ޗަނާޗާގައި ހަތަރު ބޭންޑާއެކު އިނާން

ކޮންމެ ދާއިރާއެއްގައި ވެސް މީހަކު ބަލައިގެންފިކަން އެނގި ހާމަވަނީ އެމީހަކަށް އޮންނަ ޑިމާންޑެއްގެ ސަބަބުންނެވެ. ހަމައެގޮތަށް މިއުޒިކީ ދާއިރާގައި ކުޅަދާނަ ބޭސް ގިޓަރިސްޓް މުހައްމަދު އިނާން އާދިލް ބަލައިގެންފައިވާ މިންވަރު އެނގިގެންދަނީ އޭނާއަށް އޮންނަ ޑިމާންޑުގެ ސަބަބުންނެވެ.

އިނާންގެ ހުނަރާއި ފަންވަރުން، އޭނާ އަކީ މޮޅު އަދި ޑިމާންޑު ބޮޑު ބޭސް ގިޓަރިސްޓެއްކަން އެނގެނީ ރާއްޖޭގެ މަޝްހޫރު ސްޓްރީމިން އެޕް، ބައިސްކޯފުން "ޗަނާޗާ 2022"ގެ ނަމުގައި މި މަހުގެ 29 ވާ ހޮނިހިރު ދުވަހު ބާއްވާ ޝޯގައި ހަތަރު ބޭންޑަކަށް ކުޅެން އޭނާ ހަމަޖެހިފައިވާތީއެވެ.

ގިނަ އަދި ކުޅަދާނަ، މޮޅު ފަންނާނުންތަކަކާއެކު ބޮޑު ޝޯއެއްގައި ހަތަރު ބޭންޑަކަށް ކުޅެން ހަމަޖެހިފައިވާ އިނާން، އެންމެ ފުރަތަމަ މިއުޒިކަށް ޝައުގު އުފެދުނީ ސުކޫލު ދުވަސްވަރު ރައްޓެހިންނާ އެއްކޮށް ލަވަ ކިޔައި ގިޓާ ކުޅެ އުޅުމުގެ ތެރެއިން ކަމަށް އޭނާ ބުނެއެވެ. އޭނާ ބުނި ގޮތުގައި އޭރު ވެސް ކުޅެ އުޅުނީ ބޭސް ގިޓައެވެ.

އިނާން ޕްރެސްޓިސްގައި: އޭނާ އަކީ ކުޅަދާނަ ގިޓަރިސްޓެއް-- ފޮޓޯ: އިނާން

އިނާން ބޭސް ގިޓަރިސްޓަކަށް ވުމުގެ ޝައުގު އުފެދި ބޭސް ގިޓަރިސްޓަކަށް ވާން ނިންމީ އެންމެ ފުރަތަމަ މިއުޒިކާއި ލަވަ އަޑުއެހިއިރު، މެޓަލިކާ ބޭންޑުގެ ބޭސިސްޓް ކްލިފް ބަރޓަން ކުޅޭ ތަން ފެނިގެން ކަމަށް އޭނާ ބުންޏެވެ.

މިހާރު އެންމެންވެސް ބަލައިގަންނަަ، ހުނަރުވެރި އަދި މޮޅު ގިޓަރިސްޓަކަށް އިނާން ވެފައިވާއިރު، ޗަނާޗާ ޝޯގައި ހަތަރު ބޭންޑަކަށް އޭނާ ކުޅޭނެއެވެ. އޭގެ ތެރޭގައި ސްކައި ރޮކް، ރެވިއޯ، ފަސީ ލައިވް އަދި ހަންބަލް ބަކަރި ހިމެނެއެވެ.

އިނާން ސިފަކުރި ގޮތުގައި އެއް ރޭ، އެއްޝޯގައި ހަތަރު ބޭންޑަށް ކުޅުމަކީ ވަރަށް ބޮޑު ޗެލެންޖެކެވެ.

"އަސްލު ވަރަށް ބޮޑު ޗެލެންޖެއް. ޖެހިލުންވެސްވޭ ކުޑަކޮށްް،" އޭނާ ބުންޏެވެ.

ނަމަވެސް އެކަމަކީ ޝައުގުވެރިވެގެން އަދި ކުރާ ހިތުން ކުރާ ކަމަކަށް ވާތީ ރަނގަޅަށް "ޕަރފޯމް" ކުރެވޭނެ ކަމުގެ ކޮންމެވެސް ވަރެއްގެ ޔަގީން ކަމެއް އޮންނަ ކަމަށް އޭނާ ބުންޏެވެ.

ދާއިރާއެއްގައި ކުރިއަށް ދާން ބޭނުން ނަމަ ކޮންމެ މީހަކު ވެސް އަމަލު ކުރާނެ ވަކި އުސޫލުތަކެއް ހުރެއެވެ. ހަމައެގޮތަށް މިއުޒިކީ ދާއިރާގައި ބޭސް ގިޓަރިސްޓެއްގެ ގޮތުގައި ކުރިއަށް ދިއުމަށް އިނާން ވެސް ގަބޫލު ކުރާ އަދި އަމަލުކުރާ ވަކި އުސޫލުތަކެއް ހުރެއެވެ.

އޭނާ ބުނީ ދާއިރާގައި ކުރިއަށްދާއިރު ރަނގަޅު "ޑިސިޕްލިން"އެއް ހުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެއީ އޭނާވެސް ނުލާހިކު ބޮޑު ސަމާލުކަމެއް ދޭ ކަމެއް ކަމަށް ބުންޏެވެ.

"ވަގުތަށް ކަމޭހިތުމާއި ނިިންމަން ޖެހޭ ޕްރޮޖެކްޓް ތަކާއި ލަވަތައް ގަޑިއަށް ނިންމައި ޕްރެކްޓިސްތަކަށް ގަޑިއަށް އައިސް ކުރަން ޖެހޭ މަސައްކަތްތައް ނިންމުމަކީ އިނާން ފޮލޯ ކުރާ ކަންކަން،" އޭނާ ބުންޏެވެ.

އިނާން ބުނީ ޗަނާޗާ ޝޯގައި ހަތަރު ބޭންޑަށް ކުޅުމަކީ އޭނާއަށް ލިބޭ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ވަރަށް ފަހުން ރެވިއޯގެ އަލްބަމަކާއި މި މަހު ފަސީ ލައިވްގެ އަލްބަމަކާއި ސްކައި ރޮކްގެ އަލްބަމަކަށް ރިކޯޑު ކޮށްފައި ވުމަކީ ވެސް އޭނާ ދެކޭ ގޮތުގައި ލިބުނު ކާމިޔާބީއެކެވެ.

"ވަރަށް ބައިވަރު އަލްބަމްތަކަށް ރިކޯޑް ކުރެވިފަ ހުރީމަ އުފާވެ. ކާމިޔާބެއް ގޮތުގައި ދެކެނީ،" އޭނާ ބުންޏެވެ.

ދާއިރާގައި ކުރިއަަަށް ދާން މަސައްކަތް ކުރާ ވަރަކަށް އެހެން ކޮންމެ ދާއިރާއެކޭ އެއްގޮތަށް މިއުޒިކީ ދާއިރާގައި އިނާންއަށް ވެސް އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ.

އެގޮތުން އޭނާ ބުނީ އެންމެ ބޮޑު ޗެލެންްޖަކީ ރާއްޖޭގައި "ރިސޯސް" މަދުވުން ކަމަށެވެ.

"ނިސްބަތުން ކުޑަ ގައުމެއް ވީމަ ބައެއް ކަހަލަ އިކިއުޕްމެންޓް ލިބެން، ހޯދަން ވީމަ ވަރަށް އުނދަގޫ،" އިނާން ބުންޏެވެ.

މިހާރު އަމިއްލަ ހުނަރާއި ބުރަ މަސައްކަތާއެކު ކުރިއަށް ދިޔަނަމަވެސް އިނާން ވެސް މިއުޒިކީ ދާއިރާއިން ހާސިލު ކުރަން ބޭނުންވާ ކަންކަން އެބަހުއްޓެވެ. އަދި މި ދާއިރާގައި ދެކެން ބޭނުންވާ ދުވަހެއް ވެސް އެބައޮތެވެ.

އޭނާ ބުނިގޮތުގައި، ހާސިލުކުރަން ބޭނުންވާ ކަމަކީ ވީހާވެސް ގިނަ އަމިއްލަ އުފެއްދުންތައް ނެރުމެވެ. އަދި މި ދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީ ވީހާވެސް ބޮޑަށް ފުޅާވެ، ކުރިއަރައި އަދި ވީހާވެސް ގިނަ އާ އާޓިސްޓުން ފެނުން ކަމަށް އިނާން ބުންޏެވެ.

އިނާން ބުނީ ރާއްޖޭގައި ބޭސް ގިޓާ ކުޅޭ މީހުންގެ އަދަދު ފުދޭ ވަރަކަށް މަދު ކަމަށެވެ. އެގޮތަށް މެދުވެރިވާ ސަބަބު ވެސް ކިިޔައިދިނެވެ.

"ބޭސް ކުޅޭ މީހުން ފުދޭވަރަކަށް މަދު. އާ ކުދިންވެސް ފެންނަނީ ވަރަށް މަދުން. ފާހަގަވާ ކަމަކީ މިއުޒިކް ދަސްކޮށްދިނުމުގައި ރަނގަޅު ފައުންޑޭޝަން އެއް ނެތް ކަން، އެހެންވެ އެއީ. ފުދޭ ވަރަކަށް ހަމަ ދާއިރާގަ ކުދިން މަދު،" އޭނާ ބުންޏެވެ.

އިނާން ބޭންޑުގެ ބައިވެރިންނާއެކު-- ފޮޓޯ: އިނާން

ޗަނާޗާ ފަދަ ޝޯއެއް އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަކީ ރާއްޖޭގައި އުޅޭ ބޭންޑުތަކަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ބުންޏެވެ.

"ބޮޑު އޯޑިއަންސަކަށް އަމިއްލަ ލަވަތައް ހުށަހަޅައި ޕަރފޯމް ކޮށްލަން ލިބުމަކީ އުފާވާ ކަމެއް،" އިނާން ބުންޏެވެ.

އޭނާގެ ދިރިއުޅުމުގެ މުހިންމު ބައެއް އަދާކުރާ އޭނާގެ އަނބިމީހާ، އިންޝާ ވެސް މަސައްކަތް ކުރަނީ އިނާން މަސައްކަތް ކުރާ ސްކައި ރޮކް ބޭންޑުގައެވެ. އިނާން ވަނީ އަންހެނުންނާއެކު ދިރިއުޅެ އަދި މަސައްކަތުގެ މާހައުލުގައި އެއްކޮށް އުޅުމުގެ ތަޖުރިބާވެސް ހިއްސާކޮށްފައެވެ.

އޭނާ ބުނީ، އަންހެނުންނާއެކު މަސައްކަތް ކުރަން ފަސޭހަކަމަށެވެ. އުނދަގޫތައް ކުރިމަތިނުވާ ކަމަށާއި މަސައްކަތުގައި މާހައުލުގައި އޭނާއާ އޭނާގެ އަންހުންގެ އޮންނަނީ "ޕްރޮފެޝަނަލް" ގުޅުމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

"ވައިފްއާ އެއްކޮށް އެއް ބޭންޑެއްގަ ވަރކް ކުރިޔަސް ވަރަށް ފަސޭހަ އަސްލު، ޕާސަނަލް ޑިފަރެންސެސް ތަކެއް ވެސް ނޫޅެ. ވަރކްއަށް އައިސް ވަރަށް ޕްރޮފެޝަނަލް ގުޅުމެއް އޮންނަނީ. ދެން ގެއަށް ގޮސް ބަދަލުވަނީ ހަމަ އޮންނަންޖެހޭ ޕަރސަނަލް ގުޅުން. ވަރަށް އަނެއްހެން ފަސޭހަ،" އިނާން ބުންޏެވެ.

އިނާން ބުނީ މިފަހަރުގެ ޗަނާޗާ ޝޯގައި ވަރަށް ތަފާތު އެކި ޒާތުގެ ލަވަތައް ފެނިގެންދާނެ ކަމަށެވެ. އަދި ތަފާތު ގިނަ ފަންނާނުންތަކެއް ފެނިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް އިންޓްރެސްޓިން ޝޯ އަކަށް ވެގެންދާނެ ބަލަން އަންނަ ބަޔަކަށް،" އޭނާ ބުންޏެވެ.

މިއުޒިކީ ދާއިރާގައި އުޅެ، އެ މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން މިފަހަރުގެ ޗަނާޗާ ޝޯ ބަލަންދާ އެންމެންނަށާއި މިއުޒިކް އަޑުއަހާ އެންމެނަށް އިނާން ބުނަން ބޭނުންވާ ވާހަކައެއް ވެސް އެބައޮތެވެ.

އޭނާ ބުނިގޮތުގައި މިއުޒިކް ގިނައިން އަޑު އަހައި ރާއްޖޭގައި އުޅޭ ފަންނާނުން "އެޕްރިޝިއޭޓް" ކޮށް އަދި ދާއިރާއަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދިނުމަކީ ކޮންމެ މީހަކަށް ވެސް ކޮށްދެވޭނެ ކަމެކެވެ.

"އެއީ މިއުޒިކް އިންޑަސްޓްރީ މި ގައުމުގަ ކުރިއަރާނެ ގޮތަކީ. ވީހާވެސް ގިނަ އަޑުއެހުންތެރިންގެ ސަޕޯޓާ ކޮންޓްރިބިއުޝަނާ އެއްކޮށް،" އޭނާ ބުންޏެވެ.

މިފަހަރު ގިނަ އަދި ހުނަރުވެރި ދިވެހި ފަންނާނުންތަކެެއް އެއްތާކުން ފެނިގެންދާނެ ޗަނާޗާ ޝޯއަށް ވަރަށް ގިނަ މީހުން އަންނާނެ ކަމަށް އިނާން އުއްމީދު ކުރެއެވެ.

އޭނާ ބުނި ގޮތުގައި ޗަނާޗާ ޝޯ ތަފާތުވެފައި ހިތްގައިމު ވާނެއެވެ. އިނާންގެ ގިޓާގެ ހަތަރު ނަރުގެ ބޭސް އަޑުން މުޅި މާހައުލު ގުގުމާލާނެއެވެ.

comment ކޮމެންޓް