ޑިޒްނީގެ އައު ފިލްމުގައި ޕްލަސް ސައިޒް ނެށުންތެރިއެއް

ޑިޒްނީގެ އާ ފިލްމުން ފެންނަ ކެރެކްޓާ

ޑިޒްނީއިން ގެނެސްދޭ އައު ފިލްމު 'ރިފްލެކްޓް'ގައި ޕްލަސް ސައިޒް ނުވަތަ ފަލަ އަންހެން ނެށުންތެރިއެއް ދައްކާލައިފިއެވެ.

ޑިޒްނީގެ ސްޓްރީމިން ޚިދުމަތް ޑިޒްނީ ޕްލަސްގައި މިހާރު ރިލީޒްކޮށްފައިވާ 'ރިފްލެކްޓު' ފިލްމަކީ ނެށުމުގެ ބާވަތެއް ކަމަށްވާ ބެލޭ ޑާންސް ކުރާ، ބިއަންކާ ކިޔާ އަންހެން ކުއްޖެއްގެ ހަށިގަނޑު ހުންނަ ގޮތުގެ ސަބަބުން އެ ކުއްޖާއަށް ދިމާވާ ހާދިސާތަކުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

ބެލޭ އަކީ އާއްމުގޮތެއްގައި ހަށިގަނޑު ކުޑަކޮށް ތިބޭ ކުދިންނާއި މީހުން ފެންނަ ނެށުމެކެވެ. އަދި، މި ނެށުމުގައި ގެންގުޅޭ ގޮތްތަކުގެ ސަބަބުން ހަށިގަނޑުު ލުއިކޮށް ހިމަކޮށް ހުރުމުން ނެށުމަށް ފަސޭހަ ކަމަށްވެސް ބުނެއެވެ. ރިފްލެކްޓު ފިލްމުގައި ވަނީ މި ވާހަކަތަކަށް ރައްދުދީފައެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މި ފިލްމުގެ މަންޒަރުތައް ހިއްސާކުރަމުން ބުނަނީ ކުޑަކުދިންނަށް އަމިއްލަ ހަށިގަނޑާ ބެހޭ ގޮތުން މިކަހަލަ ގޮތަކަށް ދަސްކޮށްދިނުން ރަނގަޅު ކަމަށެވެ.

"އަހަރެން ފަލަވެގެން ބެލޭ ޑާންސް ކްލާސްތައް ހުއްޓާލުމުގެ ކުރިން މި ފިލްމު ފެނުނުނަމަ. މިހާރުގެ ކުޑަކުދިންނަށް މި ފިލްމު ފެންނާނެތީ އުފާވޭ. މި ފިލްމަށް 10/10 ދޭނަން،" މީހަކު ސޯޝަލް މީޑިއާގައި ޖަހާފައިވެއެވެ.

މި ފިލްމާ ގުޅޭގޮތުން ފިލްމުގެ ޑައިރެކްޓަރު ހިލަރީ ބްރެޑްފީލްޑް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނީ މިފަދަ ގޮތަކަށް ފިލްމު ގެނެސްދެވުމުން ފިލްމުން ހަގީގަތް ދަައްކުވައިދެވޭ ކަމަށެވެ. އަދި މި ފިލްމު ބަލާފައި އަމިއްލަ މީހާގެ ހަށިގަނޑާ މެދު ދެކޭ ގޮތް ކުރިއަށް ވުރެ ރަނގަޅު ގޮތަކަށް ބަދަލުވާނެކަމަށް އުއްމީދު ކުރާ ކަަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް