އެމްޓީސީސީ ކަށަވަރު ޕްރޮމޯ ބޮޑެތި ޑިސްކައުންޓުތަކާއެކު ފަށައިފި

އެމްޓީސީސީއިން ބޮޑެތި ޑިސްކައުންޓުތަކަކާއެކު "ކަށަވަރު ޕްރޮމޯ 2022" ފަށައިފިއެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ އެ ކުންފުނިން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީނާއި، އިންޖީނުތަކުގެ ސްޕެއާ ޕާޓް، އަދި ޕީޕީޖީ ކޯޓިންއިން ޚާއްސަ ޑިސްކައުންޓްތަކެއް ދީގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މީގެ އިތުރުން އިންޖީނުތަކާ ގުޅުންހުރި އިތުރު ތަކެތިން ވެސް މި ޕްރޮމޯޝަނުގެ މުއްދަތުގައި ޑިސްކައުންޓު ލިބޭނެއެވެ.

މި އަހަރުގެ ކަށަވަރު ޕްރޮމޯ އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ.

ކަށަވަރު ޕްރޮމޯ 2022 އިފްތިތާހުކުރުމުގެ ތެރެއިން އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ -- ސަން ފޮޓޯ

މި ޕްރޮމޯޝަން އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ޝާހިދު ހުސައިން މޫސާ ވިދާޅުވީ އެމްޓީސީސީއިން އެ ޕްރޮމޯޝަން ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ މަސްވެރިންނަށާއި އޮޑިވެރިންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުންކަމަށެވެ. އަދި އެ ކުންފުންޏަކީ މަސްވެރިންނާ ވަަރަށް ބޮޑަށް ގުޅުން ހުރި ކުންފުންޏެއް ކަމަށް ވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ހަމަ ކޮންމެ އަހަރަކު ވެސް ބާއްވާ ޚާއްސަ ޕްރޮމޯޝަނެއް މިއީ. މަސްވެރިންނަށާއި އަދި ކަނޑުގެ އުޅަނދުފަހަރު ގެންގުޅުއްވާ ފަރާތްތަކަށް އަޅުގަނޑުމެން ބާއްވާ ޕްރޮމޯޝަނެއްް މިދަނީ. އެހެންވީމާ މި އަހަރު ވެސް މިއަދުން ފެށިގެން ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ހަމަ މި ޕްރޮމޯޝަން ކުރިއަށް ގެންދާނަން،" އޭނާ ވިދާޅުވިއެވެ.

ކަށަވަރު ޕްރޮމޯޝަންގެ ތެރެއިން ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ކޮންމެ ހަފުތާއެއްގައި ވެސް ގުރުއަތުން ހޮވޭ ފަރާތަކަށް 2.5 ހޯސް ޕަވަރުގެ ސުޒުކީ މެރިން އިންޖީނެއް ލިބޭނެއެވެ.

މީގެ އިތުރުން މުޅި ޕްރޮމޯޝަންގެ ތެރެއިން ގުރުއަތުން ހޮވޭ އެކަކަށް ދެ ލައްކަ ރުފިޔާގެ އަގުހުރި 35 ހޯސްޕަވަރުގެ ޔަންމާ މެރިން އިންޖީނެއް ދިނުމަށް ވަނީ ނިންމާފައެވެ.

އެޕްރޮމޯޝަންގެ ތެރެއިން ސުޒުކީ އިންޖީނުތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެއެވެ. އަދި ޔަންމާ އިންޖީނުތަކުން ފަސް ޕަސެންޓާާއި ހަތް ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެއެވެ.

ކަށަވަރު ޕްރޮމޯ 2022 އިފްތިތާހުކުރުމުގެ ތެރެއިން އެމްޓީސީސީ -- ސަން ފޮޓޯ

ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީނިއާ މެނޭޖަރު ޖިނާހް އަޙްމަދު ވިދާޅުވީ މި ޕްރޮމޯޝަނަށް ތަރުހީބު ހޯދުމަށް ޓަކައި ޚާއްސަ އިވެންޓުތަކެއް ވެސް ކުރިއަށް ގެންދަން ރާވައިފައިވާކަމަށެވެ.

"މީގެ ތެރޭގައި މާލޭގެ ބަނދަރު ސަރަހައްދަށް އަޅުގަނޑުމެން ދާނެ. އަދި އޭގެ އިތުރުން ވަކި އަތޮޅުތަކެއް ސިލެކްޓު ކުރެވި، ރ. އަތޮޅު، ށ. އަތޮޅު، އަދި ތ. އަތޮޅު މި އަތޮޅުތަކުގެ ވަކި ރަށްރަށަށް އަޅުގަނޑުމެން ޒިޔާރާތްކޮށް ކަސްޓަމަރުންނާ ބައްދަލުކޮށް، އަޅުގަނޑުމެންގެ މި ޕްރޮމޯޝަނާ ބެހޭ މައުލޫމާތު އެ ބޭފުޅުންނަށް ލިބިގެންދާނެ،" ޖިނާހް ވިދާޅުވިއެވެ.

ކަށަވަރު ޕްރޮމޯ 2022 އިފްތިތާހުކުރުމުގެ ތެރެއިން އެމްޓީސީސީގެ ސީނިއާ މެނޭޖަރު ޖިނާހް -- ސަން ފޮޓޯ

ޖިނާހްވަނީ ޕްރޮމޯޝަންގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ހުރިހާ ކަސްޓަމަރުންނަށް ވެސް އިލްތިމާސްކުރައްވައިފައެވެ. އަދި ހުރިހާ ކަސްޓަމަރުން ވެސް ޝޯރޫމަށް ޒިޔާރަތްކޮށް ޕްރޮމޯޝަންގައި ބައިވެރިވުމަށް ވަނީ އެދިފައެވެ.

comment ކޮމެންޓް