އަބްދުﷲގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ނިންމާލައިފި

ފުލުުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި ގދ.ހޯނޑެއްދޫ ސްވާން، އަބްދުﷲ ރަޝީދުގެ އާއިލާއިން ގަލޮޅު މޯޗަރީ ކައިރީގައި ހިތްހަމަނުޖެހުން ފާޅުކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްދިނުމަށް އެދި އާއިލާއިން ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުން ނިންމާލައިފިއެވެ.

ޢަބްދުﷲގެ މަރާ ގުޅިގެން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް އެދިއެވެ. މިއަދު އޮތް ކޯޓު އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ، މި މައްސަލައިގައި ފުލުހުންގެ މައްޗަށް ތުހުމަތުތަކެއް ކުރެވި، ފުލުހުން ބަދުނާމުވާގޮތަށް ވާހަކަތައް ދެކެވެމުން ދާކަމަށެވެ.

އެހެންކަމުން މިކަމުގެ ސަބަބުންވެސް އޮޓޯޕްސީއެއް ހަދަންޖެހޭ ކަމަށް ދައުލަތުން ބުންޏެވެ. ޤާނޫނީގޮތުން ފުލުހުންނަށް އެ ބާރު އޮންނަކަން ފާހަގަކުރަމުން މިކަމުގައި އާއިލާގެ ހުއްދަ ހޯދަން ނުޖެހޭކަމަށް ދައުލަތުގެ ފަރާތުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.

މިކަމުގައި ދައުލަތުގެ ވަކީލުން ހަވާލާދެއްވީ ޖިނާއީ އިޖުރާތު ޤާނޫނުގެ 71 ވަނަ މާއްދާގެ އެއްވަނަ ނަންބަރަށެވެ.

ޢަބްދުﷲ ރަޝީދުގެ އާއިލާގެ ވަކީލުން ކޯޓުގައި ވާހަކަދައްކަވަމުން ވިދާޅުވީ، މިއީ އާދަޔާ ޚިލާފް މަރެއް ނޫންކަމުން އޮޓޯޕްސީ ހަދައިގެން ފެންނާނެ ވަކި އިތުރު އެއްޗެއް ނެތްކަމަށާއި، އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަންޖެހޭކަމަށެވެ.

ފުލުހުން ވަނީ އަބްދުﷲގެ ހަށިގަނޑު އޮޓޯޕްސީ ހެދުމަށް މިމަހުގެ 31 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ގެނދިއުމަށް ނިންމާފައެވެ.

އަބްދުﷲގެ އާއިލާގެ ވަކީލް ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން އަބްދުﷲ ގެ މަރުވެފައިވާ ހަށިގަނޑު އޮޓޯޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ނިންމާފައިވާކަން ހާމަވެގެންދިއުމަކީ އާއިލާގެ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށާއި އާއިލާގެ ހުއްދަނެތި ފުލުހުންނަށް އެކަން ނުކުރެވޭނެ ކަމަށެވެ.

މި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި، ދެން އޮންނާނީ ހުކުމްކުރުންކަމަށެވެ.

މި މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބު އަދި ފުންނާބު އުސް ޤާނޫނީ ވަކީލާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެފައި ވަނީ މައްޔިތެއްގެ ހަށިގަނޑު ފަޅައި ސާމްޕަލް ނެގޭނީ އޭނާގެ ވާރިސުންގެ ހުއްދަ ލިބިގެންކަމަށެވެ. އެނޫން ގޮތަކަށް އެކަން ކުރެވޭނީ ކޯޓު އަމުރެއް ހޯދައިގެންކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހު އަބްދުﷲ ރަޝީދު މަރުވީ ގދ. ހޯނޑެއްދުއިން އޭނާ ހައްޔަރުކޮށް އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ. ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ އެދުނު ކަމަށާއި ނަމަވެސް އެއީ އެކްޓް ޖެއްސުން ކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ.

އަބްދުﷲގެ އާއިލާއިން ވަނީ އޭނާގެ ހަށިގަނޑު ނުލިބިގެން އެޗްއާރުސީއެމްއާއި އެެހެން މުއައްސަސާތަކަށް ވެސް ޝަކުވާ ހުށަހަޅާފައެވެ.

ލަނޑާ ނަގައިގެން ވިއްކުމުގެ މަސައްކަތް ކުރި އަބްދުﷲ ރަށުގައި އުޅެމުން ދިޔައީ އެކަންޏެވެ. އޭނާގެ އަނބިމީހާއާއި ހަތަރު ކުދިން ތިބެނީ މާލޭގައެވެ. ތިން އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖަކު އޭނާގެ ހުންނައިރު އެތަނުން 18 އަހަރު ފުރުނީ އެންމެ ކުއްޖަކަށެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ އަބްދުﷲ ހަށިގަނޑު މާލެ ގެނެސް ވަނީ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީއަށް ލައިފައެވެ.

comment ކޮމެންޓް