މިފަހަރުގެ ވޯލްޑްކަޕުގައި ވިދާލާނެ ޒުވާން ކުޅުންތެރިން

ކޮންމެ 4 އަހަރުން އެއް އަހަރު ދުނިޔޭގެ ތައްޓަށް ކުޅޭ ފީފާ ވޯލްޑް ކަޕުގެ މިފަހަރުގެ އެޑިޝަން ޤަތަރުގައި ބާއްވާއިރު، މިފަހަރުގެ މުބާރާތުގައި ތަފާތު ދައްކާނީ ޒުވާން ކުޅުންތެރިން ކަމަށް ފުޓުބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ފުޓުބޯޅައިގެ މަތި އުޑުގައި އެތައް އަހަރުތަކެއް ވަންދެން ފިޔަޖެހުމަށްފަހު، މިފަހަރުގެ ވޯލްޑް ކަޕަކީ ފުޓުބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިންގެ އެންމެފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން މިއީ ފުޓުބޯޅައިގައި އުފެދުނު އެންމެ ބޮޑު ވާދަވެރިކަން ކަމުގައިވާ، ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނެލް މެސީގެ ގައުމީ ޓީމުތަކުގެ "ފުޓުބޯޅައިގެ ވާހަކަ"ގައި ސިއްކަ ޖަހާނެ ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު ބޮޑުކަމަށް މާހިރުން ދެކެއެވެ.

މިފަދަ އެހެން ބައެއް ކުޅުންތެރިންގެވެސް މިއީ ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު ބޮޑުވުމާއެކު، ޓީމުތަކުން ނެރޭ ކާމިޔާބީތަކުގައި، އަދި ފިޓްނަސް އަށް ބެލިކަމުގައިވީނަމަވެސް، މިފަހަރުގެ ވޯލްޑް ކަޕުގައި ވިދާލާނީ ޒުވާން ކުޅުންތެރިން ކަމަށް ބެލެވެއެވެ.

އެގޮތުން ވިދާލާނެކަމަށް ބެލެވޭ ޒުވާން 15 ކުޅުންތެރިންނަށް ބަލާލާނަމެވެ.

1. ރޮޑްރިގޯ ސިލްވާ – ބްރެޒިލް – 21 އަހަރު

ރޮޑްރިގޯ ސިލްވާ ޑި ގޯޒް

ރޮޑްރިގޯ ސިލްވާ ޑި ގޯޒް އަކީ ބްރެޒިލް ޓީމުން ފެންނާނޭ ހުނަރުވެރި އެތައް ޒުވާން ކުޅުންތެރިއެއްގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާއެވެ.

އޭނާ އަކީ މިހާރުވެސް ރެއާލް މެޑްރިޑް ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ. ރެއާލްގެ ކުޅުންތެރީންގެ ތެރެއިން، ސަޕޯޓަރުންގެ ތެރޭގައި އެންމެ މަޤުބޫލު އެއް ކުޅުންތެރިޔަކީވެސް އޭނާއެވެ. އޭނާ އަކީ ރެއާލް މެޑްރިޑަށް މުހިއްމު މެޗުތަކުގައި މޮޅު ކުޅުމެއް ދައްކައި، މުހިއްމު ލަނޑުތަކެއް ޖަހައިފައިވާ ކުޅުންތެރިއެކެވެ. ފޯވާޑް ލައިނުގައި ކުޅޭ ރޮޑްރިގޯ ބްރެޒިލްގެ ސީނިއަރ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ ޢުމުރުން 18 އަހަރުގައި، 2019 ވަނަ އަހަރުއެވެ. އެއީ ބްރެޒިލް އާއި އެންމެ ވާދަވެރި އާޖެންޓީނާއާ ދެކޮޅަށެވެ.

2. ޑުސާން ލަހޮވިޗް – ސާރބިއާ – 22

ޑުސާން ލަހޮވިޗq

ޑުސާން ލަހޮވިޗަކީ ޔޫރަޕުގެ ބޮޑެތި ޓީމުތަކެއްގެ ނަޒަރު ހުއްޓިފައިވާ ޒުވާން ސްޓްރައިކަރުންގެ ލިސްޓުގެ ކުރީގައި ހިމެނޭ ނަމެކެވެ.

އޭނާ 2021 ވަނަ އަހަރު އިޓަލީގެ ސީރީއޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ޙާޞިލު ކުރުމާއެކު އެތައް ޓީމަކުން އޭނާގެ ސޮއި ހޯދަން މަސައްކަތް ކުރަމުން ދަނިކޮށް، އޭނާ ޔުވެންޓަސްއަށް ސޮއި ކުރީ 70 މިލިއަން ޔޫރޯގެ ފީއަކަށެވެ.

6 ފޫޓު 3 އިންޗީގެ އިސްކޮޅަކާ އެކު، އޭނާ އަކީ ޑިފެންޑަރުންނަށް ބިރުވެރި ހުވަފެނެއް ކަހަލަ ވަރުގަދަ ކުޅުންތެރިއެކެވެ. އޭނާގެ މަގާމަކީ ސެންޓަރ ސްޓްރައިކަރެއްގެ މަގާމެވެ.

3. އޮރޭލިއަން ޗުއަމެނީ – ފްރާންސް – 22

އޮރޭލިއަން ޗުއަމެނީ

މި ދިޔަ ޓްރާންސްފަރ ވިންޑޯގައި އޮރޭލިއަން ޗުއަމެނީ ރެއާލް މެޑްރިޑަށް ސޮއި ކުރީ، އޭނާގެ ސޮއި ހޯދުމަށް ލިވަޕޫލުންވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.

ރެއާލާއި ލިވަޕޫލުން އޭނާ ހޯދުމަށް ޓަކައި ގަދަ ހިފުމަކަށް ދިޔަ ދިޔުމަކީ، ޗުއަމެނީގެ ފެންވަރު ދައްކައިދޭ ހެއްކެކެވެ.

ދިފާޢީ މިޑްފީލްޑަރެއްގެ މަގާމަށް ކުޅޭ ޗުއަމެނީ އަކީވެސް އިސްކޮޅުން ދިގު އަދި ޖިސްމާނީ ގޮތުން ވަރުގަދަ ކުޅުންތެރިއެކެވެ.

ފަރަންސޭސި ޓީމުގެ ދިފާޢީ އެންމެ މުހިއްމު އެއް ތަނބަކަށް މި ފަހަރުގެ ވޯރލްޑް ކަޕުގައި ވާނީ އޭނާ ކަމުގައި ބެލެވެއެވެ. އެއާއެކު، ފްރާންސް ޓީމުން އުފައްދާ ޙަމަލާތަކުގައި ވެސް އޭނާގެ ޙިއްޞާ ކުޑައެއް ނުވާނެއެވެ.

4. ޖޫޑް ބެލިންގހާމް – އިންގްލެންޑް – 19

ޖޫޑް ބެލިންގްހަމް

މި ފަހަކަށް އައިސް އިންގްލެންޑްގައި އުފެދެމުން ދާ އާދަޔާ ޚިލާފަށް ހުނަރުވެރި ޒުވާން ކުޅުންތެރީންގެ ސިލްސިލާގައި ޖޫޑް ބެލިންގްހަމްގެ ނަން ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެވެއެވެ.

މިހާރު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުންދާ ބެލިންގްހަމް ހޯދުމަށް ރެއާލް މެޑްރިޑާއި ލިވަޕޫލް ފަދަ ޓީމުތަކުން މިހާރުވެސް ތިބީ ސަފު ހަދައިގެންނެވެ.

އެޓޭކިން މިޑްފީލްޑަރަކަށް ކުޅޭ ބެލިންގްހަމް އަކީ ގޯލާ ރައްޓެހި ،ލ ހަލުވި ކުޅުންތެރިއެކެވެ. މި ސީޒަނުގައި އޭނާ ޑޯޓްމަންޑަށް ބުންޑަސްލީގާގައި ކުޅުނު 14 މެޗުގައި 5 ލަނޑު ޖަހައިދީފައިވެއެވެ.

ސުވާލަކީ އިނގިރޭސި ޓީމުގައި އޭނާއަށް އެ ކުޅުން ތަކުރާރު ކުރެވިދާނެތޯއެވެ.

5. އާންސޫ ފަތީ – ސްޕޭން – 19

އާންސޫ ފަތީ

އާންސޫ ފަތީ އަކީ ސްޕެއިންގެ ގަދަބާރު، ބާސެލޯނާގައި މިހާރުވެސް އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. އޭނާއަކީ ފޯވާޑް ލައިނުގައި ޢާއްމުކޮށް ވައަތް ފަރާތުން ކުޅޭ ކުޅުންތެރިއެކެވެ.

ވަރަށް ގިނަ ތަޖުރިބާކާރުން އޭނާގެ ކުޅުމުގެ ވައްޓަފާޅި އަޅައިކިޔަނީ ބާސެލޯނާގެ މަޝްހޫރު ތަރި ލައިނަލް މެސީއާއެވެ. އޭނާ އަކީ ހަށިގަނޑު ވަރުގަދަ، ދުވެލި ބާރު، ޑްރިބްލިންގ މޮޅު، ދަނޑުމަތީގައި ވިސްނުންތޫނު، އަދި ދިފާޢީ ރޮނގުތައް ފޫ އަޅުވައިލުމުގައި ޚާއްޞަ ގާބިލުކަމެއް ލިބިފައިވާ ކުޅުންތެރިއެކެވެ. ސްޕެއިން ޓީމަށް މިހާތަނަށް އޭނާ ކުޅެފައި ވަނީ ހަތަރު މެޗެވެ. އެ ހަތަރު މެޗުން އޭނާ ވަނީ 1 ލަނޑު ޖަހާފައެވެ.

6. އަލްފޮންސޯ ޑޭވިސް – ކެނެޑާ – 21

އަލްފޮންސޯ ޑޭވިސް

އަލްފޮންސޯ ޑޭވިސް އަކީ ކެނެޑާގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ބައެއް މީހުން މިހާރުވެސް ދެކެއެވެ.

ކެނެޑާ އަކީ ފުޓުބޯޅައިގައި ދުނިޔޭގެ ގަދަ ބާރެއް ނޫނެވެ. ވޯރލްޑް ކަޕަށް މިހައިތަނަށް ކޮލިފައިވެފަ ވަނީވެސް އެންމެ ދެ ފަހަރުއެވެ. އެއީ 1986 ވަނަ އަހަރާއި، މި ފަހަރެވެ.

އެ ޓީމުގެ އުއްމީދުތަކުގެ ބުރަ އެ ކުޅުންތެރިއެއްގެ ކޮނޑުގައި އެންމެ ބޮޑަށް އެޅޭ ކުޅުންތެރިޔަކީ ޑޭވިސްއެވެ. ވޯރލްޑް ކަޕް ކޮލިފައިންގައި ޓީމުގެ ތަރިއަކީ ވެސް އޭނާއެވެ.

ބަޔާން މިއުނިކަށް، ވައަތު ބެކުގެ މަގާމަށް ކުޅެ، ޔޫރަޕުގެ އެންމެ މޮޅު އެއް ވައަތު ބެކްގެ ގޮތުގައި ފާހަގަ ވެފައިވާ ޑޭވިސްއަށް ކެނެޑާގެ އުއްމީދުތަކަށް ކުލަ ގެނެސްދެވިދާނެތޯ، މިއީ ގިނަބަޔަކު ކުރަމުން އަންނަ ސުވާލެކެވެ.

7. ގަވީ – ސްޕޭން – 18

ޕަބްލޯ ގަވީރާ

ޕަބްލޯ ގަވީރާ ނުވަތަ އާންމު ނަމުންނަމަ ގަވީ އަކީ ސްޕެއިންގައި ވިދަމުން އަންނަ ހަށިގަނޑުން ކުޑަ، އެހެންނަމަވެސް އާދަޔާ ޚިލާފަށް ހުނަރުވެރި މިޑްފީލްޑަރުންގެ ސިލްސިލާއަށް އިތުރުވާ ބޮޅެއް ކަމަށް ބެލެވެއެވެ.

އިނިއެސްޓާ އާއި ޒަވީ ފަދަ ކުޅުންތެރީންގެ ލިސްޓަށް އިތުރު ވާނެކަމަށް ބެލެވޭ ކުޅުންތެރިއެކެވެ.

ބާސެލޯނާއަށް ކުޅޭ ގަވީ އަކީ ޑްރިބްލިންގް ހުނަރުތައް މޮޅު، ބޯޅައިގެ ޙަރަކާތްތަކާއި އިދިކޮޅު ޓީމުގެ ޙަރަކާތްތައް ކުރިޔާލައި ވިސްނައި ދެނެގަންނާން މޮޅު، ދަނޑުމަތީގައި ވިސްނުން ތޫނު، ލޯ ހިނގާ، ދުރަށާއި ކައިރިއަށް ޕާސް ދިނުމުގައި އާދަޔާ ޚިލާފަށް މޮޅު، އަދި ބޯލް ކޮންޓްރޯލަށްވެސް އާދަޔާ ޚިލާފަށް މޮޅު ކުޅުންތެރިއެކެވެ. އަދި އޭނާ އަކީ ދުވެލި ބާރު، އަވަސް ޙަމަލާތައް އުފެއްދުމުގައި އިތުބާރު ކުޅުންތެރިއެކެވެ.

8. ފިލް ފޯޑެން – އިންގްލެންޑް – 22

ފިލް ފޯޑެން

ފިލް ފޯޑެން ނުވަތަ ފިލިޕް ވޯލްޓަރ ފޯޑެން އަކީ ޕްރިމިއަރ ލީގުގެ އެންމެފަހުގެ ޗެމމްޕިއަން އަދި ލީގުގެ ގަދަ ބާރެއްގެ ގޮތުގައި އޮތް މެންޗެސްޓަރ ސިޓީގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކޯޗު ކަމުގައި ގިނަ ބަޔަކު ޤަބޫލު ކުރާ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން އަހަރަކަށްފަހު އަހަރެއް އޭނާ ޕްރިމިއާ ލީގުގައި އަދި ޔޫރަޕުގެ މުބާރާތްތަކުގައި ދައްކަމުންދާ ކުޅުން އަންނަނީ ފުރިހަމަ ވަމުންނެވެ.

އިސްކޮޅާއި ހަށިގަނޑަށް ބަލާއިރު ތަންކޮޅެއް ނިކަމެތިކޮށް ހުއްޓަސް، އޭނާގެ ދުވެއްޔާއި ހުނަރާއި ވިސްނުންތޫނުކަމުން، އެހެން ހުރިހައި އުނިކަމެއް ފޮރުވައެވެ.

އިންގްލެންޑަށް މިހައިތަނަށް އޭނާ ކުޅެފައި ވަނީ 18 މެޗެވެ. ޖަހައިފައި ވަނީ 2 ލަނޑެވެ.

9. ޕެޑްރީ – ސްޕޭން – 19

ޕެޑްރީ ގޮންޒާލޭޒް ލޯޕޭޒް

ޕެޑްރީ ގޮންޒާލޭޒް ލޯޕޭޒަކީ ބާސެލޯނާ އާއި ސްޕޭން ޓީމުގެވެސް މެދުތެރޭގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ.

އޭނާ އަކީ މެދުތެރޭގެ ކޮންމެ މަޤާމަކަށްވެސް ކުޅޭ ކުޅުންތެރިއެކެވެ. ބޮޑަށް ކުޅެނީ އެޓޭކިންގ މިޑްފީލްޑެއްގެ ގޮތުގައެވެ. ނަމަވެސް ބައެއް ފަހަރު ދިފާޢީ މިޑްފީލްޑަރެއްގެ ގޮތުގައިވެސް އޭނާގެ މޮޅު ކުޅުން ފެނިފައިވެއެވެ.

އޭނާއަކީ ހަށިގަނޑުން ބިޔަ ނޫން، އިނިއެސްޓާ އާއި ޒަވީ އާއި ލައިނަލް މެސީ ފަދަ ބާސެލޯނާގެ ތަރީންނާއި ދާދި އެއް ތައްގަނޑެއްގެ ކުޅުންތެރިޔެއްގެ ގޮތުގައި ސިފަ ކުރެވޭ ކުޅުންތެރިއެކެވެ.

މިހާތަނަށް އޭނާ ސްޕެއިން ޓީމަށް ކުޅެދީފައި ވަނީ 14 މެޗެވެ. އެހެންނަމަވެސް އަދި ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ.

10. ވިނީޝިއަސް ޖޫނިއަރ – ބްރެޒިލް – 21

ވިނީޝިއަސް ޖޫނިއާ

ވިނީޝިއަސް ޖޫނިއާ އަކީ ޔޫރަޕާއި ދުނިޔޭގެ ފުޓުބޯޅައިގައި މިހާރު އެތައް ބައެއްގެ ހިތްތައް ފަތަޙަ ކޮށްފައިވާ ތަރިއެކެވެ.

ރެއާލް މެޑްރިޑްގެ ސަޕޯޓަރުންގެ ނަޒަރުގައި އޭނާ އަކީ ބަޠަލެކެވެ. މުޅި ޓީމުގެ ހިތޭ ބުނެވޭހައި މުހިއްމު ކުޅުންތެރިއެކެވެ.

އަރިމަތީން ކުޅެމުން އިދިކޮޅު ޑިފެންޑަރުން "ހާވާލާފަ"، އާދަޔާ ޚިލާފު ބާރު ދުވެލީގައި ކުރި އަރައި އޭނާ ޖަހާ ލަނޑުތަކާއި، ދޭ ރީތި ޕާސްތަކުން އެހެން ކުޅުންތެރީން ޖަހާ ލަނޑުތަކަކީ މެޑްރިޑް ކުޅޭ މެޗުތައް ބަލާ މީހުންނަށް އާ ކަމަކަށް ނުވާނެއެވެ.

އޭނާގެ ޙަޤީޤީ ކުޅުން ބްރެޒިލްގެ ޓީމުގައި މި ފަހަރު ދެއްކިއްޖެނަމަ، އެއީ މުބާރާތުގެ ތަށި ހޯދުމަށް ބްރެޒިލަށް ލިބޭނެ އެންމެ ވަރުގަދަ އެއް ހަތިޔާރަށް ވާނެއެވެ.

11. ނޫނޯ މެންޑޭޒް – ޕޯރޗުގަލް – 20

ނޫނޯ މެންޑޭޒް

ޕޯރޗުގަލް ޓީމަކީ އެންމެން ހައިރާންކޮށް، މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ޤާބިލުކަން ހުރި ޓީމެކެވެ.

އެ ޓީމުގައި ތަޖުރިބާކާރު އަދި މޮޅު ކުޅުންތެރީން ތިބި އިރު، އާދަޔާ ޚިލާފަށް ހުނަރުވެރި ޒުވާން ކުޅުންތެރީން ވެސް އެބަތިއްބެވެ.

އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔަކީ ނޫނޯ މެންޑޭޒްއެވެ. މި އަހަރުގެ ތެރޭގައި 38 މިލިއަން ޔޫރޯގެ ފީއަކަށް ޕެރިސް ސެއިންޓް ޖަރމޭނަށް ސޮއި ކޮށްފައިވާ މެންޑޭޒަކީ ވައަތު ބެކަށާއި ވައަތު އަރިމައްޗަށް ކުޅޭ ކުޅުންތެރިއެކެވެ.

ޕޯރޗުގަލް ޓީމަށް އޭނާ ވަނީ 16 މެޗު ކުޅެދީފައެވެ.

12. ޖަމާލް މުސިއާލާ – ޖަރުމަނު - 19

ޖަމާލް މުސިއާލާ

ޖަމާލް މުސިއާލާ އަކީ ޔޫރަޕުގެ އެންމެ ހުނަރުވެރި ޒުވާން ކުޅުންތެރީންގެ ލިސްޓުގެ ކުރީގައި ނަން އޮތް ކުޅުންތެރިއެކެވެ.

އޭނާގެ ބައިނަލްއަޤްވާމީ ކެރިއަރު ފެށީ އިންގްލެންޑުގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. ނަމަވެސް މިއަހަރުގެ ކުރީކޮޅު އޭނާ ވަނީ އޭނާގެ އުފަން ޤައުމު ކަމަށްވާ ޖަރުމަނަށް ކުޅޭން ނިންމާފައެވެ.

އެހެންކަމުން ވޯލްޑް ކަޕުގައި އޭނާ ހިމެނޭނީ ޖަރުމަން ޓީމުގައެވެ. ޖަރުމަނު ލީގުގައި ބަޔާން މިޔުނިކަށް ކުޅެމުންދާ މުސިއާލާ އަކީ އެޓޭކިންގް މިޑްފީލްޑަރެއްގެ މަގާމަށާއި ވައަތް ފަރާތު އަރިމަތީން ކުޅޭ ކުޅުންތެރިއެކެވެ.

13. ބުކާޔޯ ސަކާ – އިންގްލެންޑް - 21

ބުކާޔޯ ސަކާ

އެންމެފަހުން ބޭއްވި ޔޫރޯގެ ފައިނަލް މެޗުން އިޓަލީ އަތުން އިންގްލެންޑް ބަލި ވީ، އިންގްލެންޑުގެ ފަހު ޕެނެލްޓީ ބުކާޔޯ ސަކާއަށް ކާމިޔާބު ނުކުރެވުމުންނެވެ.

އެއިރު އޭނާގެ ޢުމުރަކީ އެންމެ 19 އަހަރެވެ. ސަކާގެ ޕެނެލްޓީ ނާކާމިޔާބު ވުމާއެކު އިޓަލީ ޓީމުގެ ކުޅުންތެރީންނާއި ސަޕޯޓަރުން ޗެންޕިއަންކަން ލިބުމުގެ އުފަލުގައި ކެކި އަރާން ފެށިއިރު ސާކާ ހުރީ ގަނޑު ވެފައެވެ.

ނަމަވެސް އޭގެފަހުން ޕްރިމިއާ ލީގުގައި އާސެނަލަށް، އަދި އިނގިރޭސި ޓީމަށް އޭނާ ކުޅެމުންދާ ކުޅުމަކީ އެ ދުވަހުގެ ހިތާމައިން އޭނާ ލިބިގަތީ ހިތްވަރުކަން ސާބިތުވާ ކުޅުމެކެވެ.

ޕްރިމިއަރ ލީގުގައި މި ސީޒަނުގައި އެންމެ މޮޅު ކުޅުމެއް ދައްކާ އެއް ކުޅުންތެރިޔަކީ ސަކާއެވެ. އެކުޅުން އިންގްލެންޑް ޓީމުގައި ވޯލްޑް ކަޕުގެ ދަނޑުގައި އޭނާއަށް ދެއްކިއްޖެ ނަމަ، އިނގިރޭސި ޓީމު ވާނީ މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމަށެވެ.

14. ޖާއޮ ފީލިކްސް – ޕޯރޗުގަލް - 22

ޖާއޮ ފީލިކްސް

ޖާއޮ ފީލިކްސް އަކީ ޕޯޗުގަލް ޓީމުގެ ޒުވާން ތަރީންގެ ތެރެއިން އެންމެ ޚާއްޞަ އެއް ތަރިއެވެ. މި ލިސްޓުގައި ހިމެނޭ ކުޅުންތެރީންގެ ތެރެއިން އޭނާއަކީ ސީނިއާ ފުޓުބޯޅައިގެ ތަޖުރިބާ އެންމެބޮޑު އެއް ކުޅުންތެރިޔާއެވެ.

ސްޕެއިންގެ ބޮޑު ބާރެއް ކަމަށްވާ އެތުލެޓިކޯ މެޑްރިޑުގެ ފުރަތަމަ އެގާރައިގައި އޭނާ ކުޅޭތާ ތިން ސީޒަން ވަނީ ފާއިތުވެފައެވެ.

2021-2022 ވަނަ އަހަރުގެ ސީޒަނުގައި އެތުލެޓިކޯގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އޭނާއެވެ. މިހާތަނަށް ޕޯޗުގަލްގެ ޓީމަށް އޭނާ ވަނީ 23 މެޗު ކުޅެދީ، 3 ލަނޑު ޖަހާފައެވެ. އޭނާ އަކީ ފޯވާޑް ލައިނުގަ އަދި މެދުތެރޭގެ އިތުރުން އަރިމަތީންވެސް މޮޅަށް ކުޅޭ ކުޅުންތެރިއެކެވެ.

15. ޖޫލިއަން އަލްވަރޭޒް – އާޖެންޓީނާ – 22

ޖޫލިއަން އަލްވަރޭޒް

މެންޗެސްޓަރ ސިޓީން އެންމެފަހުން ޓީމަށް ގެނައި ކުޅުންތެރީންގެ ތެރޭގައި ޖޫލިއަން އަލްވަރޭޒް ހިމެނެއެވެ.

ޕެޕް ގާޑިއޯލާގެ ނަޒަރުގައި އޭނާ އަކީ ސިޓީގެ މުސްތަގުބަލަށް ވަރަށް މުހިއްމު ކުޅުންތެރިއެކެވެ. ގާޑިއޯލާގެ މި ވާހަކައިންވެސް އަލްވަރޭޒަކީ ކިހާވަރެއްގެ ކުޅުންތެރިއެއްކަން އެނގެއެވެ.

ފޯވާޑަށް ކުޅޭ އަލްވަރޭޒް، އަދި މެންޗެސްޓަރ ސިޓީގެ ފުރަތަަމަ އެގާރައިގައި ހިމެނިފައި ނުވިނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި އޭނާ ވަނީ މިހާރުވެސް ސިޓީއަށް މުހިއްމު އަދި ރީތި ލަނޑުތަކެއް ޖަހައިދީފައެވެ. އާޖެންޓީނާގެ ޓީމަށް މިހާތަނަށް އޭނާ ކުޅެފައި ވަނީ 11 މެޗެވެ. އެ މެޗުތަކުން އޭނާ ވަނީ 2 ލަނޑު ޖަހާފައެވެ.

comment ކޮމެންޓް