އައްޔަނުކުރި ކޯޓު ނޫން އެހެން ކޯޓަކަށް ވަޒީފާއަށް ނިކުތް މެޖިސްޓްރޭޓް އިސްތިއުފާ ދެއްވައިފި

ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ނިޝާރު: އޭނާ ވަނީ މިއަދު އިސްތިއުފާ ދެއްވާފަ --- ފޮޓޯ: ޖޭއެސްސީ

އައްޔަން ކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ވަޒީފާއަށް ނިކުތް ބ. ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙްމަދު ނިޝާރު އެ މަގާމުން ވަކިކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށް އޭނާ އަމިއްލައަށް އިސްތިއުފާ ދެއްވައިފިއެވެ.

ބ. ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙްމަދު ނިޝާރު އެ ކޯޓަށް ވަޒީފާއަށް ނުކުންނަން އަންގާފައި ވީނަމަވެސް އޭނާ ނުކުންނަމުން ގޮސްފައި ވަނީ އޭނާއާ ހަވާލުކޮށްފައިވާ ބ. ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އެމައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ސުލީކީ މައްސަލައެއް ވަނީ ސާބިތު ވެސް ވެފައެވެ. އަދި މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް އޭނާ ސަސްޕެންޑް ކުރުމަށް ޖޭއެސްސީ އިން މީގެ ކުރިން އޮތީ ނިންމާފައެވެ.

ޖޭއެސްސީން ބުނީ ބ. ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ނިޝާރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ މަޤާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަގޮތުގައި ބޭނުންކޮށް ނާޖާއިޒް މަންފާއެއް ހޯދުމުގެ ގަސްތާއެކު މަސައްކަތްކޮށްފައިކަމުގެ ސުލޫކީ މައްސަލައެއް ސާބިތުވެ، މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ޖޭއެސްސީގެ އުސޫލު ބުނާގޮތުން މެޖިސްޓްރޭޓް ނުކުންނަން ޖެހޭނީ އޭނާ އައްޔަން ކޮށްފައިވާ ކޯޓަށެވެ. ހަވާލުކޮށްފައިވާ ކޯޓަށް ދާން ޖެހޭނީ މައްސަލަތައް ބެލުމަށް އެކަންޏެވެ.

އިސް މެޖިސްޓްރޭޓް ނިޝާރު ޢަމަލުކޮށްފައި ވަނީ ކޯޓުތަކުގެ މަސައްކަތްކުރުމާއި ހާޒިރުވުމާ ގުޅޭގޮތުން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް ވެސް ޖޭއެސްސީއިން ވަނީ މީގެކުރިން ބުނެފައެވެ.

ޖޭއެސްސީން ވަނީ މީގެ ކުރިން ވެސް ނިޝާރުގެ މައްސަލައެއް ބަލާފައެވެ. އެފަހަރު ޖޭއެސްސީން ބަލާފައިވަނީ ނިޝާރުއާ ވިޔާފާރީގެ ގުޅުން އޮންނަ ފަރާތަކަށް ރައްދުވާ ގޮތަށް ބ. ގޮއިދޫ ކޯޓަށް ހުށަހެޅުނު ގަޒިއްޔާއެއް ބެލުމުން ތަނާޒުލު ނުވެ އޭނާ އެ ގަޒިއްޔާ ކުރިއަށް ގެންދިޔަ މައްސަލައެވެ.

comment ކޮމެންޓް