އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ރައީސް ޔާމީންގެ ފަރާތުން އެދިއްޖެ

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ފައިސާނަގައި އެ ފައިސާ ލޯންޑާ ކުރިކަމަށް ތުހުމަތުކޮށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިބަސް ބަލައިނުގަތުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގެންފިއެވެ.

ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ޓުއަރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިސޯޓް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަގާ ލޯންޑާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.

މި މައްސަލާގައި ދެން ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހުށަހެޅުމުގެ ކުށުގެ ދައުވާއެވެ.

މިހާރު ކުރިއަށް ދަނީ ހެއްކާ ގުޅޭގޮތުން ވާހަކަދެއްކުމެވެ. ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް އެދިވަޑައިގެންފައެވެ.

ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން އަހުމަދު އަދީބާއި، އަބްދުﷲ ޒިޔަތަކީ އެމީހުންގެ އަދުލުވެރިކަން ގެއްލިފައިވާ ބައެއް ކަމަށާއި، އެހެންކަމުން އެ ދެ މީހުންގެ ހެކިބަސް ބަލައިގަތުމަކީ އިސްލާމީ ޝަރީއަތުގައި ހުއްދަވެގެން ވާނެކަމެއް ނޫންކަމަށެވެ.

އަދި، އެމީހުންގެ ހިތުގައި ޔާމީނާއި ދޭތެރޭ އަދާވާތްތެރިކަން އޮތް ކަމާއި، އެއީ އުފައްދައިގެން އުޅޭ ވާހަކަތަކެއްކަން ސާފުވާ ކަންވެސް ފާހަގަކުރެއްވިއެވެ. އަދި، ޝަރީއަތުގެ މަޖިލީހުގައި ކުރި ސުވާލުތަކަށް ސީދާ ޖަވާބެއް ނުދީ، ދައްކަން އުޅުނީ ވަކި މަންޒަރެއްކަން ޝަރީއަތަށް ވެސް ސާފުވާނެ ކަމަށާއި، އެހެންކަމުން އަދީބާއި ޒިޔަތުގެ ހެކިބަހަށް ބާރުދޭ އިތުރު ހެއްކާ ނުލާ އެ ހެކި ބަލައިނުގަތުމަށް އެދިވަޑައިގެންފައިވެއެވެ.

މިމައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރިން އުފުލި ދައުވާގައި ސުޕްރީމް ކޯޓުންވެސް ނިންމާފައިވަނީ އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށެވެ.

އެންމެފަހުން ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުން ބުނީ، އެމަނިކުފާނުގެ ދިފާއުގައި މާލޭގެ މިހާރުގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ކޯޓަށް ވަޑައިގަތީ ނުހިނގާ ކަމެއް ހިނގި ކަމަށް ދެއްކުމަށް ތައްޔާރުވެގެން ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ވަނީ މިއަހަރު ނިމުމުގެ ކުރިން ހުކުމާ ހަމައަށް ވާސިލުވުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް