ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާ އިމްތިހާނު ބާއްވައިފި

ފުރަތަމަ ފަހަރަށް ބޭއްވި ބާ އިމްތިހާނުގެ ތެރެއިން ---- ފޮޓޯ/ ބާ ކައުންސިލް

ބާ ކައުންސިލުން މިއަދު ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާ އިމްތިހާނު ބާއްވައިފިއެވެ.

ގާނޫނީ ވަކީލު ކަމުގެ ދާއިމީ ހުއްދަ ހޯދުމަށް ފުރިހަމަކުރަންޖެހޭ ބާ އިމްތިހާނު މިއަދު ބާއްވައިފައިވަނީ މާލެ އަދި އައްޑޫ ސިޓީގައެވެ.

ބާ ކައުންސިލުން ބުނީ މިއަދު ބޭއްވި އިމްތިހާނުގައި ޖުމްލަ 176 މީހުން ބައިވެރިވެފައިވާ ކަމަށެވެ. އެއީ އިމްތިހާނުގައި ބައިވެރިވުމަށް ރެޖިސްޓާ ވި މީހުންގެ 98.3 އިންސައްތައެވެ.

ފީއެއްގެ ގޮތުގައި 6,500 ރުފިޔާ ނަގައިގެން ބޭއްވި އެ އިމްތިހާންގެ ސުވާލުތައް ތައްޔާރުކޮށްފައިވަނީ ދިވެހި އަދި އިނގިރޭސި ބަހުންނެވެ. ޖުމްލަ 120 ސުވާލު ހިމަނާފައިވާ އެ އިމްތިހާނުގައި ރާއްޖޭގެ ގާނޫނީ ނިޒާމް އެނގޭ މިންވަރު ވެސް ބަލާނެއެވެ.

އެންމެ ފުރަތަމަ މި އިމްތިހާނުގެ ފީގެ ގޮތުގައި ނަގަން ބާ ކައުންސިލުން ނިންމީ 10،000 ރުފިޔާއެވެ. ބާ އިމްތިހާނުގެ ފީ ބޮޑުކަމަށް ބުނެ އެ އިމްތިހާނަށް ޝަރުތު ހަމަވާ އެތައް ބަޔަކު އޭރު ކަންބޮޑުވުން ފާޅުކުރިއެވެ.

ބާ އިމްތިހާނުގައި ބައިވެރިވުމަށް މާލެއަށް ދަތުރުކުރަން ޖެހުމުން ދިމާވާ ދަތިތަކުގެ ސަބަބުން ބާ އިމްތިހާނު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ވަނީ ނިންމާފައެވެ.

އެހެންކަމުން އިމްތިހާނުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމުގައި، އިމްތިހާނު ހެދުމަށް ބޭނުންވާ ތަން އިޚްތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ބާ އިމްތިހާނު އެންމެ ފުރަތަމަ ތާވަލްކުރީ ޖޫން 25ވަނަ ދުވަހަށެވެ. އެހެން ނަމަވެސް، އިމްތިހާނު ހަދާ ގިނަ ދަރިވަރުންގެ ކަންބޮޑުވުންތަކެއް ހުރުމުން، އެ ކަންބޮޑުވުން ތަކަށް ހައްލު ހޯދައިދިނުމުގެގޮތުން ބާ އިމްތިހާނު ވަނީ މިއަދަށް ލަސްކޮށްފައެވެ.

comment ކޮމެންޓް