މާލޭ ސިޓީ ކައުންސިލުން މާލޭގައި ގަސް ވިއްކާ ފިހާރައެއް ހުޅުވައިފިއެވެ.
މިރޭ ބޭއްވި ހަފުލާއެއްގައި "މާލެ ފެހި"ގެ ނަމުން ނަންދީފައިވާ އެ ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒުއެވެ.
މިއީ މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ "އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމްކުރި އައުޓްލެޓެއް ކަމަށް އެ ކައުންސިލުން ބުންޏެވެ.
މިރޭ ހުޅުވި "މާލެ ފެހި" އައުޓްލެޓުން އާންމުފަރާތްތަކަށްވެސް ގަހާއި ގަސްކާނާ ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މިކަމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މިއީ މާލެ ސިޓީ ކައުންސިލްގެ "އެއްލައްކަ ގަސް" ޕްރޮގްރާމަށް އިތުރުވެގެން ދިޔަ ބޮޅެއްކަމަށެވެ.

ކާނިވާ ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހުޅުވި ގަސް ވިއްކާ ފިހާރަ
މޭޔަރު ވިދާޅުވީ މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި ވަށާޖެހޭ ގޮތެއްގައި ކުރިއަށްގެންދާނެ މަޝްރޫޢުއެއް ކަމަށެވެ. އެގޮތުން އާންމުންނަށް ގަސް ގަނެވޭނެގޮތަށް ހެދުމުގެ ބޭނުމަކީ މާލެ ފެހިކުރުމަށް ބޭނުންވާ މީހުންނަށް ވެސް އެފުރުސަތު ފަހިވެގެންދާނެ ގޮތަށް އެކަން ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން އަމިއްލަ ގޭގައި އަދި ގޯތިތެރޭގައި ގަސްހެއްދުމަށް ބޭނުންވާ މީހުންނަށް ވެސް ފުރުސަތުލިބޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
"މާލެ ފެހި" އައުޓްލެޓް ހުޅުވާލެވުނުއިރު 25 ބާވަތެއްގެ ގަހާއި ގަސްހެއްދުމަށް ބޭނުންވާ އެކި ސާމާނު ލިބެންއެބަހުއްޓެވެ. އަދި މިއާއެކު މާލޭ ސިޓީގެ "އެއްލައްކަ ގަސް" ޕްރޮގްރާމް ވެސް އިތުރަށް ފުޅާވެގެން ދާނެކަމުގައި މޭޔަރު ވިދާޅުވިއެވެ.
މާލެ ސިޓީގެ މައިޒާން ތަކާއި ޕާކުތައް ފެހި ކުރުމުގެ ގޮތުން ގަސް އިންދުމާއި ވިނަ އިންދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށާއި، މި ޕްރޮގްރާމަށް އަތޮޅު ކައުންސިލް ތަކުގެ އެހީތެރިކަންވެސް ލިބޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ގަސް ވިއްކާ ފިހާރަ ހުޅުވައިދެއްވުމަށްފަހު މޭޔަރު މުއިއްޒު މީޑިއާއަށް މައުލޫމާތު ދެއްވަނީ
މޭޔަރު ވިދާޅުވީ މިހާރުވެސް އެކި ފަރާތްތަކުން ގަސްތައް ގަތުމަށް އެދެމުންދާކަމަށާއި، މިކަމުގެ ސަބަބުން އެ ކައުންސިލަށް ވެސް އާމްދަނީއެއް ލިބޭނެ މަގުފަހިވެގެންދާނެ ކަމަށެވެ.
މި ޕްރޮގްރާމަކީ މާލެ ސިޓީ ޒީނަތްތެރިކޮށް ފެހިކުރުމުގެ ގޮތުން ކުރިއަށްދާ މަޝްރޫޢުއެއް ކަމުން މިކަމަކީ މާލެ ސިޓީގެ އިތުރުން މުޅި ރާއްޖޭގެ ރައްޔިތުންވެސް ބަލައިގަންނާނެ ޕްރޮގްރާމަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލަކީ ގަސް އިންދާ ފެހިކުރާ ބައެއް ކަމަށެވެ.
"އަޅުގަނޑު މެންނަކީ ގަސް އިންދާ ފެހިކުރާ ބައެއް. އަޅުގަނޑުމެންނަކީ ގަސް ކަނޑާ، ގަސްތަކާއި ދުރުބައެއްނޫން. އިރާދަކުރެއްވިއްޔާ މާލެ ސިޓީ އަކީ ގްރީން ސިޓީއަކަށް ހެދުމަށް މަސައްކަތް ކުރާނަން،" މޭޔަރު ވިދާޅުވިއެވެ.