އެފްއޭއެމްގެ ރައީސްކަމަށް ޓޮމް ކުރިމަތިލައިފި

އެފްއޭއެމްގެ ރައީސްކަމަށް އަހުމަދު ތާރިގު ވަނީ ކުރިމަތިލައްވާފައި --

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމަށް ކުރިމަތިލައްވަން ގައުމީ ޓީމުގެ ކުރީގެ ފޯވާޑު އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު (ޓޮމް) މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.

އެފްއޭއެމްގެ ރައީސްކަމުގައި ކުރިން ހުންނެވި ބައްސާމް އަދީލް ޖަލީލުގެ މަގާމު އިއްޔެ ގެއްލިފައިވާއިރު، އަންނަ މަހުގެ 31 ގައި ބާއްވަން ވަނީ ނިންމައިފައެވެ.

ޓޮމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވަން މިއަދު ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ. އޭނާ ފޯމު ހުށަހެޅުއްވީ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ތިން ޓީމެއްގެ ތާއީދާ އެކުއެވެ. އެއީ، މާޒިޔާ، ވެލެންސިއާ އަދި ޓީސީއެވެ.

މިއީ ޓޮމް އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވާ ތިންވަނަ ފަހަރެވެ.

އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރުމުގެ މުއްދަތު މިއަދު 2:00 އަށް ވަނީ ހަމަވެފައެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން، އެ އިދާރާގެ އިންތިޚާބު ކުރިއަށްގެންދަން ޖެހޭނީ އެކަމަށްޓަކައި އެކުލަވާލާ ހާއްސަ ކޮމިޓީއަކުންނެވެ.

އިއްޔެ އެފްއޭއެމްގެ ރައީސްކަން ގެއްލުނު ބައްސާމް އެފްއޭއެމްގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް 2016 ވަނަ އަހަރު އިންތިޚާބުވީ ޓޮމްއާ ވާދަކޮށްގެންނެވެ. އެ އިންތިހާބުން ޓޮމްއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.

އިއްޔެ ބައްސާމްގެ މަގާމު ގެއްލިފައިވާއިރު ޓޮމް އިސްވެ ހުންނަވައި މި ފަހުން ވަނީ ބައްސާމް މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށައިފައެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީން މިދިޔަ އޮކްޓޯބަރު މަހު ވަނީ ދެ މެންބަރަކު އިސްތިއުފާދެއްވައިފައެވެ. އެއީ، އެފްއޭއެމްގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ސީއީއޯ ހުސައިން ޝާފިއު (ކޮއްކީ)އާއި ކްލަބު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލް (މުއާބެ)އެވެ.

މިމަހުގެ ކުރީކޮޅު އޭގެ ތެރެއިން އެއް މަގާމަށް އަބްދުﷲ ޝިބާއު (ޝިބާ) އައްޔަންކުރި ނަމަވެސް، އެފްއޭއެމްގެ އާންމު ބައްދަލުވުމަކުން، އާންމު މެންބަރުންގެ ރުހުން ދީފައިނުވުމުން ރަސްމީ ހައިސިއްޔަތު ލިބިފައެއް ނުވެއެވެ.

އެފްއޭއެމްގެ އޮފިޝަލަކު "ސަން"އަށް ކަށަވަރުކޮށްދިން ގޮތުގައި ހިންގާ ކޮމިޓީގެ އިތުރު ތިން މެންބަރެއްގެ އިސްތިއުފާ ސިޓީ، މިމަހުގެ 15 ވަނަ ދުވަހު ވަނީ ފޮނުވައިފައެވެ. އިސްތިއުފާދެއްވި މެންބަރުންނަކީ ޓީސީ ސްޕޯޓްސް ކްލަބުގެ ހިންގުމުގައި އިސްކޮށް އުޅުއްވާ އަހުމަދު ނަޝީދު (ޑޭވް) އާއި އާމިނަތު ޝާނީޒް އަދި މުހައްމަދު ޝިފާއުއެވެ.

އެފްއޭއެމުން މިއަދު އިސްތިއުފާގެ ސިޓީތައް ބަލައިގެންފައިވުމުން މިހާރު އެފްއޭއެމްގެ ހިންގާ ކޮމިޓީގައި ބައްސާމް ހިމެނޭހެން ތިބީ ހަތަރު މެންބަރުންނެވެ. އެހެންކަމުން ބައްސާމާއެކު ދެން ބާކީ ހިމެނޭ މެންބަރުންނަށް ވެސް ވަނީ މަގާމު ގެއްލިފައެވެ. އެފްއޭއެމްގެ ހިންގާ ކޮމިޓީ އެކުލެވިގެންވަނީ ޖުމުލަ ނުވަ މެންބަރުންގެ މައްޗަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމާއި ފީފާގެ ރައީސް އިންފަންޓީނޯ ބައްދަލުކުރެއްވުން: ބައްސާމްގެ މަގާމު ވަނީ ގެއްލިފައި -- ފޮޓޯ/ ޖިއާނީ އިންފަންޓީނޯ، އިންސްޓަގްރާމް

އެފްއޭއެމަށް ވަނީ އެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ދެވޭ ގޮތް ވެސް ނުވެފައެވެ. އޭގެ އިތުރުން ކުރިން ގައުމީ ޓީމުގައި މަސައްކަތްކުރި ޓެކްނިކަލް މުވައްޒަފުންނަށް މުސާރަ ދީފައިނުވުމުން، ފީފާގައި ވެސް އެފްއޭއެމްގެ މައްސަލަތައް ކުރިއަށްދެއެވެ. އަދި، ރާއްޖޭގެ ކޯޓުތަކުގައި ވެސް އެފްއޭއެމްގެ މައްސަލަތައް ކުރިއަށްދެއެވެ.

އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދެވި މުބާރާތްތައް ކުރިއަށްގެންދެވިފައިނުވާތީ، ފީފާއިން ވަނީ މުވައްޒަފުންނަށް މުސާރަ ދިނުމަށް ޝަރުތުކޮށް، އެފްއޭއެމަށް މިހާރު އެއް ލައްކަ ޑޮލަރު ދީފައެވެ. އޭގެ އިތުރަށް ވެސް ފީފާއިން ދެ ލައްކަ ޑޮލަރު ދިނުމަށް ވަނީ ނިންމައިފައެވެ.

ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބައްސާމްގެ ޕާސްޕޯޓު މިހާރު ހިފަހައްޓާފައިވާއިރު، އެފްއޭއެމް ހިންގުމުގައި އިސްކޮށް ތިބި މީހުންގެ މައްޗަށް ކުރަނީ، އެ އެސޯސިއޭޝަނަށް ފީފާއިން ފޮނުވާ ފައިސާ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެކި ކަންކަމަށް ބޭނުންކުރުމުގެ ތުހުމަތެވެ.

ޕީޖީން ބުނެފައިވަނީ ފައިސާއާ ގުޅުން ހުރި މިފަދަ ތަހުގީގުތަކުގައި ބޭންކް ކާޑުތަކުން މީހުން ކުރާ މުއާމަލާތްތައް މެދުވެރިކޮށް، ތަހުގީގަށް މުހިންމު މައުލޫމާތު ލިބޭ ކަމަށެވެ.

އެގޮތުން ތުހުމަތުކުރެވޭ މީހުން ކުރާ ދަތުރުތަކުގައި ކާޑު ބޭނުންކޮށްފައިވުމުން، އެ މީހުން ދިޔަ ހޮޓެލްތަކާއި ޝޮޕިން މޯލްތައް އެނގެން އޮތް ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެފްއޭއެމްގެ މައްސަލައިގައި ދައުވާ ކުރުމުގެ ކުރިން އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހުރިކަން ޕީޖީން ފާހަގަކުރިއެވެ.

އެ މައްސަލައާ ގުޅިގެން ބައްސާމް ވިދާޅުވެފައިވަނީ އެފްއޭއެމްގެ އެއްވެސް ފައިސާއެއް އޭނާގެ އެކައުންޓަށް ވަދެފައި ނުވާނެ ކަމަށާއި ފީފާއާއި އޭއެފްސީގެ އޮޑިޓްތަކުން ވެސް ކޮރަޕްޝަންގެ މައްސަލައެއް ފާހަގަކުރެވިފައި ނޯންނާނެ ކަމަށެވެ.

comment ކޮމެންޓް