ފަހުގެ އައިފޯނު ދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު 'ފިލައިފި'

ރާއްޖޭގެ ފިހާރައެއްގައި އައިފޯނު ވިއްކަނީ: ފަހުގެ އައިފޯނު ގެނެސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން އެޑްވާންސް ފައިސާ ނެގި ޕޭޖެއްގެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައި ----

އެންމެ ފަހުން އެޕަލް އިން ބާޒާރަށް ނެރުނު އައިފޯނުތައް ހެޔޮއަގުގައި ގެނެސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން އެޑްވާންސަށް ފައިސާނަގައި ލަނޑުދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ކޮމާސް އިލެކްޓްރޯނިކް މޯލްޑިވްސްގެ ނަމުގައި އިންސްޓަގްރަމްގައި ހުޅުވި ޕޭޖަކުން ވަނީ އާންމުކޮށް ރާއްޖޭގެ ބާޒާރުގައި އައިފޯނު ލިބެންހުރި އަގަށްވުރެ ހެޔޮއަގުގައި ފޯނު ގެނެސްދޭނެ ކަމަށް ބުނެ ޕްރީ އޯޑަރަކަށް ހުޅުވާލާފައެވެ.

އެހެން ޕްރީ އޯޑަރުތަކާ އަޅާ ބަލާއިރު އެ ޕޭޖުން އެޑްވާންސްގެ ގޮތުގައި ނަގާފައިވަނީ ވެސް ކުޑަ އަދަދެކެވެ. ތިން ހާސް ރުފިޔާ އެޑްވާންސްގެ ގޮތުގައި ދެއްކުމުން ފަހުގެ އައިފޯނުގެ އެކި ސީރީސްތައް މި މަހުގެ ތިން ވަނަ ދުވަހާއި ފަސް ވަނަ ދުވަހު ކަސްޓަމަރުންނާ ހަމައަށް ގެންގޮސްދޭނެ ކަމަށް ވެސް އެ ޕޭޖުން ވަކިވަކި ފަރުދުން ކައިރީގައި ވަނީ ބުނެފައެވެ.

އީ ކޮމާސް ޕޭޖު ޑިލީޓް ކޮށްލާފައިވާއިރު އެ މީހުން ބޭނުންކުރި ވައިބާ ނަންބަރު ވެސް ވަނީ ޑީއެކްޓިވޭޓް ކޮށްފައި ---

ޕްރީ އޯޑަރަށް ހުޅުވާލިތާ މާ ގިނަ ދުވަސްތަކެއް ނުވެ އެ ޕޭޖުން ވަނީ ފޯނުގެ ސްޓޮކް ހުސްވެފައިވާ ކަމަށް ބުނެ ޕޯސްޓެއް ވެސް ކޮށްފައެވެ.

އެޑްވާންސްއަށް ފައިސާ ދެއްކި ބައެއް މީހުން އެ ޕޭޖްގެ ވައިބާ ނަންބަރާ މުއާމަލާތް ކުރި ނަމަވެސް މިހާރު ވަނީ ވައިބާ އެކައުންޓް ޑީއެކްޓިވޭޓްކޮށް ޕޭޖް ވެސް ޑިލީޓް ކޮށްލާފައެވެ.

އެކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ބުނީ, އެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އެޕްލްއިން މި އަހަރު އަލަށް ޕްރޮޑަކްޓްތައް ނެރޭ ދަނޑިވަޅާ ދިމާކޮށް ވުޖޫދުވި އެ ޕޭޖް ވަނީ 'ބޮޑު' ގިވްއަވޭ އެއް ވެސް ކުރިއަށް ގެންގޮސް ޕޭޖަށް ގިނަ އަދަދެއްގެ ފޮލޯވަރުން ވެސް ހޯދާފައެވެ.

އީ ކޮމާސް ޕޭޖުން ފަހުން ފޮލޯ ކޮށްފައިވަނީ އަލްހާން ފަހުމީއަށް އެކަނި ----

ޕޭޖް ގެއްލުނުއިރު އަށްހާހަަށްވުރެ ގިނަ ފޮލޯވަރުން ތިބިއިރު އެ ޕޭޖުން ފޮލޯކުރަމުން ދިޔައީ ހަ ވަރަކަށް އެކައުންޓަށެވެ. އަދި ފަހުން ފްލޯ ކޮށްފައިވަނީ އެންމެ އެކައުންޓަކަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ނަމުގައި ހަދާފައިވާ އެކައުންޓެކެވެ.

comment ކޮމެންޓް