ނޭކުރެންދޫ ބަނދަރު އަޕްގްރޭޑު ކުރުމަށް 47 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު 47 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރުމަށް މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާއެވެ.

ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގެ ދަށުން 323،22 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު 290 މީޓަރު ބްރޭކްވޯޓާ ޖެހުމާއި 76 މީޓަރު ޗެނަލް ބްރޭކްވޯޓާ ޖެހުމާއި 166 މީޓަރު ރިވެޓްމެންޓް ޖެހުމާއި 212 މީޓަރު ސްކޯރިން އެޕްރޮން ޖެހުމާއި 212 މީޓަރު އެއްގަމު ތޮށި ޖެހުމާއި 19 މަގު ބައްތި ހަރުކުރުމާއި އެކްސެސް ޕްލެޓްފޯމް އެޅުމުގެ އިތުރުން 1،859 އަކަ މީޓަރު ޕޭވްމަންޓް ވެސް އެ އެއްބަސްވުމުގެ ދަށުން ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ވެސް 15 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

އެ އެއްބަސްވުމުގެ ދަށުން އިންނަމާދޫގެ އުތުރު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 45 މީޓަރުގެ ޓީ-ގްރޮއިން ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 220ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

comment ކޮމެންޓް