ވަކީލުކަމުގެ ހުއްދަ ލިބިފައިވާ މީހުން ބާ އިމްތިހާން ހަދަން ނުޖެހޭ ބިލު ރައީސް ތަސްދީގުކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު -- ފޮޓޯ/ ރައީސް އޮފީސް

މިހާރު ގާނޫނީ ވަކީލު ކަމުގެ ވަގުތީ ހުއްދަ ލިބިފައިވާ މީހުންނަށް ބާ އިމްތިހާނު ނުހަދައި ގާނޫނީ ވަކީލު ކަމުގެ ދާއިމީ ހުއްދަ ދިނުމަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް ގެނެވުނު މައިގަނޑު އިސްލާޙު ތަކުގެ ތެރޭގައި ހިމެނެނީ، ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަަލަތައް ބެލުމުގައި ބާކައުންސިލުން ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުމާއި، ބާކައުންސިލްގެ ބަޖެޓާއި، މާލީ ކަންކަން ބަލަހައްޓާނެ ގޮތް ކަނޑައަޅައި ބަޔާން ކުރުމާއި، ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދި ހުށަހަޅާ މީހުން ފުރިހަަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމާ ގުޅޭ އިސްލާޙް ތަކެވެ.

އެގޮތުން މީގެ ފަހުން ކައުންސިލްގެ މާލީ ހިސާބުތައް އަހަރަކު އެއްފަހަރު ލައިސަންސްޑް އޮޑިޓަރެއް މެދުވެރިކޮށް، އޮޑިޓް ކުރުމަށް ފަހު އޮޑިޓް ރިޕޯޓެއް އެކުލަވާލަން ޖެހޭނެއެވެ. މީގެ އިތުރުން ބާ ކައުންސިލަށް ކުރިއަށް އޮތް އަހަރަށް ބޭނުންވާ ބަޖެޓް، ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ދައުލަތުގެ މާލީ ކަންކަން ހިންގުމާ ހަވާލުވެފައިވާ ވުޒާރާއަށް ހުށަހަޅަން ޖެހޭނެއެވެ.

ރައީސް އެ ބިލު ތަސްދީގުކުރެއްވުމާއެކު ގާނޫނުގައި ބަޔާން ކޮށްފައިވާ އުސޫލަކާ ނުވަތަ ސުލޫކީ މިންގަނޑެއް ނުވަތަ ވަކީލުންގެ ސުލޫކާއި ޚިލާފުވެއްޖެނަމަ އެ ވަކީލަކާ ގުޅޭ މައްސަލަ ބާ ކައުންސިލަށް ހުށަހެޅިދާނެއެވެ. މީގެ އިތުރުން ގާނޫނީ ފަންނުގެ އަސާސްތަކާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ހަމަތައް ނެގެހެއްޓުމަށް ޓަކައި ގެންގުޅެން ވާނެ އުސޫލުތަކާ ޚިލާފު، ގާނޫނީ ފަންނުގެ އިތުބާރު ގެއްލޭ ކަމެއް ވަކީލަކު ކޮށްފިނަމަ އެކަމުގެ ޝަކުވާ ވެސް ހުށަހެޅޭނެއެވެ.

ގާނޫނުގައިވާ ގޮތުން ޝަކުވާ ހުށަހެޅުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބެއެވެ. އަދި އެފަދަ މައްސަލަތައް ބާ ކައުންސިލްގެ އަމިއްލަ އިސްނެގުމަށް ވެސް އެ ކައުންސިލަށް ބެލިދާނެއެވެ.

އެފަދަ މައްސަލައެއް ބަލާ ހާލަތުގައި މައްސަލަ ބެލުމަށް ބާ ކައުންސިލްގެ ސުލޫކީ ކޮމިޓީގައި ހިމެނޭ މެންބަރުންގެ ތެރެއިން ތިން މެންބަރުން ހިމެނޭ ޕެނަލްއެއް އެކުލަވާލުމުގެ ފުރުސަތު އެ ކައުންސިލަށް ލިބޭނެއެވެ.

އެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަނޑައެޅިފައިވާ ސުލޫކީ ހަމަތައް ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ވަކީލުންގެ މައްޗަށް ވެސް ހިނގާނެއެވެ.

ރައީސް އެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ.

comment ކޮމެންޓް