެ މަތިން ނިންމި ނިންމުމެއް ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމުގެ ގޮތުން އެ ފަރާތްތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް