ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ވަނީ ރޭންޖާސް ކޮޅަށް

އަޔެކްސްއާއި ރޭންޖާސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގެޓީ އިމޭޖްސް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަޔެކްސް އަތުން ބަލިވެ އެ މުބާރާތުގައި އެންމެ ދަށް ނަތީޖާ ނެރެވުނު ޓީމަކަށް ރޭންޖާސް ވެއްޖެއެވެ.

ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ރޭންޖާސް ކުޅުނު ހަ މެޗުގަައި އެ ޓީމު ކޮޅަށް ވަނީ 22 ގޯލު ވަދެފައެވެ. އަދި އެ ޓީމަށް ޖެހިފައިވަނީ އެންމެ ދެ ގޯލެވެ. އެ ޓީމުގެ ގޯލު ޑިފަރެންސްއަކީ މައިނަސް 19 ގޯލެވެ. އެއީ މުޅި ޗެމްޕިއަންސް ލީގު ތާރީހުގައި ވެސް ރެކޯޑެކެވެ.

މީގެކުރިން ޗެމްޕިއަންސް ލީގުގައި ގޯލު ޑިފަރެންސް އެންމެ ބޮޑަށް ދަށްވެފައިވަނީ ޑައިނަމޯ ޒެގްރެބްއެވެ. އެ ޓީމުކޮޅަށް 2011-12 ވަނަ އަހަރުގެ ސީޒަނުގެ ގޯލު ޑިފަރެންސަކީ މައިނަސް 19 ގޯލެވެ.

މީގެއިތުރުން ރޭންޖާސް ހިމެނޭ ގްރޫޕް އޭގެ މެޗުތައް ނިމުނުއިރު އެ ޓީމު އޮތީ ތާވަލުގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބިއެވެ. މިއީ ސްކޮޓްލޭންޑްގެ ޓީމެއް ޗެމްޕިއަންސް ލީގުގައި ޕޮއިންޓެއް ނުލިބި ނިންމާލި ފުރަތަމަ ފަހަރެވެ.

އެ ގްރޫޕްގެ އެއްވަނައިގައި ނަޕޯލީ އޮތީ 15 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި ލިވަޕޫލް 15 ޕޮއިންޓާއެކު އޮތްއިރު ތިންވަނައިގައި އޮތް އަޔަކެސްއަށް ލިބުނީ ހަ ޕޮއިންޓެވެ.

ގޯލު ޖެހިމަށްފަހު އަޔެކްސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ --- ފޮޓޯ/ ގެޓީ އިމޭޖްސް

ނަޕޯލީއާއި ލިވަޕޫލަށް އެއްވަރަށް ޕޮއިންޓު ލިބުނު ނަމަވެސް ނަޕޯލީއަށް އެއްވަނަ ލިބެނީ ހެޓް ޓު ހެޑް އުސޫލުން އެ ޓީމަށް ފައިދާ އެއް ގޯލު ލިބޭތީއެވެ. ހެޑް ޓު ހެޑް އުސޫލަކީ ދެ ޓީމު ބައްދަލުކުރާ ދެ މެޗުގެ ގޯލުގެ ތަފާތަށް ބަލާ އުސޫލެކެވެ. އެ ގޮތުން ނަޕޯލީ ވަނީ އެ ޓީމުގެ ދަނޑުގައި ލިވަޕޫލް 4-1 ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ. އަދި ރޭ ލިވަޕޫލްގެ ދަނޑުގައި ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން ނަޕޯލީއަށް ފައިދާ އެއް ގޯލު ލިބެއެވެ.

ރޭ އަޔެކްސާގެ ދަނޑުގައި ރޭންޖާސްއާ ދެކޮޅަށް ކުޅުނު މެޗު އަޔެކްސް އިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ހަތަރު ވަނަ މިނެޓުގައި އަޔެކްސްގެ ސްޓީވެން ބާގައިސް ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ.

މެޗުގެ 29 ވަނަ މިނެޓުގައި އޮވެން ވިޖްންޑަލްގެ އެހީތެރިކަމާއެކު މުހައްމަދު ކުންޑޫސް ވަނީ އަޔެކްސްއަށް ދެވަނަ ގޯލު ޖަހައިދީފައެވެ. އަދި އެ ޓީމުގެ ތިން ވަނަ ގޯލަކީ މެޗުގެ 89 ވަަނަ މިނެޓުގައި ފްރެންކިސްކޯ ކޮންސެއިސޯ ޖެހި ގޯލެކެވެ.

މެޗުގައި ރޭންޖާސް ޖެހި ހަމައެކަނި ގޯލަކީ މެޗުގެ 87 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ޖޭމްސް ޓަވާނިއާ ޖެހި ގޯލެކެވެ.

comment ކޮމެންޓް