ޖަލުތަކުގައި ހިނގި އަނިޔާވެރި އަމަލުތައް ދެނެގަންނަން އިންތިގާލީ އިންސާފުން އަޑުއެހުންތަކެއް ބާއްވަނީ

ދެހާސް ތިން ވަނަ އަހަރު މާފުށީ ޖަލުގައި އީވާން ނަސީމް ގަޔަށް ބަޑިޖަހައި މަރާލުމުން ޖަލުގެ ބައެއް ގައިދީންނާއި ސިފައިންނާ ދެމެދު ހިނގައި ދިޔަ ކުރިމަތިލުމުގައި ބައެއް ގައިދީންނަށް އަނިޔާވެފައި ---

ޖަލުތަކުގައި ހިނގި ލާއިންސާނީ އަމަލުތައް ދެނެގަންނަން އިންތިގާލީ އިންސާފުގެ އޮފީހުން ބާއްވާ ސިއްރު އަޑުއެހުންތަކުގައި ބަޔާންދޭން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވައިލައިފިއެވެ.

އެ އަޑުއެހުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ މައްސަލަ ހުށަހެޅި ފަރާތަށާއި އެ ކަންކަން ތަޖުރިބާކޮށްފައިވާ މީހުންނަށް ކަމަށް އެ އޮފީހުން ބުންޏެވެ. އެގޮތުން އަޑުއެހުންތަކުގައި ބަޔާންދޭން ބޭނުންވާ މީހުން އަންނަ ބުދަ ދުވަހުގެ 14:00ގެ ކުރިން އެ މީހެއްގެ މައުލޫމާތު އެ އޮފީހަށް ހިއްސާކުރަންޖެހެއެވެ.

އެ އޮފީހުން ބުނީ އެ އަޑުއެހުންތަކުގެ މަގުސަދަކީ، ހައްޔަރުކޮށް ބަންދުކުރުމުގެ އެކި މަރުހަލާތަކުގައި ނިޒާމުގެ ތެރެއިން ރާވައިގެން ހިންގައިފައިވާ އަމަލެއްގެ ސަބަބުން އިންސާނީ ހައްގާއި އަސާސީ މިނިވަންކަމުގެ އެއްވެސް މިންވަރެއް ނިގުޅައިގެންފައިވޭތޯ ބެލުން ކަމަށެވެ. އަދި އަނިޔާކުރުމުގެ އަމަލު ހިންގައިފައިވޭތޯއާއި ހިންގި މިންވަރު ވެސް ބަލާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

އެ މައްސަލަތައް ބެލުމުގައި ރާއްޖޭގެ ގާނޫނުތަކަށާއި އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކަށް އަމަލުކުރޭތޯ ބަލާނެ ކަމަށް ވެސް އިންތިގާލީ އިންސާފުގެ އޮފީހުން ބުންޏެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ މަގުސަދަކީ ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ހިފެހެއްޓިފައިވާ ނަމަ އެކަން ބަލައި، އެ އަމަލުގެ ޝިކާރައަކަށްވި ފަރާތަށް ބަދަލު ލިބިދިނުމެވެ. އެގޮތުން 1953 ޖަނަވަރީ އިން ނޮވެންބަރު 17، 2018 އާ ދެމެދު ހިނގާފައިވާ އެފަދަ މައްސަލަތައް އެ އޮފީހަށް ބެލޭނެއެވެ.

comment ކޮމެންޓް