ކެނެޑާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ ޖަސްޓިސް ވޯލްޑް ޓުއާގެ މިއަހަރު ކުރިއަށްހުރި ހުރިހާ ޝޯތަކެއް ކެންސަލް ކޮށްފިއެވެ.
މީގެ ތެރޭގައި މި މަހުގެ 25 ވަނަ ދުވަހު ސިންގަޕޫރުގެ ނޭޝަނަލް ސްޓޭޑިއަމްގައި ބާއްވަން ހަމަޖެހިފައި އޮތް ކޮންސަޓް ވެސް ހިމެނެއެވެ.
މިއަހަރުގެ ފެބްރުއަރީގައި ކެލިފޯނިއާ އިން ފެށި ޖަސްޓިން ބީބާ ގެ ޖަސްޓިސް ވޯލްޑް ޓުއާ ގައި މިހާތަނަށް ދުނިޔޭގެ ތިން ބައްރެއްގެ 10 ޤައުމެއްގައި ކޮންސާޓްތައް ވަނީ ބާއްވާފައެވެ.
ނަމަވެސް ޞިއްޙަތަށް އިސްކަން ދިނުމަށް ކަމަށްބުނެ ޖަސްޓިން ބީބާ ގެ ޝޯތައް ފަސްކޮށްލާ ވާހަކަ ސެޕްޓެމްބަރު ހައެއް ގައި އޭނާ ވަނީ އިޢުލާންކޮށްފައެވެ. އަދި އެއަށްފަހު ސެޕްޓެމްބަރު 15 ގައި އިޢުލާންކުރީ އޮކްޓޯބަރު 18 އާ ހަމައަށް ހުރި ހުރިހާ ޝޯއެއްވެސް ކެންސަލްކުރި ވާހަކައެވެ. އަދި މިފަހަރު މި އެންގީ ދެން މިއަހަރު ކުރިއަށްހުރި ހުރިހާ ޝޯއެއް ވަކި ތާރީޚެއް ނެތި ފަސްކުރި ވާހަކައެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ސިންގަޕޫރުގައި ބާއްވަން ހަމަޖެހިފައި އޮތް ބީބާގެ ކޮންސާޓް ވެސް ކުއްލިގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިކަމާ ގުޅިގެން ސިންގަޕޫރު ކޮންސާޓަށް ޓިކެޓް ނަގާފައިވާ މީހުންނަށް ރިފަންޑް ދޭނެކަން ވަނީ އަންގާފައެވެ. ސިންގަޕޫރު ކޮންސާޓަށް ޓިކެޓް ވިއްކާފައިވަނީ 108 ޑޮލަރާއި 688 ޑޮލަރާ ދެމެދުގެ އަގުތަކުގައެވެ. މުޅި ކޮންސަރޓްގެ ޓިކެޓް ވަނީ ވިކި ހުސްވެފައެވެ.
ޖަސްޓިން ބީބާގެ މި ޓުއާއަކީ 2020 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައި އޮތް ޓުއާ އެކެވެ. ނަމަވެސް ކޮވިޑްގެ ޙާލަތާ ގުޅިގެން އެފަހަރުގެ ޓުއާ ފަސްކުރީއެވެ.
މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ބީބާ ގެ އިންސްޓަގްރާމްގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ އަށް ރާމްސޭ ހަންޓް ސިންޑްރޯމްގެ ސަބަބުން އުނދަގޫތައް ވަމުންދާކަމަށެވެ. މިއީ މޫނުމަތީގެ މަސްތަކުގެ ބާރު ދެރަވެ ޙަރަކާތްނުކުރެވޭ އަލާމާތެކެވެ. އެފަހަރު އުތުރު އެމެރިކާގެ ކޮންސަރޓްތައް ކެންސަލްކުރުމަށްފަހު ޖުލައި އިން ފެށިގެން ޔޫރަޕްގެ ހަ ޤައުމެއްގައި ޝޯކުޅުނެވެ. އަދި އެންމެ ފަހުން ސެޕްޓެމްބަރު ގައި ބްރެޒިލްގެ ރިއޯގައި ބޭއްވި ކޮންސާޓަށްފަހު ދެން ހުރި ހުރިހާ ޝޯއެއް ކެންސަލްކުރީއެވެ.
ބީބާ ބުނިގޮތުގައި ޓުއާ ކެންސަލު ކޮށްލަން ޖެހޭތީ އޭނާ ވަރަށް ދެރަވެއެވެ. ނަމަވެސް މިވަގުތު ހަމަ އެއްވެސް ވަރަކަށް ޓުއާ ދޭނެ ހިތްވަރު ނެތީކަން ވެސް އޭނާ ފާހަގަކުރިއެވެ. މިކަމާ ގުޅިގެން ބީބާގެ ފޭނުން ތިބީ ވަރަށް މާޔޫސްވެ ހިތްހަމަ ނުޖެހިފައެވެ. ބައެއް ފޭނުން ބުނާގޮތުގައި އަންނަ އަހަރު ވެސް ޓުއާ ފަށާ ދުވަސްތައް ކައިރިވުމުން ޓުއާ ކެންސަލު ކޮށްލަފާނެތީ މިހާރު ބީބާގެ ޓުއާގެ އިތުބާރު ގެއްލިއްޖެ ކަމަށެވެ.
ޖަސްޓިން ބީބާ ގެ ޝޯތަކެއް މީގެ ކުރިން ސިންގަޕޫރުގައި ބާއްވާފައި ވެއެވެ. އެއީ 2011 ވަނަ އަހަރު އާއި 2013 ވަނަ އަހަރުއެވެ. ރާއްޖޭގައި ތިބި ބީބަރގެ ބައެއް ފޭނުން މި ޝޯތަކަށް ދިޔައެވެ. މި މަހު ސިންގަޕޫރުގައި ބާއްވަން ހަމަޖެހިފައި އޮތް ޝޯގެ ޓިކެޓް ވެސް ބައެއް ދިވެހީން ނަގާފައިވާކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.
ޖަސްޓިން ބީބާ ގެ ޝޯތައް ދެން އެންމެ އަވަހަށް ވެސް ފެންނާނީ އަންނަ އަހަރު ކަމުގައި އޭނާގެ ޕްރޮމޯޓަރުން ވަނީ އަންގާފައެވެ.