ޕާކިސްތާނުގައި ރާއްޖޭން ކުޅެން ބޭނުން ނުވާތީ އެހެން ގައުމެއްގައި މެޗު ކުޅެން ވިސްނަނީ

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމް---

ޕާކިސްތާނުގެ ގައުމީ ޓީމާއި ރާއްޖޭގެ ގައުމީ ޓީމު ބައްދަލުކުރާ އެކުވެރިކަމުގެ ފުޓުބޯޅަ މެޗު އެހެން ގައުމެއްގައި ކުޅެން އެ ގައުމުން ވިސްނަން ފަށައިފިއެވެ.

ޕާކިސްތާންގެ ފުޓްބޯޅަ ފެޑްރޭޝަންގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ދަ ނެޝަނަލް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގަައި އަންނަ މަހު ރާއްޖެއާ ދެކޮޅަށް އެ ގައުމުގައި އެކުވެރި ކަމުގެ މެޗެއް ކުޅުމަށް ޕާކިސްތާނުން އެދިފައިވެއެވެ.

ނަމަވެސް އެ ގައުމުގައި މެޗު ކުޅެން ރާއްޖޭން ބޭނުންނުވާކަމަށާއި، އެހެންކަމުން ގައުމުން ބޭރަށް ޕާކިސްތާނުގެ ޓީމު ފޮނުވައިގެން ރާއްޖެއާ ދެކޮޅަށް ކުޅެން މަސައްކަތްކުރާކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

ޕާކިސްތާންގެ ފުޓްބޯޅަ ފެޑްރޭޝަންގެ އޮފިޝަލް ވިދާޅުވީ އެހެން ގައުމުތަކުން އެ ގައުމުގައި މެޗު ކުޅެން ބޭނުންނުވަނީ އެ ގައުމުގައި ވަސީލަތްތައް ނެތުމުން ނޫންކަމަށާއި، އެ ގައުމުތަކުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން ބޭނުންވާތީކަމަށް އޭނާ ވިދާޅުވިއެވެ.

ދަ ނެޝަނަލް ނޫހުން ބުނީ ދެކުނު އޭޝިއާގެ ގައުމަކަށް ނުވަތަ ދެކުނު އޭޝިއާއިން ބޭރުގެ ގައުމަކަށް މެޗު ކުޅެން ޓީމު ފޮނުވުމާ ގުޅޭ ގޮތުން ޕާކިސްތާމުގެ ފުޓުބޯޅަ ފެޑެރޭޝަނުން މަޝްވަރާތައް ކުރިއަށް ގެންދާކަމަށެވެ.

ޕާކިސްތާނަކީ ކުރިކެޓަށް މަޝްހޫރު ގައުމަށްކަށްވާއިރު ޕާކިސްތާނުގައި އެހެން ގައުމުތަކުން ކްރިކެޓް މެޗްތައް ކުޅެން ދެކޮޅު ހަދައެވެ. ގިނަ ޓީމުތަކުން އެ ގައުމުގައި މެޗު ކުޅެން ބޭނުން ނުވަނީ ސަލާމަތީ ކަންކަމުގެ ސަބަބުންނެވެ.

ފަސް އަހަރު ތެރޭ ދެ ވަނަ ސަސްޕެންޝަނާ ކުރިމަތިވެ އެތެރޭގެ ކޯޅުންތަކުގެ ސަބަބުން އެތައް އަހަރެއް ވަންދެން އެއްވެސް ހަރަކާތެއް ނެތި އޮތުމަށްފަހު، ބައިނަލްއަގުވާމީ އެނބުރި އައުމަށް ތައްޔާރުވުމުގެ ގޮތުން ޕާކިސްތާނުގެ ކުޅުންތެރިން ލާހޯރުގައި ތަމްރީނުތަކެއް ކުރިއަށް ގެންދާތާ މިހާރު ވަނީ ދެމަހެއްހާ ދުވަސްވެފައެވެ.

ޕާކިސްތާންގެ ފުޓްބޯޅަ ހަރަކާތްތައް މިދިޔަ އޮގްސްޓު މަހުގެ ތެރޭގައި ސަސްޕެންޝަނުން ސަލާމަތްވުމަށްފަހު އެ ގައުމުގެ އަންހެން ޓީމު ވަނީ އަންހެން ސާފް ޗެމްޕިއަންޝިޕްގައި ވާދަކޮށްފައެވެ. އެ މުބާރާތުގައި ރާއްޖޭގެ އަންހެން ގައުމީ ޓީމާ ވާދަކޮށް އެ ޓީމުން ވަނީ 7-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށްފައެވެ.

comment ކޮމެންޓް