ރައްޔިތުން ކެތްތެރިވޭ، ވޯޓު ކަރުދާސް އަތަށް ލިބެން މާގިނަ ދުވަހެއް ނެތް: ޓޮމް

މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) --- ފޮޓޯ/ މަޖިލިސް

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް އަތަށް ލިބެން މާގިނަ ދުވަހެއް ނެތް ކަމަށާއި މި ހާލަތުގައި ރައްޔިތުން ކެތްތެރިވެ ތިބުމަށް ރައްޔިތުިންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ތޯރިގު (ޓޮމް) ގޮވައިލައްވައިފިއެވެ.

ޓޮމް، މިކަމަށް ގޮވައިލެއްވީ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެގަނެ، ހަމަނުޖެހުން ހިންގި މައްސަލައިގައި 18 މީހެއްގެ މައްޗަށް ދައުވާ އުފުލުމާ ގުޅިގެންނެވެ.

އޭނާ ވިދާޅުވީ ޔޯގާ މައްސަލައިގައި ދައުލަތުގެ އިހުމާލު އިންތިހާއަށް އޮތްއިރު، އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލުމަކީ އިންސާފެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ދައުލަތެއްގެ ބޭނުމަކީ ރައްޔިތުން ކުށްވެރި ކުރުމެއް ނޫން ކަމަށާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރުގެ އިތުރުން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ ޒިންމާތައް އަދާނުކޮށް ރައްޔިތުން ކުށްވެރިކުރަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.

"އިންޑިއާއިން ކިތަންމެ ވަރަކަށް އުޅުނަސް މާތްﷲގެ ވާގިފުޅާއިއެކު 2023ގައި ރައްޔިތުން ނުކުމެ، މި ވެރިކަމުގައި ސިއްކަ ޖަހާނެ. އިންޝާﷲ،" ޓޮމް ވިދާޅުވިއެވެ.

ޔޯގާ ހަމަނުޖެހުންތަކާ ގުޅިގެން 18 މީހެއްގެ މައްޗަށް ދައުލަތުން މިހާރު ދައުވާ އުފުލާފައިވާއިރު އެދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި އެންމެންވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.

comment ކޮމެންޓް