ސްޕޭސްއެކްސްއިން އަންނަ އަހަރު އާއްމުންނަށް ހިއްސާ ވިއްކަން ފަށަނީ

މި އައިޕީއޯގެ ސަބަބުން ކުންފުނީގެ އަގު 1.5 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރޭ --- ފޮޓޯ: ގެޓީއިމޭޖްސް

ސްޕޭސްއެކްސްއިން އަންނަ އަހަރު (2026 ވަނަ އަހަރު)، އާއްމުންނަށް ހިއްސާ ވިއްކަން ފަށާނެ ކަމަށް އެކުންފުންޏާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބްލޫމްބާގް ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެލޮން މަސްކްގެ މި ކުންފުނިން އައިޕީއޯ (އާންމުކޮށް ހިއްސާ ވިއްކުން) އަށް ނުކުތުމަށް ރާވަމުންދާއިރު، މި އައިޕީއޯގެ ސަބަބުން ކުންފުނީގެ އަގު 1.5 ޓްރިލިއަން ޑޮލަރަށް އަރާނެއެވެ. އަދި މި ހިއްސާވިއްކުމުގެ ތެރެއިން ޖުމުލަ 30 ބިލިއަން ޑޮލަރު ހޯދުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.

މި އައިޕީއޯއަކީ ތާރީޚުގައި ހިންގާފައިވާ އެންމެ ބޮޑު އައިޕީއޯއަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. 2019 ވަނަ އަހަރު ސައުދީ އަރާމްކޯ އިން ހިންގި އައިޕީއޯއިން 29 ބިލިއަން ޑޮލަރު ހޯދައި، މިހާތަނަށް ހިފަހައްޓާފައިވާ ރެކޯޑު ސްޕޭސްއެކްސް އިން މުގުރާލާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ސްޕޭސްއެކްސްއިން މީގެ ކުރިން ރާވާފައިވާ ޕްލޭންތަކާއި މުޅިން ތަފާތު ބަދަލެކެވެ.

ކުރިން ސްޕޭސްއެކްސް އިން ވިސްނާފައިވަނީ އެ ކުންފުނީގެ ސްޓާލިންކް ޑިވިޝަން އައިޕީއޯއަށް ނެރުމަށްފަހު، މައި ކުންފުނި އަމިއްލަ ކުންފުންޏެއްގެ ގޮތުގައި ބެހެއްޓުމަށެވެ. ނަމަވެސް، މިހާރުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، މުޅި ސްޕޭސްއެކްސް ކުންފުނި އައިޕީއޯއަށް ނެރުމަށް ތައްޔާރުވަމުންދާއިރު، މިއީ އެ ކުންފުނީގެ ކުރިމަގަށް އަންނަ ބޮޑު ބަދަލެކެވެ.

https://sun.mv/206595

ބްލޫމްބަގްގެ މި ރިޕޯޓު އައިސްފައިވަނީ، ދަ އިންފޮމޭޝަން އިން ސްޕޭސްއެކްސްގެ އައިޕީއޯ 2026 ގެ ފަހުކޮޅަށް އަމާޒުކޮށްފައިވާކަމަށް ފުރަތަމަ ރިޕޯޓުކުރިތާ މަދު ދުވަސްކޮޅެއް ފަހުންނެވެ.

ދަ ވޯލް ސްޓްރީޓް ޖާނަލް އިންވެސް މިފަހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސްޕޭސްއެކްސް އިން ވަނީ މުވައްޒަފުންނަށް ހިއްސާ ވިއްކުމުގެ ދެވަނަ ފުރުސަތެއް ދީފައެވެ. މިގޮތުން، ކުންފުނީގެ އަގު 800 ބިލިއަން ޑޮލަރަށް އަރާނެކަމަށް އަންދާޒާ ކުރެވިފައިވާއިރު، 420 ޑޮލަރުގެ ރޭޓުން 2 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކުމަށް ހުއްދަ ދީފައިވާ ކަމަށް ބްލޫމްބަރގް އިން ބުނެއެވެ.

ސްޕޭސްއެކްސްއަކީ 2002 ވަނަ އަހަރު އެލޮން މަސްކް އުފެއްދެވި ކުންފުންޏެއް ކަމަށްވާއިރު، މި ކުންފުނީގެ މައިގަނޑު އަމާޒަކީ ޖައްވީ ދަތުރުފަތުރުގެ އަގު ކުޑަކޮށް، އިންސާނުން މާސް ގައި ވަޒަންވެރިކުރުވުމެވެ.

ފާއިތުވި އަހަރުތަކުގައި ރީޔޫޒަބަލް (އަލުން ބޭނުންކުރެވޭ) ރޮކެޓް ޓެކްނޮލޮޖީއާއެކު ޖައްވީ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައިވާ މި ކުންފުންޏަކީ، މިވަގުތު ދުނިޔޭގެ އެންމެ އަގުބޮޑު ޕްރައިވެޓް ކުންފުންޏެވެ.

މީގެ ކުރިން މަސްކް ވިދާޅުވެފައިވަނީ ކުންފުނީގެ ދުރު ރާސްތާގެ އަމާޒުތަކަށް ހުރަސްއެޅިދާނެތީ، މާސްއަށް ގަވާއިދުން ދަތުރުކުރެވެންދެން ކުންފުނި ޕަބްލިކް ކުންފުންޏަކަށް ބަދަލުނުކުރައްވާނެ ކަމަށެވެ. ނަމަވެސް، އެންމެ ބިޔަ ރޮކެޓް "ސްޓާޝިޕް" ތަރައްޤީކުރުމަށާއި "ސްޓާލިންކް" އިންޓަނެޓްގެ ޚިދުމަތް މުޅި ދުނިޔެއަށް ފުޅާކުރުމަށް ބޭނުންވާ މާލީ ތަނަވަަސްކަން ހޯދުމަށް، އައިޕީއޯއަކަށް ދިއުމަކީ މުހިންމު ފިޔަވަޅެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

comment ކޮމެންޓް