ފްލައިދުބާއީން ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ނޮވެމްބަރު މަހު ދަތުރުތައް ބޭއްވުމަށް ތައްޔާރުވަނީ

ފްލައިދުބާއީގެ ފްލައިޓެއް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ/އެމްއޭސީއެލް

ދުބާއީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްލައިދުބާއީގެ ދަތުރުތައް ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ބޭއްވުމަށް ނިންމައިފިއެވެ.

ފްލައިދުބާއީން ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ފެށުމަށް ހަމަޖެހިފައިވާ މި ދަތުރުތަކާ ބެހޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން ފްލައި ދުބާއީގެ ރާއްޖޭގެ އޭޖެންޓް އޭސް ޓްރެވަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ, ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދަތުރުތައް ބޭއްވުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

ފިރާގް ވިދާޅުވީ، ފްލައިދުބާއީން ކޮލަމްބޯ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އުދުހުންތައް ފެށުމަށް އަވައްޓެރި ލަންކާ ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން މިހާރު ހުއްދަ ދީފައިވާކަމަށެވެ.

ފްލައިދުބާއީން ނިންމާފައިވަނީ، ކޮލަމްބޯ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ކޮންމެ ދުވަހަކު ފްލައިޓެއް ބޭއްވުމަށެވެ. މި ދަތުރުތަކުގެ އަގުތައް ހެޔޮވާނޭކަމަށް ފިރާގު ވިދާޅުވިއެވެ.

"ބަޖެޓް އެއާލައިނެއް ނަމަވެސް މި ފްލައިޓުގައި ބިޒްނަސް ކުލާހާއި އިކޮނޮމީ ކުލާހުން ޓިކެޓް ނެގޭނެ. މިހާރު ދަތުރުތައް ރާވާފައި އިންގޮތުން ކޮލަމްބޯއިން ރާއްޖެ އަށް ފްލައިޓް އަންނާނީ މެންދުރުފަހު،" ފިރާގު ވިދާޅުވިއެވެ.

ފްލައިދުބާއީން މިހާރުވެސް އަންނަނީ ދުބާއީން ރާއްޖެއަށް ކޮންމެ ހަފުތާއަކު އުދުހުންތައް ބާއްވަމުންނެވެ. ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން 2019 ވަނަ އަހަރު ފްލައި ދުބާއީން ރާއްޖެއަށް ކުރަމުންއައި ދަތުރުތައް ހުއްޓާލިނަމަވެސް 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަލުން ދަތުރުތައް ވަނީ ފަށާފައެވެ.

comment ކޮމެންޓް