ބްލެކްމެއިލް މައްސަލައިގައި ހައްޔަރުކުރި ވަކީލު ދޫކޮށްލައިފި

ބަދުއަޚްލާގީ ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލައިގައި ހައްޔަރު ކުރި ށ. ފުނަދޫ، ސީސްޓާ، މައުމޫން މޫސާ، 41 ---

ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ރިކޯޑުކޮށް، އެމީހުން ބްލެކްމެއިލް ކުރި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ގާނޫނީ ވަކީލެއް ކަމަށްވާ، ށ. ފުނަދޫ، ސީސްޓާ، މައުމޫން މޫސާ، 41، ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 20ގައި ހައްޔަރުކުރި މައުމޫނަށް ކްރިމިނަލް ކޯޓުން ދިން 10 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ގެންދިޔަ ކަމަށެވެ. ކޯޓުން ނިންމީ އޭނާ ބަންދުން ދޫކޮށްލަން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި މައުމޫނުގެ އިތުރުން ހައްޔަރު ކޮށްފައިވާ ދެ މީހުންގެ ތެރެއިން، ބ. ދަރަވަންދޫ، ހީމަ، މުހައްމަދު މިހާދު މުސްތަފާ، 24، ގެ ބަންދަށް އިތުރު ހަތް ދުވަސް މިދިޔަ ހުކުރު ދުވަހު ކޯޓުން ވަނީ އިތުރުކޮށްދީފައެވެ. ދެން ހައްޔަރުކުރި، ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުﷲ، 37، ގެ ބަންދުގެ މުއްދަތު އަދި ހަމައެއް ނުވެއެވެ.

ހައި ޕްރޮފައިލް ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގުމަށްފަހު ވީޑިއޯކޮށް އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރިކަމަށް ތުހުމަތުވާ މީހުން--- ފޮޓޯ/ ފުލުހުން

ހަމްދޫނާއި މިހާދު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. ހަމްދޫންގެ ބަންދަށް 15 ދުވަސް ޖެހިއިރު މިހާދުގެ ބަންދަށް ފުރަތަމަ ޖެހީ ހަތް ދުވަހެވެ.

އެ މައްސަލާގައި ހިމެނޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރު ކުށަށް އިއުތިރާފް ވުމާއެކު ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. އަދި އޭނާގެ މައްޗަށް އޮރިޔާން ކާޑް އުފެއްދި ކަމުގެ 40 ދައުވާއެއް ވެސް ވަނީ އުފުލާފައެވެ. އެ ދައުވާތަކަށް ވެސް އޭނާ އިއުތިރާފުވުމުން ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

އަލަމްގީރުގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ ތިން ދިވެއްސެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އެއީ ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރި އަބްދުއްރަހްމާން ރަފީއުއެވެ.

މި މައްސަލައިގައި ހިމެނޭ ނާޒިމް ސައްތާރު އަލަމްގީރާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އެއްބަސްވެ، ކުށަށް ތައުބާވެފައިވާތީވެ ކުރިމިނަލް ކޯޓުން ވަނީ އޭނާ ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފައެވެ. އަދި ރަފީއުއަށް އިއްވާފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް