ފާތިމާގެ ކާމިޔާބު 40 އަހަރުގެ ރާސްތާ: ފަނޑުވުމެއް ނެތި ކުރިއަށް

ފާތިމާ މަނިކެ ނުވަތަ ފާތިމާއޭ ބުނުމުން ބޭންކް އޮފް މޯލްޑިވްސްގައި އެއީ ކާކުކަން ނޭނގޭ މީހަކު މަދުވާނެއެވެ. ބޭންކުގެ އެންމެ އާދައިގެ މަގާމުތަކުން ފެށިގެން މިއަދުގެ ޑިވެލޮޕްމެންޓް ބޭންކިން ޑިރެކްޓަރުގެ މަގާމާ ހަމައަށް، ފާތިިމާ ބޭންކުގައި މަސައްކަތް ކުރައްވާތާ 40 އަހަރު ވީއެވެ.

ބޭންކިން ކެރިއަރުގެ ފެށުން

އެންމެ ފުރަތަމަ ލައިބްރޭރިއަންއެއްގެ ގޮތުގައި ފާތިމާ މަސައްކަތް ކުރެއްވިއިރު، އެތަނުގެ އެކައުންޓިން އާ ގުޅުންހުރި މަސައްކަތްތައް ކުރައްވާތަން އެތަނުގެ ބޭފުޅުންނަށް ފެނި ފާތިމާއަށް ބޭންކިން ދާއިރާއާ ގުޅިވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންނެވިއެވެ. ފާތިމާގެ ބޭންކިން ކެރިއަރު ފެއްޓެވީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން 1978ވަނަ އަހަރުއެވެ. އަދި އެންމެފަހުން 1982 ވަނަ އަހަރު ބީއެމްއެލްއާ ގުޅިވަޑައިގަތެވެ.

ބީއެމްއެލް އާއި ފާތިމާގެ ވާހަކަ

1982 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހު ފާތިމާ ބީއެމްއެލްއާ ގުޅިވަޑައިގެންނެވިއެވެ. އެދުވަހުށްސުރެ، މިއަދާ ހަމައަށް ބޭންކުގައި ފާތިމާ މަސައްކަތް ކުރައްވާތާ ފަޚްރުވެރި 40 އަހަރު ވީއެވެ. ފާތިމާ އަމިއްލަފުޅަށް ސިފަކުރައްވާ ފަދައިން، ފާތިމާގެ ފަރާތުން ބޭންކަށް ޖެހުނީ އަމިއްލަ ދަރިޔަކުދެކެ ވާ ލޯބި ފަދަ ބަދަލެއްނެތް، މައިވަންތަކަމުގެ ލޯތްބެކެވެ. ބީއެމްއެލް އުފެދިގެން އައީސުރެ މިއަދާއި ހަމައަށް ފާތިމާ އެތަނުގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެންމެ ފުރަތަމަ ފާތިމާ ބޭންކާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވީ އެންމެ އާދައިގެ މަގާމުތަކުގައެވެ.

ހިތްވަރަށް، އަޒުމަށް ބަދަލެއް ނުގެންނަވައި މަސައްކަތް ކުރައްވައި، 2003 ވަނަ އަހަރު އެސިސްޓެންޓް ޖެނެރަލް މެނޭޖަރެއްގެ މަގާމް ފާތިމާ ޙާސިލްކުރެއްވިއެވެ. މިއަދު ފާތިމާ އަކީ ބީއެމްއެލްގެ ޑެވެލޮޕްމެންޓް ބޭންކިންގް ޑިރެކްޓަރަށް ވީހިނދު، ބީއެމްއެލްގެ ހުރިހާ ދާއިރާއެއް ބެލެހެއްޓުމުގެ ފުރުސަތު ފާތިމާއަށް ލިބުނެވެ.

"އަޅުގަނޑަށް ވަރަށް ހެޔޮ ބަދަލުތަކެއް އައި. އަޅުގަނޑު، އަޅުގަނޑަކަށް ވީ ބޭންކް އޮފް މޯލްޑިވްސްގައި ވަޒީފާ އަދާ ކޮށްގެން،" ފާތުން ވިދާޅުވިއެވެ.

ބޭންކުގައި މަސައްކަތް ކުރައްވާތާ 40 އަހަރު ވީ ނަމަވެސް، ބީއެމްއެލް އިން ވަކިވެޑައިގެންނެވުމުގެ ޚިޔާލެއް ފާތިމާ ނުކުރައްވައެވެ. ރިޓަޔާ ވުމާ ހަމައަށް ފާތިމާ ބޭނުންވެ ވަޑައިގަންނަވަނީ ބީއެމްއެލްގައި މަސައްކަތް ކުރައްވަންށެވެ. އެހެން ދާއިރާއެއްގައި މަސައްކަތް ކުރެެއްވުމުގެ ޚިޔާލެއް ފާތިމާ ނުގެންގުޅުއްވައެވެ.

ފާތިމާ މިހާރު އެންމެ ބޮޑު މަގްސަދަކީ ފާތިމާއަށް ލިބިފައިވާ ތަޖުރިބާ އާއި އެނގިހުރި ހުރިހާ ކަމެއް އެހެން މުވައްޒަފުންނަށް ހިއްސާ ކުރެއްވުމެވެ. އެމުވައްޒަފުންގެ ކުރިއެރުމަށް އެހީތެރިވިދނުމަށް މަސައްކަތްކުރެއްވުމެވެ.

މުވައްޒަފުންނަށް ފާތިމާގެ ނަސޭހަތް

ފާތިމާގެ ނަސޭހަތަކީ ބީއެމްއެލްއަކީ "ސާވިސް އޮރިއެންޓެޑް" ތަނަކަށް ވެފައި ވަރަށް ބޮޑު ބޭންކިންގް ނެޓްވޯކަކަށް ވުމުން، އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށެވެ. މުޅި ބޭންކް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ.

ގައިމުވެސް ފާތިމާއަކީ އަންހެނަކަށް ވީތީ ނުކުރެވޭނެ ވަކި ކަމެއް ނޯންނާނެ ކަމުގެ ހެއްކެކެވެ. މުޅި އުމުރު ދުވަސް ބޭންކުގައި ހޭދަކުރާއިރު، ފާތިމާ އެންމެ ދެރަވާނެ ދުވަހަކީ ބީއެމްއެލް އިން ރިޓަޔަރ ވާން ޖެހޭ ދުވަސް ކަން ގައިމެވެ. އުންމީދަކީ ފާތިމާއަށް ފާގަތި މުސްތަގްބަލެކެވެ.

comment ކޮމެންޓް