ރާއްޖެ އެތެރެކުރަން އުޅެނިކޮށް 459 ގްރާމްގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިފިއެވެ.
މިފަހަރު އަތުލީ މަސްތުވާ ބާވަތެއް ކަމުގައިވާ ކެނެބިސް ކަމަށް ކަސްޓަމުން ބުނެއެވެ. މިތަކެތީގެ މަގުމަތީގެ އަގު 367،000 ރުފިޔާއަށް އަރައެވެ.
ކަސްޓަމުން ބުނީ މި ތަކެތި އަތުލާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު، ޕޯސްޓް މެދުވެރިކޮށް އެމެރިކާއިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އަތުލައިގަތް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ބާވަތް، އިތުރަށް ތަހުގީގުކުރުމަށް ޓަކައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.
މިއީ މިއަހަރުގެ ތެރޭގައި ކެނެބިސް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލި ފަސް ވަނަ ފަހަރެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޖުމުލަ 19 ކިލޯއަށްވުރެ، ގިނަ ކެނެބިސް އަތުލާފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުން ދައްކައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް އަވަށްޓެރި ގައުމުތަކާ ގުޅިގެން ދިވެހި ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިފަދަ އޮޕަަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ނަމަވެސް މި ބޮޑު މައްސަލައަށް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.