ކުދި ވިޔަފާރިތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ވުނަދާނަ ފެސްޓިވަލް މާދަމާ އާޓިފިޝަލް ބީޗުގައި

ބީސީސީއިން މީގެ ކުރިން ކުރިއަށްގެންދިޔަ ފެސްޓިވަލެއްގެ ތެރެއިން -- ފޮޓޯ/ ބީސީސީ

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުދި ވިޔަފާރިތަކަށް ހާއްސަކޮށް ކުރިއަށްގެންދާ "ވުނަދާނަ ފެސްޓިވަލް" މާދަމާ އާޓިފިޝަލް ބީޗުގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

މާދަމާ ހަވީރު 04:00 އިން 06:00އަށް އަދި ރޭގަނޑު 08:00އިން 11:00އަށް ކުރިއަށްގެންދާ މި ފެސްޓިވަލްއާ ގުޅޭގޮތުން ބީސީސީގެ ހެޑް އޮފް އައުޓް ރީޗް އިބްރާހިމް ޒިއާއު މުހައްމަދު ވިދާޅުވީ، މި ފެސްޓިވަލްގެ މަގުސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި މި ފެސްޓިވަލްއިން މިފަދަ ގިނަ ވިޔަފާރިތައް އާންމުންނަށް އެއް ތަނަކުން ފެންނާނެ މަގު ފަހި ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާކެޓް ހޯދައިދީ އެކްސްޕޯޝާ ރައްޔިތުންގެ ތެރޭގައި ބޮޑުކުރަން ބޭނުން ވާތީ މި ފެސްޓިވަލް ބާއްވަނީ،" އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ބީސީސީއިން ވަނީ ގެވެށި ވިޔަފާރިތަކަށް އަމާޒުކޮށްގެންވެސް ފެސްޓިވަލްއެއް ބާއްވާފަ -- ފޮޓޯ/ ބީސީސީ

މި ފެސްޓިވަލްގައި މާލޭ ސަރަހައްދުން ޖުމުލަ 56 ވިޔަފާރި ބައިވެރިވެފައިވެއެވެ. އަދި ހަވީރު ވަގުތު ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކަކާއި ކުޑަކުދިން ވިޔަފާރިއަށް އަހުލުވެރި ކުރުވުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެކަމަށް ޒިޔާއު ވިދާޅުވިއެވެ.

"ވިޔަފާރީގެ ތެރޭގައި އުޅޭ ކުޑަކުދިން އަޅުގަނޑުމެން ފީޗާކުރާނަން. އެމީހުން އެ ވިޔަފާރީގަ ކުރަނީ ކޮން ކަމެއްތޯއާ،" އޭނާ ވިދާޅުވިއެވެ.

ކުދި ވިޔަފާރިތަކުގެ އިތުރުން، އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ވިޔަފާރިތަކާ ގުޅުންހުރި އެހެން ކުންފުނިތަކުން ވެސް މި ފެސްޓިވަލްގައި ހަރަކާތްތެރިވާނެއެވެ. އަދި ކުދި ވިޔަފާރިތައް ފުޅާކުރަން ހުރި ފުރުސަތުތަކާއި މައުލޫމާތު މި ފެސްޓިވަލްގެ ތެރެއިން ފޯރުކޮށްދޭނެއެވެ.

ބީސީސީއިން ވަނީ ގެވެށި ވިޔަފާރިތަކަށް އަމާޒުކޮށްގެންވެސް މިފަދަ ފެސްޓިވަލްއެއް ބާއްވާފައެވެ. އެ ހަރަކާތަށް ލިބުނު ތަރުހީބު ވަރަށް ރަނގަޅުކަމަށް ބީސީސީއިން ބުންޏެވެ. އެ ފެސްޓިވަލްއަށް ލިބުނު ތަރުހީބަށް ބަލައި، މިފަދަ ބޮޑު ހަރަކާތެއް ބޭއްވުމަށް ގިނަ ފަރާތްތަކުން އެދިފައިވާކަމަށްވެސް ބީސީސީއިން ބުނެއެވެ.

comment ކޮމެންޓް