މިދިިޔަ އަހަރު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންނަށް ވުރެ ގިނަ ފަތުރުވެރިން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޑރ. މައުސޫމް ކުރެއްވި ޓްވީޓެއްގައި ވަނީ، މުޅި މިދިޔަ އަހަރު ރާއްޖެ ޒިޔާރާތްކުރީ 1،321،937 ފަތުރުވެރިންކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިއްޔެ ވަނީ އެ އަދަދަށް ވުރެ އިތުރުވެފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ލިބުނު ކުރިއެރުން ފާހަގަކޮށް ޑރ. މައުސޫމް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެންނަށް ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖެ އިޝްތިހާރު ކުރުމުގެ އެންމެ ބޮޑު މަސައްކަތެއް ކުރާ މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު "ސަން"އަށް ވިދާޅުވީ، އެ ފެނުނީ އެންމެން ގުޅިގެން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މިހާ ހިސާބަށް މިއާދެވުނީ ކޮވިޑުގެ ދަތި ހާލަތުގައި ވެސް ގިނަ ގޮންޖެހުންތަކަކާ އެކު ވެސް ރާއްޖޭގެ ބޯޑަރު ހުޅުވުމުންކަމަށް އޭނާ ވިދާޅުވިއެވެ.
"މީ އަސްލު މިދިޔަ ތިން އަހަރު ހުއްޓާނުލާ ކުރެވުނު މަސައްކަތް އެއްކަމަކީ، އަނެއް ކަމަކީ މުޅި އިންޑަސްޓްރީ އެއްކޮށް ގުޅިގެން މަސައްކަތްކުރުން،" ތޮއްޔިބް ވިދާޅުވިއެވެ.

ތޮއްޔިބް ވިދާޅުވީ، ރާއްޖެއަކީ މިހާރު ދުނިޔޭގެ އެންމެ މަޤްބޫލު އެއް މަންޒިލް ކަމަށެވެ. އަދި މިދިޔަ ދެ އަހަރު ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ހާސިލްކުރި ފަދައިން މިއަހަރު ވެސް އެ އެވޯޑު ރާއްޖެއަށް ލިބޭނެކަމަށް ވަރަށް ބޮޑަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް ގިނަ ތަފާތު ގޮތްގޮތަށް މިދިޔަ ތިން އަހަރުތެރޭ މީހުންނަށް ރާއްޖެ ފެނިއްޖެ. ކޮވިިޑްގެ ގޮތުން ވަރަށް ސޭފް ޑެސްޓިނޭޝަނެއްގެ ގޮތުގައާއި، މިތަނަށް އައިސް މި ކުރާ އެކްސްޕީރިއަންސް މީ ވަރަށް ތަފާތު ކަމެއް،" އޭނާ ވިދާޅުވިއެވެ.
އިއްޔެ ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައި ވަނީ އިންޑިއާ އާއި ރަޝިއާ އާއި އިނގިރޭސިވިލާތުންނެވެ.
އިންޑިއާއިން އައި ފަތުރުވެރިންގެ އަދަދު، ޖުމްލަ އަދަދުގެ 14.1 ޕަސެންޓު ހިއްސާކުރެއެވެ. ރަޝިއާ މާކެޓުގެ ހިއްސާ 12.1 ޕަސެންޓަށް އަރާ އިރު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސިވިލާތުން ހިއްސާކުރަނީ 11 ޕަސެންޓެވެ.