ފެނަކައިން އައިސް ޕްލާންޓް މުވައްޒަފުން ތަމްރީނުކުރުމުގެ ކޯހެއް ފަށައިފި

ފެނަކައިން އަލަށް ހަވާލުވި 14 އައިސް ޕްލާންޓްގެ މުވައްޒަފުން ތަމްރީން ކުރުމުގެ ގޮތުން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ގުޅިގެން ސެޓްފިކެޓް 3 އިން ރެފްރިޖެރޭޝަން އެންޑް މެއިންޓެނެންސް ކޯހެއް ފަށައިފިއެވެ.

ފެނަކައިން ބުނީ މި ކޯސް ހިންގުމުގެ މައިގަނޑު މަގްސަދަކީ ރެފްރިޖަރޭޝަން ދާއިރާއިން ގިނަ މުވައްޒަފުން ތަމްރީނު ކުރުމާއި މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މިހާރަށް ވުރެއް ރަނގަޅު ކުރުން ކަމަށެވެ. އަދި، އައިސް ޕްލާންޓްގައި ކުރިން ފެށިގެން މަސައްކަތް ކުރާ މުވައްޒަފުންނަށް ރެފްރިޖެރޭޝަން ދާއިރާއިން އެއްވެސް ތަމްރީނެއް ލިބިފައި ނުވާތީ، މިއީ އެދާއިރާއިން މުވައްޒަފުންނަށް އަޅައިދޭ ޓެކްނިކަލް ބިންގަލެއް ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މި ކޯހުގައި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ބަލަހައްޓާނެގޮތާއި، އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސްގެ ޕްރިންސިޕަލް، ރެފްރިޖެރޭޝަންގެ ސައިސަލް، ރެފްރިޖެރޭޝަންގައި ބޭނުންކުރާ ސާމާނު ފަދަ ކަންކަން ކިޔައިދީ އަމަލީގޮތުން އެމަސައްކަތްތައް ދަސްކޮށްދޭނެއެވެ.

ކޮންމެ އައިސް ޕްލާންޓަކުން މަދުވެގެން ދެ މުވައްޒަފުން ތަމްރީން ކުރަމުންދާ މި ކޯހުގައި 32 މުވައްޒަފުން ވަނީ ބައިވެރި ވެފައެވެ.

ފެނަކައިން ބުނީ މި ކޯސް ފުރިހަމަކޮށް ނިމުމުން އައިސް ޕްލާންޓަށް ދިމާވާ މައްސަލަތައް އެ ބްރާންޗްގެ މުވައްޒަފުންނަށް ހައްލު ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށާއި، މިދާއިރާގެ މުވައްޒަފުންނަށް އަމާލުކޮށްގެން އިތުރު ލެވެލްތަކުގެ ކޯސްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.

ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިން ރިސާޗް އުފެދިގެން އައީ 7 އޮކްޓޯބަރު 2020 ގައެވެ. ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުން އެކިއެކި ދާއިރާތަކުން ތަމްރީން ކުރެވެމުން ދާކަމަށާއި، މިއަދާ ހަމައަށް 245 މުވައްޒަފުންނަށް ފެނަކަ އިންސްޓިޓިއުޓްއިން ކިޔަވަން ފުރުސަތު ލިބިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ. ފެނަކަ އިންސްޓިޓިއުޓް އިން މިހާރު ކިޔަވައިދެމުން ގެންދަނީ އެކިއެކި ޓެކްނިކަލް ދާއިރާ ތަކުންނެވެ. މުވައްޒަފުން ބިނާކުރުމުގައި ފެނަކަ އިންސްޓިޓިއުޓްއިން ދަނީ ނަމޫނާ ދައްކަމުންނެވެ.

comment ކޮމެންޓް