ރީކޯ މޫސަ އަލުން އެމްޑީޕީއަށް

ރީކޯ އެމްޑީޕީއާ ގުޅިވަޑައިގެން ފޯމް ހަވާލުކުރައްވަނީ -- ފޮޓޯ/ އެމްޑީޕީ

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އަލުން އެމްޑީޕީއަށް ގުޅިވަޑައިގެންފިއެވެ.

އެމްޑީޕީއިން ވަނީ ރަސްމީކޮށް އެކަން ހާމަކޮށްފައެވެ.

މޫސަ އެމްޑީޕީއަށް ގުޅިވަަޑައިގަތުމަށްފަހު ފޯމު ހަވާލުކުރައްވައިފައި ވަނީ މިހާރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއެވެ.

އެމްޑީޕީއާ ދުރުގައި ދިގު މުއްދަތަކަށް ހުންނެވި ނަމަވެސް މޫސަ ގެންދެވީ އެ ޕާޓީ ތެރޭ ހިނގަމުން އައި ކަންތައްތަކުގައި އޭނާގެ ބަސް ވިދާޅުވަމުންނެވެ. އެގޮތުން މޫސައާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް ހުރެއެވެ.

މިފަހަރު މޫސަ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި އިރު ގާތުގައި ތިއްބެވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި އެ މަނިކުފާނާ ގާތް، ސަރުކާރާއި އެމްޑީޕީގެ އިސް މެމްބަރުންނެވެ.

އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދާ ހިޔާލު ތަފާތުވުމަށް ޖާގަ ނޯންނަ ކަމަށް މޫސަ ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ. އަދި އެމްޑީޕީ އޮންނަނީ ރައީސް ނަޝީދުގެ އަޅުވެތިކަމުގެ ދަށުގައި ކަމަށާއި ގިނަ މެންބަރުން އެމްޑީޕީން ވަކިވާންޖެހުނީ ވެސް އެހެންވެ ކަމަށް މޫސަ ވިދާޅުވިއެވެ.

"އަބަދުވެސް ރައީސް ނަޝީދު ވެރިކަަމަށް ވަޑައިގެން އެމްޑީޕީ ހިފެހެއްޓީއްސުރެ ފަށައިގެން، އެމްޑީޕީ އޮންނަނީ ރައީސް ނަޝީދުގެ އަޅުވެތިކަމުގަ. ޕާޓީއަށް ލިބޭ އާމްދަނީންވެސް ހޭދަކުރައްވާ، ރައީސް ނަޝީދަށް ސަނާކިޔާ ގުރޫޕުގަނޑެއް އަބަދުވެސް [ޕާޓީ ތެރޭގައި] އުޅޭ. އެއީ އަޅުގަނޑުމެން އެމްޑީޕީ ދޫކޮށްފަ ބޭރަށް ނުކުންނަންޖެހޭ ކަމަކީ," މީގެ ކުރިން "ސަން އެކްސްކްލޫސިވް"އަށް ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވިއެވެ.

މޫސަ އެމްޑީޕީގެ މެންބަރުކަމުން ވަކިކުރުމަށް އެޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމީ ކުރީގެ އުއްތަމަ ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިނާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަޙުމަދު މުއުތަސިމް އަދުނާނު މަގާމުން ވަކިކުރަން ވޯޓު ނުދިނުމަށް ޕާލަމެންޓްރީ ގްރޫޕުން ތްރީލައިންވިޕެއް ނެރެފައި ވަނިކޮށް އެއާ ޚިލާފުވެފައިވާ ކަމަށް ބުނެއެވެ. އެއީ 2016 ވަނަ އަހަރެވެ.

ވަކިކުރީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން، މަޖިލީހުގެ ކުރީގެ ނައިބު ރައީސްކަން ވެސް ކުރެއްވި މޫސަ އިއުލާން ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.

އެއާއެކު އޭނާ ދެން ގުޅިވަޑައިގަތީ ޕީޕިއެމާއެވެ. އެ ޕާޓީގައި ގާތްގަނޑަަކަށް ދޮޅު އަހަރު އުޅުއްވުމަށްފަހު މޫސަ ޕީޕީއެމްއިން ވަކިވެވަޑައިގަތީ ޕީޕީއެމްގެ މުސްތަގުބަލާ ދޭތެރޭ ޕާޓީގެ ލީޑާޝިޕުން ދައްކާ ވާހަކައާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވެއެވެ.

comment ކޮމެންޓް