ގޭގަހުރި ބޭނާ ގެންދިޔަޔަސް، ހިތުގައި ބިންވަޅު ނެގިފައިވާ އިންޑިއާ އައުޓް ނުގެންދެވޭނެ: ޔާމީން

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާ ހަވާލުކުރަން ބޭއްވި ހަވާލޭ ވަތަން ޖަލްސާގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ --- ސަން ފައިލް ފޮޓޯ/ އަބްދުﷲ އަބީދު

ގޭގައި ހުރި ބެނާ ގެންދިޔަޔަސް، ހިތުގައި ބިންވަޅު ނެގިފައިވާ އިންޑިއާ އައުޓް ނުގެންދެވޭނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބޭރުގެ އެއްވެސް އަސްކަރިއްޔާއެއް ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށެވެ. އަދި އެކަމަކީ އެމަނިކުފާނު ނަފްރަތު ކުރައްވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ގޭގައި ދަމާ ބެނާ ގެންދިޔަޔަސް ހިތުގައިވާ އިންޑިއާ އައުޓް ނުގެންދެވޭނެ ކަމަށެވެ.

"އަޅުގަނޑުގެ ގޭގައި، އިންޑިއާ އައުޓް ބެނާ ނެގީމަ، އަޅުގަނޑުގެ ހިތުގައި ބިންވަޅުނެގިފައިވާ އިންޑިއާ އައުޓް ގެންދެވުނީތޯ؟ ނުގެންދެވޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ހިންގުން ހުއްޓުވުމަށް ރައީސްއަށް ގަރާރުތަކެއް ވެސް ނެރެވިދާނެ ކަމަށެވެ. ނަމަވެސް އެކަމަކުން ހިތުގައި އޮންނަ ރާއްޖެ ދެކެވާ ލޯތްބަށް ދެވަނަ ދަރަޖަ ދެވޭނެ ގޮތެއް ނެހެދޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ފައިބަން ޖެހޭ ކަމަށެވެ.

"މިރޭ ވެސް އަޅުގަނޑު ގޮވާލަނީ ހަމަ އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ބޭރަށް ދާން، ހަމަ އިންޑިއާ އައުޓް ވާން ޖެހޭނެ،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީނާއި އިދިކޮޅު ކޯލިޝަނުން ދަނީ އިންޑިއާއިން ރާއްޖެއަށް ބާރުފޯރުވަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިދިކޮޅު ކޯލިޝަނުން އިންޑިއާ އައުޓް ހަރަކާތް ފަށާފައިވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށެވެ. އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ނެރުއްވި ގަރާރާއެކު މިހާރު އެ ހަރަކާތް ވަނީ މަޑުޖެހިފައެވެ.

'ސަންގުޓީވީ'އަށް މީގެކުރިން ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އިންޑިއާ އައުޓް ހަރަކާތް މަޑުޖެހިފައިވާ ސަބަބު ކިޔައިދެއްވަމުން ރައީސް ޔާމީން ވަނީ އެ ހަރަކާތް މަޑުޖެހިފައިވަނީ އިންޑިއާ އައުޓް ކެންޕޭނާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނެރުއްވި ގަރާރު އޮތުމާއެކު އިތުރު ހަމަނުޖެހުމަކަށް ދާން ބޭނުން ނުވާތީ ކަމަށް ވިދާޅުވެފައެވެ.

އޭޕްރީލް މަހުގެ 21ގައި ރައީސް ސޮއި ކުރައްވައި ނެރުއްވި "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ގަރާރުގައި ވަނީ އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށެވެ.

ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ކަމަށާއި އޭގެ ސަބަބުން ގައުމަށް ނުރައްކާ އޮތް ކަމަށް ގަރާރުގައިވެއެވެ.

އަދި "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމާންކަމާއި ހަމަޖެހުން ގެއްލި، އިގުތިސާދަށާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހި ދާނެ ކަމަށް ގަރާރުގައިވެއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވުމުގެ ބިރު އޮތް ކަމަށް ވެސް ގަރާރުގައިވެއެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ 2023ގެ ރިޔާސީ އިންތިޚާބަށް އެ ކޯލިޝަންގެ މެނިފެސްޓޯގައި އެންމެ އިސްކަމެއް ދެއްވާނެ ދާއިރާތައް ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މެނިފެސްޓޯގައި އެންމެ އިސްކަމެއް ދޭނީ ޒުވާނުންނާއި، މަސްވެރިންގެ އިތުރުން އަންހެން ކަނބަލުންނަށް ކަމަށެވެ.

އެގޮތުން ޒުވާނުންނަށް ވަޒީފާ ހަމަޖެއްސުމާ، ބޯހިޔާވަހިކަން ފޯރު ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އަންހެނުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް މަސައްކަތް ކުރުމާއެކު މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުމުގެ މައްސަލައާއި މަހަށް ހަމައަގު ނުލިބުމުގެ މައްސަލަ ހައްލުކުރައްވަން އިސްކަން ދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް