މުޖުތަމައު ބަލައިގަންނަ ބައެއްގެ ގޮތުގައި ނަފްސާނީ ބަލިތަކަށް ބޭސްކުރާމީހުން ހަދަންޖެހޭ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީން އިސްނަގައިގެން ހުޅުމާލޭ ސެންޓްރަލްޕާކުގައި އިއްޔެ ބޭއްވި މެންޓަލް ހެލްތު އޯޕަންޑޭގައި ވާހަކަފުޅު ދައްކަވަމުން ޑރ. އިބްރާހީމް ހަސަން ވިދާޅުވީ މި މުޖުތަމައު ތެރޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ބޭނުންވާ ވަރަށް ގިނަ ދިވެހީން އެބަތިބި ކަމަށެވެ.
ކުރިން ފާހަގަ ނުކުރެވިހުރި ވަރަށް ގިނަ ކަންތައްތައް ކޮވިޑް19 އިން ފާހަގަވެގެން ދިޔަ ކަމަށާއި ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ތަޖުރިބާ ކުރަންޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.
"ގަބޫލުކުރަންޖެހޭ ކޮވިޑުގެ ތަޖުރިބާގެ އަލީގައި މިއަދު ނަފްސާނީ ދުޅަހެޔޮކަން ފޯރުކޮށްދިނުމަށްޓަކައި ދެވޭ ޚިދުމަތްތައް ފުޅާ ކުރަންޖެހޭކަން. ރައްޔިތުންނާއި ގާތުން އަގުހެޔޮކޮށް މި ޚިދުމަތްތައް ލިބެންޖެހޭ ކަން އަޅުގަނޑުމެން މިއަދު ގަބޫލުކުރަންޖެހޭ. އެހެންނޫނީ މި ބަލީގެ ޝިކާރައަކަށްވެފައިތިބި ހުރިހާއެންމެންނަށް މީގައި ވަގުތުން ވަގުތަށް ދޭންޖެހޭ ފަރުވާ ލިބިގެން ނުދާނެކަން އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ،" އޭނާ ވިދާޅުވިއެވެ.
ނަފްސާނީ ސިއްހަތެއް ނެތްނަމަ ދުޅަހެޔޮ ސިއްހަތެއް ނޯންނާނެ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފައި އޮތް އޮތުން ގަބޫލު ކުރަންޖެހޭ ކަމަށާއި ނަފްސާނީ ދުޅަހެޔޮ ކަމެއްގެ މަސައްކަތަކީ އެންމެންގެ ޒިންމާއެއް ކަމަށް ޑރ. ހަސަން ވިދާޅުވިއެވެ.
މުޖުތަމައުގައި ތިބި ނަފްސާނީ މީހުންނަކީ އެކަހެރި މީހުންގެ ގޮތުގައި ބަލައިނުގަނެ އެމީހުންނަކީ ވެސް މުޖުތަމައުގެ ހުރިހާކަމެއްގައި ބައިވެރިވުމުގެ ފުރުސަތު އޮތް މީހުންނަށް ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މުޖުތަމައު ބަލައިގަންނަ ބައެއްގެ ގޮތުގައި ނަފްސާނީ ބަލިތަކަށް ބޭސްކުރާ މީހުން އެބަ ހަދަން ޖެހޭ. މިކަމަށް އެންމެ ބޮޑު ހައްލެއް އަންނާނީ މިކަމަށް އިންސާނީ ވަސީލަތްތައް އަޅުގަނޑުމެންނަށް ގާއިމް ކުރެވިގެން. މިކަމަށް ބޭނުންވާ މީހުން ބިނާ ކުރެވިގެން،" އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާއި އެތަންތަނުގައި ކިޔަވާ ދަރިވަރުންނަށް އެފަދަ މައުލޫމާތު ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މީގެ އިތުރުން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އެކަމަށް ބޭނުންވާ ހުރިހާކަމަކަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.