ކޯސްޓާގެ ތުހުމަތުތައް އެފްްއޭއެމްއިން ސިފަކުރަނީ މަޝްހޫރުވާން ޖަހާ މަޅިއެއްގެ ގޮތުގައި

ސިމާއޯ ކޯސްޓާ އަދި ޖަވާޒް---

ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ސިމާއޯ ކޯސްޓާ ރާއްޖޭގެ ކުލަބުތަކަށާއި އެފްއޭއެމްއަށް ކުރާ ތުހުމަތުތައް އެ އެސޯސިއޭޝަނުން ދޮގުކޮށްފިއެވެ.

ކޯސްޓާ އިއްޔެ އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ރާއްޖޭގެ ދެ ކުޅުންތެރިއަކަށް މުސާރަ ނުދޭތީވެ އެ ދެ ކުޅުންތެރިން ރާއްޖޭގައި ހާލުގައި ޖެހިފައިވާކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް "ސަން"އަށް ވިދާޅުވީ ކުލަބުތަކުގައި މުސާރައިގެ މައްސަލަތައް ހުރެދާނެކަމަށާއި، ބޭރު ދެ ކުޅުންތެރިއަކު ރާއްޖޭގައި ހާލުގައި ޖެހިގެން އުޅޭކަން އެފްއޭއެމްއަށް އަދި އަންގާފައި ނުވާކަމަށެެވެ.

ޖަވާޒް ވިދާޅުވީ ކުޅުންތެރިއަކު ރާއްޖޭގައި ހާލުގައި ޖެހިގެން އުޅުމަކީ ނުރައްކާތެރިކަމެއް ކަމަށާއި، އެފްއޭއެމަށާއި ފީފާއަށް އެކަން އެނގުނު ނަމަ މިހާރު އޮންނާނީ އެކަމަށް ފިޔަވަޅު އަޅާފައިކަމަށެވެ.

"އެފްއޭއެމްއަކަށް ނޭނގޭ ރާއްޖޭގެ ދެ ކުޅުންތެރިއަކު ހާލުގައި ޖެހިގެން އުޅޭކަމެއް. ނަމަވެސް ބޭރުގައި ހުރި ކުރީގެ ކޯޗަކަށް އެބަ އެނގޭ ދެ ކުޅުންތެރިން ހާލުގައި ޖެހިގެން އުޅޭކަން. އަޅުގަނޑަކަށް މި ދައްކާ ވާހަކައެއް ހަމައެއް ނުޖެހޭ،" ޖަވާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޯސްޓާ ފޭސްބުކްގައި ދޭތެރެ ދޭތެރެއިން ރާއްޖޭގެ ފުޓުބޯޅައާ ބެހޭގޮތުން ވާހަކަ ދައްކަނީ އޭނާ މަޝްހޫރު ވާންކަމަށާއި، އޭނާ ދައްކާ ވާހަކައިގައި އެއް ވެސް އޮއްޓަރެއް ނެތްކަމަށެވެ.

މީގެއިތުރުން ސިމާއޯ ކޯސްޓާ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަށް 10 މަސް ދުވަހުގެ މުސާރަ ނުދީ ވާކަމަށް ވެސް ފޭސްބުކްގައި ވަނީ ބުނެފައެވެ.

ނަމަވެސް ޖަވާޒް ވިދާޅުވީ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު އޭނާއަށް މުސާރަ ނުދޭކަމަށް ނުބުނާކަމަށެވެ.

މީގެއިތުރުން ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިން ބައިތިއްބާ ޔޫތު އެކޮމަޑޭޝަން ބްލޮކްގެ ފެނާއި ކަރަންޓު ބިލް ނުދެއްކޭތީވެ ކުޅުންތެރިން އެ އިމާރާތުން ނިކުތުމަށް އަންގާފައިވާކަމަށް ވެސް ކޯސްޓާ ވަނީ ބުނެފައެވެ.

އެ އިމާރާތް ހުސްކުރަން އޭފްއޭއެމްއިން ނެރެފައިވާ ނޯޓިހާ އެކު ކޯސްޓާ ބުނެފައިވަނީ ރާއްޖޭގެ ބައެއް ކުޅުންތެރިން އެކަމުގެ ސަބަބުން އޭނާއަށް ކަންބޮޑުވުން ހިއްސާކޮށްފައިވާކަމަށެވެ.

ނަމަވެސް އެފްއޭއެމްގެ އެ ނޯޓިސްގައި ޔޫތު މިނިސްޓްރީގެ އިއުލާނަކާ ހަވާލާދީ ބުނެފައި ވަނީ މިނިސްޓްރީން އެކުލަވާލައިފައިވާ ޓްރަސްޓް ފަންޑުގެ ދަށުން އެކޮމަޑޭޝަން ބްލޮކް ކުއްޔަށް ދޭން ނިންމާފައިވާކަމަށެވެ. އެހެންކަމުން ޓްރާންސްޓް ފަންޑުގެ އުސޫލަށް އަމަލު ކުރުމުގެ ކުރިން ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުން ހުއްޓާލައިފައިވާކަމަށް އެ އިއުލާނުގައިވެއެވެ.

އެ އުސޫލުގެ ދަށުން ގައުމީ މުބާރާތްތަކަށާއި، ގައުމީ ޓީމް ނުވަތަ ގައުމީ ޕޫލްގެ ކުޅުންތެރިންނަށް ޖާގަ އޮތް މިންވަރަކުން ހަމަހަމަ ކަމާއެކު ޖާގަ ދޫކުރާނެކަމަށް މިނިސްޓްރީން ބުނެއެވެ.

އެކޮމަޑޭޝަން ބްލޮކް ކުއްޔަށް ނެގުމަށް އަލުން އިއުލާން ކުރުމުން އެ އުސޫލުގެ ތެރެއިން ކުލަބުތަކުން އެ ބްލޮކް ކުއްޔަށް ނެގުމުން އެ ބްލޮކްގައި ކުޅުންތެރިން ބޭތިއްބޭނެކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ކޯސްޓާ އަކީ އޭނާއަށް ދޭންޖެހޭ ހަތް މަހުގެ މުސާރަ ނުދޭކަމަށް ބުނެ މިދިޔަ މަހު މަގާމުން އިސްތިއުފާ ދިން ކޯޗެކެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމުން އިސްތިއުފާ ދޭން ޖެހުމުން ދެރަވާ ކަމަށާއި މުސާރައާ ގުޅޭގޮތުން އެފްއޭއެމްއިން މިހާތަނަށް އެއްވެސް ޚަބަރެއް ނުވާކަމަށް ވެސް ކޮސްޓާ ބުންޏެވެ.

އޭނާގެ ތަޖުރިބާއާއި ހުނަރު ބޭނުން ކޮށްގެން ރާއްޖޭގެ ޓީމަށް ރަނގަޅު ނަތީޖާ ނެރެދޭން މަސައްކަތްކޮށްފައި ވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އެގޮތުން ރަސްމީ ހަތަރު މެޗު ކުޅެ، ޓީމަށް ދެ މޮޅު ލިބުނުކަން އޭނާ ފާހަގަކުރެއެވެ. އަދި އެކުވެރި ކަމުގެ މެޗެއްގައި ބަންގްލަދޭޝް އަތުން މޮޅުވެވުނުކަމަށް ވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް