އައިއޭއެލްއޭގައި ރާއްޖެއިން ބައިވެރިވުމާމެދު މަޖިލީހުގެ ލަފައަކަށް އެދެނީ

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް މެރިން އެއިޑްސް ޓު ނެވިގޭޝަންސް އެންޑް ލައިޓްހައުސް އޮތޯރިޓީސް (އައިއޭއެލްއޭ)ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާއަރުވާފައި ވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް އެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސް، މި ގޮތަށް ނިންމަވާފައިވަނީ، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ރައީސް އޮފީހުން ބުނީ އައިއޭއެލްއޭގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މެރިޓައިމް ކޮމިއުނިޓީގެ ފައިދާއަށާއި ކަނޑުގެ ތިމާވެށީގެ ރައްކާތެރިކަމަށް، ކަނޑު އުޅަނދުފަހަރުގައި ބޭނުންކުރާ ވަސީލަތްތައް ތަރައްގީކޮށް، ސަލާމަތާއި ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމުކުރުން ހިމެނޭނެ ކަމަށެވެ.

މި މުއާހަދާގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި މުއާހަދާގައި ބައިވެރިވާ ގައުމުތަކުގެ މެދުގައި މެރިޓައިމް ދާއިރާއިން ގުޅުން ބަދަހިވެގެން ދިއުމާއި ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ އިތުރަށް ހަރުދަނާވެގެންދިއުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ފަރު ބައްތިތައް ޒަމާނީ ފެންވަރަށް ގެނައުމަށާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުބައްތިތައް ބެލެހެއްޓޭނެ ގޮތްތަކާއި ފަރުބައްތީގެ މައުލޫމާތު ލިބުމަކީ ވެސް މި މުއާހަދާގައި ބައިވެރިވުމުން ލިބޭނެ ފައިދާތައް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މިއީ ކަނޑުގެ މާހައުލު ހިމާޔަތްކޮށް ތިމާވެށި ރައްކާތެރިކުރުމަށް ބާރުއެޅުމަށް އެޅޭ ފިޔަވަޅަކަށް ވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް