އީލޯން މަސްކް 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށްފަހު އޭނާއަށް އެއްބާރުލުން ނުދިން ބައެއް ވެރިން ޓްވިޓާއިން ވަކިކުރަމުންދާ ދަނޑިވަޅެއްގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާއަށް ތައުރީފުކުރައްވާފައެވެ. އެއާއެކު، ޓްވިޓާ ބޭނުންކުރުމުގެ ފުރުސަތު މަސްކް އަލުން އަނބުރާ ޓްރަމްޕްއަށް ދޭނެތޯ އާއި ޓްރަމްޕް އެފަދަ ފުރުސަތެއް ބޭނުންވޭތޯ ވަނީ ސުވާލު އުފެދިފައެވެ.
ޓްރަމްޕް ދާއިމީކޮށް ޓްވިޓާއިން ބޭރުކޮށްފައި ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ވަދެގަންނަން އޭނާގެ ސަޕޯޓަރުންނަށް ހިތްވަރު ދެއްވި ކަމަށް ބުނާ މައްސަލައިގައެވެ. އެ ފިޔަވަޅު އެޅީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ.
މަސްކް ޓްވިޓާ ގަނެފައިވާތީ މިއަދު ޓްރަމްޕް ވަނީ އޭނާގެ އަމިއްލަ ޕްލެޓްފޯމް 'ޓްރުތް ސޯޝަލް'ގައި އޭނާއަށް ތައުރީފުކުރައްވާފައެވެ.
މަސްކްގެ ޓްވިޓާ ޑީލް އިއްޔެ ތަންފީޒުކޮށްފައިވާއިރު، އޭނާ އެންމެ ފުރަތަމަ ކުރި ކަންކަމުގެ ތެރޭގައި ސީއީއޯ ޕަރަގް އަގްރާވާލް ހިމެނޭ ގޮތަށް މަތީ ފެންވަރުގެ ވެރިން ވަކިކުރުން ހިމެނެއެވެ.
ޓްރަމްޕް ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓްވިޓާ މިހާރު އޮތީ ބުއްދިވެރިއެއްގެ އަތުގައިކަމަށެވެ. އަދި އެފަދަ ބުއްދިވެރިއެއްގެ އަތުގައި އޮތުމުން، ގައުމަށް ހަގީގަތުގައި ނަފްރަތުކުރާ ޣައްދާރުންނާއި ބޮޑެތި ޚިޔާނާތްތަކާއި، ހީލަތްތައް ހެދުމުގެ ކަންކަން ދެން ޓްވިޓާގައި ނުހިންގާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްވިޓާގައި ބޮޓްތަކާއި ފޭކް އެކައުންޓްތަކުން ސަލާމަތްވުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކުރައްވައި ޓްރަމްޕް ވިދާޅުވީ އޭނާއަށް އޭނާގެ އަމިއްލަ އެޕްލިކޭޝަން ވަރަށް ކަމުދާ ކަމަށެވެ.
މަސްކް ވަނީ ޓްވިޓާއަކީ "ވާތުފިޔައިގެ ބާރުވެރިކަމެއް" އޮތް ތަނެއް ކަމަށް ތުހުމަތުކޮށް، ކަނާތު ފިޔައިގެ ކޮންޒަވޭޓިވް ޚިޔާލުތައް ސެންސަރުކުރާ ކަމަށް ތުހުމަތުކޮށްފައެވެ.
މީގެ ކުރިން މަސްކް ވަނީ ޓްވިޓާއިން ޓްރަމްޕް ދާއިމީކޮށް ބޭރުކޮށްފައި އޮތް އޮތުން އަނބުރާ ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. އެއީ "އަޚްލާގީ ގޮތުން ނުބައި ނިންމުމެއް" ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ހަމައެއާއެކު ޓްވިޓާއާ ވާދަ ކުރެވޭ އެޕެއް ބިނާކުރުމަށް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މަސްކް ވަނީ ތުހުމަތު ކުރައްވާ މަލާމާތް ކުރައްވާފައެވެ.
"ޓްރޫތު ސޯޝަލް (ބިރުވެރި ނަމެއް) އުފެދިފައިވަނީ ޓްވިޓާއިން މިނިވަން ވާހަކަ ދެއްކުމުގެ ފުރުސަތު ސެންސަރު ކުރުމުގއ ސަބަބުން،" އޭޕްރީލް 27 ވަނަ ދުވަހު މަސްކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ޓްވިޓާގެ މިލްކުވެރިޔަކަށް ބެލުމެއް ނެތި ޓްވިޓާއާ އަލުން ނުގުޅޭނެ ކަމަށް ޓްރަމްޕް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ރިޕަބްލިކަން ޕާޓީގެ ކުރީގެ ކޮންގްރެސް މެންބަރު އަދި މިހާރު ޓްރަމްޕްގެ މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕްގެ ސީއީއޯ ޑެވިން ނޫނެސް މިދިޔަ މޭ މަހު ވިދާޅުވީ ޓްވިޓާ ގަންނަން ޓްރަމްޕް މަސްކްއަށް ހިތްވަރުދިން ކަމަށެވެ.
"ޓްރަމްޕާ ސީދާ ނުވަތަ ނުސީދާ ގޮތެއްގައި ވިޔަސް އަޅުގަނޑުގެ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ. މަސްކް އޭރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ޓްރޫތު ސޯޝަލް ފުރަތަމަ އެޕަލްގެ އައިއޯއެސްގައި ލޯންޗްކުރީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. މި މަހުގެ ކުރީކޮޅު ގޫގުލް އިން ވަނީ ގޫގުލް ޕްލޭ ކޮންޓެންޓް މޮޑެރޭޝަން ޝަރުތުތަކަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ޓީއެމްޓީޖީން ލިބުމުން ޓްރޫތު ސޯޝަލްގެ އެންޑްރޮއިޑް ވާޝަން ފާސްކޮށްފައެވެ.