ބިރުވެރި ހިނިތުންވުމަކާއެކު ބޮކްސް އޮފީހުގެ އެއްވަނައަށް!

ބިރުވެރި ހިނިތުންވުމަކުން މީހުން މަރުވާ ބިރުވެރި ފިލްމެއް ކަމަށްވާ "ސްމައިލް" ބޮކްސް އޮފީހުގެ ޗާޓު އެއްވަނައަށް އަރައިފިއެވެ.

އޮކްޓޯބަރާ ދިމާކޮށް ބޮޑެތި ކުންފުނިތަކުން އަންނަނީ ބިރުވެރި ފިލްމުތައް ރިލީޒް ކުރަމުންނެވެ. އެއާއެކު ޔުނިވާސަލް އިން ސްމައިލް ރިލީޒްކޮށްފައިވަނީ މިދިޔަ ހަފުތާ ބަންދުގައެވެ.

އެއާއެކު އެ ފިލްމަށް ވަނީ ހަފުތާ ބަންދުގައި އެކަނި ވެސް އެމެރިކާއިން 22.4 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައެވެ. މިއީ މި ހަފުތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެވެ. އެހެން ހުރިހާ ފިލްމުތަކުގެ އާމްދަނީ އުޅެނީ 10 މިލިއަން ޑޮލަރުން ތިރީގައެވެ.

މި ފިލްމުގައި ފެނިގެންދާނީ ތެރަޕިސްޓެއް ގާތަށް އަންހެނެއް ދާ ހިސާބުން އޭނާގެ ދިރިއުޅުން ބަދަލުކޮށްލާ ތަނެވެ. ފާޑެއްގެ މީހެއް ބިރުވެރި ގޮތަކަށް ހިނިތުން ވެގެން ހުންނަތަން އެ އަންހެން މީހާ އަށް ފެނެއެވެ. އަދި އެންމެފަހުން އެ އަންހެން މީހާ ތެރަޕިސްޓު ކުރިމަތީގައި މަރުވެއެވެ.

މިހާ ހިސާބުން އެ ތެރަޕިސްޓަށް ދެން ފެންނަން ފަށަނީ އަންހެން މީހާ ބިރުވެރިގޮތަކަށް ހިނިތުން ވެގެން ހުންނަ ތަނެވެ. މި ފިލްމުގައި ލީޑް ރޯލުން ފެންނާނީ ސޫޒީ ބޭކަން އާއި ކެއިޓްލިން ސްޓޭސީ އާއި ޖެސީ ޓީ އަޝާ އަދި ކައިލް ގޯލްނާއެވެ.

comment ކޮމެންޓް