އޮގަސްޓް މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 100 މައްސަލަ

އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތައް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އޮގަސްޓް މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 100 މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޮގަސްޓު މަހު އެ މިނިސްޓްރީއަށް ޖުމްލަ 248 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 100 މައްސަލަ ހުށަހެޅު ކަމަށް އެ ތަފާސްހިސާބުތައް ދައްކައެވެ.

ޖެންޑާއިން ބުނީ އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށެވެ. އެގޮތުން އިހުމާލުވުމުގެ 33 މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް މިިނިސްޓްރީން ފާހަގަކުރެއެވެ. މީގެ އިތުރުން ޖިންސީ ހާނިއްކައިގެ 24 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 15 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 11 މައްސަލަ އެ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ނަފްސާނީ ހާނިއްކައިގެ ހަ މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ހަތަރު މައްސަލަ، ބްލެކްމެއިލް ކުރުމުގެ ދެ މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލަ، އަދި އެހެނިހެން ތިން މައްސަލަ އެ ކެޓަގަރީން ހުށަހެޅިއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 41 މައްސަލަ އޮގަސްޓު މަހު އެ މިނިސްޓްރީ އަށް ވަނީ ހުށަހަޅައިފައެވެ. އެފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 14 މައްސަލަ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 10 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ އަށް މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންތައްތަކުގެ ތިން މައްސަލަ ހުށަހެޅިފައިވެއެވެ. އަދި ގަދަކަމުން ޖިންސީ ގޯނާކުރުމުގެ ދެ މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ ދެ މައްސަލަ، ފާރަލުމުގެ އެއް މައްސަލަ އަދި ހިފެހެއްޓުމުގެ އަމަލުގެ އެއް މައްސަލަ ވަނީ ހުށަހެޅިފައެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އާއިލީ މައްސަލަތަކާ ގުޅުންހުރި 34 މައްސަލައެއް އޮގަސްޓު މަހު ހުށަހަޅައިފައިވެއެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 15 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައިޖެހޭ 13 މައްސަލަ، ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ ހަތަރު މައްސަލަ އަދި ހަޟާނާތުގެ ދެ މައްސަލަ ހިމެނެއެވެ.

ޖެންޑާއިން ބުނީ އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާ ގުޅޭ 12 މައްސަލަ އޮގަސްޓު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 33 މައްސަލަ ހުށަހަޅާފައިވާ ކަން އެ މިނިސްޓްރިން ފާހަގަކުރެއެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 27 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ހަ މައްސަލައެއް ހުށަހަޅާފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ކުޑަކުދިންގެ އަޚުލާގާ ގުޅުން ހުރި 16 މައްސަލައެއް އޮގަސްޓު މަހު ވަނީ ހުށަހެޅާފައެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ ފަސް މައްސަލަ، ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުކުރުމުގެ ފަސް މައްސަލަ، ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ ތިން މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި ގެއިން ނިކުމެގެން ދިއުމުގެ އެއް މައްސަލަ، ސުލޫކީ ދެ މައްސަލަ އަދި ރުޅިވެރި، ގަވާއިދާ ޚިލާފު ނުވަތަ އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް އުޒުރުވެރިވުމުގެ އެއް މައްސަލަ ހިމެނެއެވެ.

އެ މިނިސްޓްރީން ބުނީ އޮގަސްޓް މަހު ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި ހަތަރު މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެބާވަތުގެ މައްސަލަތަކުގެ ގޮތުގައި އައިޑީކާޑް، ޕާސްޕޯޓް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާބެހޭ މައްސަލަތަކުގެ ދެ މައްސަލަ، ކުދިން ސްކޫލަށް ނުފޮނުވުމުގެ އެއް މައްސަލަ އަދި ސްކޫލަށް ބޭނުންވާ ތަކެތި ހޯދައި ނުދިނުމުގެ އެއް މައްސަލައެއް ހުށަހެޅިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުގެ ގޮތުގައި އޮގަސްޓު މަހު ހުށަހެޅިފައިވަނީ ހަ މައްސަލައެވެ. އޭގެތެރޭގައި ހިމެނެނީ ވައްކަންކުރުމުގެ ދެ މައްސަލަ އަދި އެހެނިހެން ހަތަރު މައްސަލައެވެ.

އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅިންހުރި ދެ މައްސަލައެއް އޮގަސްޓު މަހު އެ މިނިސްޓްރީއަށް ރިޕޯޓު ކޮށްފައިވާއިރު އެބާވަތުގެ މައްސަލަތަކުގެ ގޮތުގައި ސާފުބޯފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ ދެ މައްސަލަ ހުށަހެޅިފައިވާ ކަމަށް ޖެންޑާއިން ބުނެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އޮގަސްޓު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 188 އެވެ. އޮގަސްޓު މަހުގައި ހަ ކުއްޖެއް ރީއިންޓަގްރޭޓް ކުރެވި، އެއް ކުއްޖަކު ވަނީ ފޯސްޓަކުރެވިފައެވެ.

comment ކޮމެންޓް